އެއީ 1999 ވަނަ އަަހަރެވެ. އަހަރެންގެ ބައްޕަ މުހަޢްމަދު ރިޔާޟް މަަަސައްކަތްކުރައްވަމުންދިޔައީ ރ. އަތޮޅު މަދަރުސާގައި ޓީޗަރެއްގެ ގޮތުގައެވެ. އަހަރެންގެ މަންމަ ސިފަކުރާ ގޮތުގައި، އޭރަކީ މިހާރަށްވުރެ ބޮޑަށް ދަރިވަރުން މުދައްރިސުންނަށް އިޚްތިރާމާއި ޤަދަރުކުރާ ދުވަސްވަރެކެވެ. މަންމަ ބުނި ގޮތުގައި، އޭރު ރ. ކަނދޮޅުދޫގައި އެދެމަފިރިން ދިރިއުޅެމުންދިޔައިރު، މަންމަަ މަގުމަތީގައި ހިނގާފައި ދާއިރު ސްކޫލް ކުދިންނަށް ފެނުމުން އިސްދަަށަށް ޖަހާލައެވެ. އަދަބު އިޚްތިރާމްގެ ފިޔަ ތިރިކޮށްލައެވެ. ސަބަބަކަށްވަނީ އެކުދިންގެ މުދައްރިސްގެ އަނބިމީހާއަށް ވާތީއެވެ.

މަންމަ ކިޔައިދިން އެވާހަކަ ކުށްލިއަކަށް ހަނދާނަށް އައީ މިއަހަރުގެ، ދުނިޔޭގެ ޓީޗަރުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ބޮލުތެރޭގައި އެނބުރޭ ކަންކަމުގެ ސަބަބުންނެވެ. ހަމަ ހަގީގަތުގައިވެސް އެޒަމާނަކީ މިހާރާ އަޅާބަލާއިރު ބޮޑަށް ދިވެހި ދަރީން އެމީހުންގެ މުދައްރިސުންނަށް ލޯތްބާއި އިޚްތިރާމާއި ޤަަދަރުކުރި ޒަމާނެކެވެ. އެޒަމާނުގައިވެސް މުދައްރިސުންނަށް އިޚްތިރާމްކުޑަކުރާ ދަރިވަރުން އުޅުނެއެވެ. އެކަމަކު އެއީ ނިސްބަތުން މަދެވެ. މިހާރަކަށް އައިސް ޓީޗަރުންނާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވާ ދަރިވަރުންނާއި ބެލެނިވެރިންވެސް އަންނަނީ އިތުރުވަމުންނެވެ. މުދައްރިސުންގެ ބަސްނާހާ ކުދިން ގިނަވެ އޭގެ އަސަރު ރަނގަޅަށް ތިބޭ ކުދިންނަށްވެސް ކުރަނީއެވެ.

ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ އަތްމަތިންނެވެ. ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމަޢުގައި އުފެދިގެން އަންނަނީ، ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައެވެ. ޤައުމު ތަރައްޤީކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް، ޓީޗަރުންގެ މިންނެތް މަސައްކަތުންކަން ކަށަވަރެވެ. މި ސަބަބުތައް މިހެން ހުރުމުން، ފެންވަރު ރަނގަޅު ޓީޗަރުން އުފައްދައި، ޓީޗަރުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭންޖެހޭ ކަމެކެވެ.

މިނިމިދާ ސަރުކާރުންވަނީ ޓީޗަރުން ބިނާކުރުމަށާއި ޓީޗަރުން ކުރާ މަސައްކަތުގެ އަގު ހިފޭއްޓުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން، ޓީޗަރުންގެ މުސާރައަށްވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވާ ގޮތުގައި، ޓީޗަރުންގެ މުސާރަައަށް ގެނައި ބަދަލާއެކު ދާއިރާއަށް ގުޅެން ބޭނުންވާ މީހުން ގިނަކަންވަނީ ފާހަގަކުރެވިފައެވެ.

މިނިސްޓަރ ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު، ގިނަ ބަޔަކު މިދާއިރާއަށް ވަންނަން ބޭނުންވާކަން ފާހަގަކުރެވޭ ކަމަށާއި، އެހެންނަމަވެސް މުސާރަ ބޮޑުވުމުގެ ސަބަބުން އެދެވޭ ބަދަލެއް ތައުލީމީ ދާއިރާއިން ފެންނަން އަދި ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ޓީވަރުންގެ މޯޓިވޭޝަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ޑރ. އައިޝަތު ޢަލީ އިތުރަށް ވިދާޅުވީ، ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މި ސަރުކާރުން ކުރި ދިރާސާގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މުސާރައާއި އިނާޔަތްތައް ކުޑަކަމުގެ ވާހަކަކަމަށެވެ. މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ދަތިތަކާއި، އެކަށީގެންވާވަރަށް ރިސޯސަސް ނުލިބުމުގެ ކަންކަންވެސް ފާހަގަކޮށްފައިވާ ކަަމަށެވެ.

މި ސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު، ގިނަ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި 20،000 ރުފިޔާއަށްވުރެ ގިނައިން ލިބޭނެއެވެ. އެގޮތުން ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު 2 ގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ގެނެސްފައިވެއެވެ.

މިއާއެކު، ރޭންކް އެކެއްގެ ޓީޗަރުންނަށް 13،266 ރުފިޔާ، ރޭންކް ދޭއްގެ ޓީޗަރުންނަށް 19،467 ރުފިޔާ އަދި، ރޭންކް ތިނެއްގެ ޓީޗަރުންނަށް 20،895 ރުފިޔާ ލިބޭނެއެވެ. ރޭންކް ހަތަރެއްގެ ޓީޗަރުންނަށް 20،865 ރުފިޔާ ހަމަޖައްސާފައިވާއިރު، ރޭންކް ފަހެއްގެ ޓީޗަރުންނަށް ހަމަޖައްސާފައިވަނީ 25،958 ރުފިޔާއެވެ. އެޑިއުކޭޝަނުން ވަނީ ރޭންކް ހަތަރެއް އަދި ފަހެއްގެ ޓީޗަރުން އަދި ނެތް ކަމަށް ބުނެފައެވެ. މީގެއިތުރުން ލީޑިން ޓީޗަރުންނަށް ކުރިން ދެމުން އައި 1000 ރުފިޔާގެ އިނާޔަތް ވަނީ 2000 ރުފިޔާއަށް ބަދަލުކޮށްފައެވެ.

އެހެން ނަމަވެސް ދަންނަވަންތޯއެވެ. ހެޔޮ މުސާރައަކުން އެކަނި ނުފުދެއެވެ. މިއަދު ޓީޗަރުންނަށް އެންމެ ބޭނުންވަނީ އެ މީހުންގެ މަސައްކަތް ބަލައިގަތުމެވެ. އެ މީހުންނަށް ހައްގު ލޯތްބާއި އިޚްތިރާމް ލިބުމެވެ. އެމީހުންނަށް ޤަދަރުކުރުމެވެ. ޤައުމުގެ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުންކަން ދަންނަން އެބަ ޖެހެއެވެ.

ތަފާތު މިޒާޖުގެ ދަރިވަރުނަށް މުދައްރިސުން ކިޔަވައިދެމުން ދަނީ އެއްވެސް މަުބޫރުކަމެއް ނެތި ވަރުބަލިވުމެއް ނެތި ފޫހިކަމެއް ނެތިއެވެ. ފިލާވަޅުތައް ތައްޔާރުކުރުމާއި އިމްތިޙާން ކަރުދާސްތަކާއި ވާކްޝީޓުތައް ތައްޔާރުކުރުމާއި ފޮތްތަކާއި ޕޭޕަރު މާކުކުރުން އަދި މިނޫންވެސް އެތައްކަމެއް ރެއާދުވާލު ކުރަމުންދާއިރު މުދައްރިސުންގެ އަގުވަޒަންކުރަންވީ އަހަރަކު އެއްފަހަރަކު ނޫނެވެ.

މުދައްރިސުންގެ އަގުވަޒަންކޮށް، މުދައްރިސުންގެ މަސައްކަތްތަކަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެ ދުވަހަކުހެން ކުރުން މުހިއްމު ކަމެއްކަން ގައިމެވެ. އަމިއްލަ ޢާއިލާ ދޫކޮށްލުމަށްފަހު އެތައް ވަގުތެއްގައި ދަރިވަރުންގެ ކަންކަމުގައި ހޭދަކުރުމަކީ ކިހާ ބޮޑު ޤުރުބާނީއެއްތޯއެވެ.

ދުޢާއަކީ، ރާއްޖޭގެ އެންމެހައި ޓީޗަރުންނާއި އެދުރުންނަށް ފާގަތި އަމާން މުސްތަޤުބަލެއް، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުމެވެ. ޤައުމީ ވާޖިބުތަކާއިގެން ތެދުވާނެ، ޚުލްޤު ހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ އެންމެހައި ބޭފުޅުން ކުރައްވާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލައްވައި، ތަޢުލީމީ ދާއިރާއަށް ކާމިޔާބާއި ބާއްޖަވެރިކަން މިންވަރު ކުރައްވާށިއެވެ! އާމީން