ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު މުބާރާތް، ފީފާ ވޯލްޑް ކަޕުގެ 2030 ވަނަ އަހަރު ބާއްވާ އެޑިޝަންގެ މެޗުތައް ޖުމްލަ ހަ ގައުމެއްގައި ކުޅޭނެކަން ދުނިޔޭގެ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ފީފާއިން އިއުލާނުކޮށްފިއެވެ.

ފީފާއިން ހާމަކޮށްފައިވާ ގޮތުގައި ފީފާ ވޯލްޑް ކަޕް 2030 ގެ ހޯސްޓު ގައުމުތަކަކީ ޔޫރަޕުގެ ސްޕެއިން އާއި ޕޯޗުގަލްގެ އިތުރުން އެފްރިކާގެ މޮރޮކޯއެވެ.

އެހެންނަމަވެސް މުބާރާތުގެ އެންމެފުރަތަމަ ތިން މެޗު ކުޅުމަށް ޝެޑިއުލް ކޮށްފައިވަނީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާގައި އާއި، އުރުގުއާއިގެ އިތުރުން ޕެރަގުއާއީގައި އެވެ. މިއީ މި މުބާރާތުގެ 100 ވަނަ އެނިވާސަރީ ފާހަގަކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

އެހެންކަމުން މިފަހަރުގެ މުބާރާތުގެ މެޗުތައް ޖުމްލަ ހަ ގައުމެއްގައި ކުޅޭއިރު، މެޗުތައް އެ ކުޅެވެނީ ތިން ބައްރެއްގައެވެ. މިއާއެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ މި މުބާރާތުގެ ތާރީޚުގައި ވެސް، ތަފާތު ބައްރުތަކުގައި މެޗުތައް ކުޅޭނެ ފުރަތަމަ ފަހަރަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ޕޯޗުގަލް، ސްޕެއިން، މޮރޮކޯ އަދި އާޖެންޓީނާ، ޕެރަގުއާއި އަދި އުރުގުއާއީ މި މުބާރާތަށް، ކޮލިފިކޭޝަން މެޗުތައް ނުކުޅެ ކޮލިފައިވާނެއެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕް ހޯސްޓުކޮށްފައިވަނީ ޤަތަރުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދީ ފައިނަލުގައި، 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރާނީ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯއިންނެވެ.

ފީފާ ވޯލްޑް ކަޕްގެ އެންމެފުރަތަމަ މުބާރާތް ކުޅެފައިވަނީ 1930 ވަނަ އަހަރުއެވެ. ވޯލްޑް ކަޕުގެ އެންމެފުރަތަމަ ޗެމްޕިއަނުންނަކީ އުރުގުއާއީއެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ވެސް އެ ގައުމުގައެވެ. އޭގެފަހުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަމުން އަންނައިރު، މެދުކެނޑުމެއް އައިސްފައިވަނީ ހަމައެކަނި 1942 ވަނަ އަހަރު އަދި 1946 ވަނަ އަހަރުއެވެ. އެއީ އެ ދުވަސްވަރު ދެވަނަ ބޮޑުހަނގުރާމަ ކުރަމުންދިޔުމާ ގުޅިގެންނެވެ.

ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެގިނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލްއިން ޖުމްލަ ފަސް ފަހަރަށް ޗެމްޕިއަންކަން ހޯދާފައިވެއެވެ.