ތޭވީސް އަހަރުފަހުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ދަނޑުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާ ދެކޮޅަށްކުޅެ، ބަންގްލަދޭޝް އިން ޕޮއިންޓެއް ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅެ ބަންގްލަދޭޝްއަށް ރާއްޖެއަތުން ބަލިނުވެ ސަލާމަތްވެވިފައިވަނީ އެންމެފަހުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖޫބީލީ ފުޓްބޯޅަ މުބާރާތުގައެވެ. އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެފަހުން ގަލޮޅު ދަނޑުގައި ރާއްޖެއާއި ބަންގްލަދޭޝް އިން ބައްދަލުކުރި މިއީ ހަތަރުވަނަ ފަހަރެވެ. މި ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އެއީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗުން 0-5 ގެ ނަތީޖާއަކުން ހޯދި މޮޅާއި، އޭގެފަހުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި 0-2 ގެ ނަތީޖާއަކުން ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއިން ހޯދި މޮޅެވެ.

ފާއިތުވީ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އަދި ފެންވަރު ވެސް ބޮޑުތަނުން ދަށްވެފައިވާކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނަމުން އަންނައިރު، ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު ބަންގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ހުސް، ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ރާއްޖެއިންނެވެ. އެއީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. މިއީ ސީނިއާ ގައުމީ ޓީމަށް ޗޯޓު ޖަހައިދިން ފުރަތަމަ ގޯލު ވެސް މެއެވެ.

އޭގެ ޖެހިގެން މިނިޓްގައި ލީޑުފުޅާކުރަން އަލީ ފާސިރު (ސެންޓޭ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހުސްކޮށްލާފައި ދިން ބޯޅަ، އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެފައި ސެންޓޭ ފޮނުވާލިއިރު، ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ މާދުރުން ބޭރަށެވެ.

ރާއްޖޭގެ ލަނޑާއެކު ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، އެ ޓީމުން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ ސާދުއްދީން އެވެ.

ގަލޮޅު ދަނޑުގައި ކުޅެ ބަންގްލަދޭޝްއިން 23 އަހަރުފަހުން ރާއްޖެ އަތުން ޕޮއިންޓެއް ހޯދިއިރު، އެ ޓީމުން މިވަނީ މި މެޗު ހިމަނައިގެން އެންމެފަހުން ކުޅުނު ރަސްމީ ތިން މެޗުގައި ވެސް ރާއްޖެ އަތުން ބަލިނުވެ ސަލާމަތްވެފައެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ފަހުކޮޅު ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕުގައި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރީ 1-2 ގެ ނަތީޖާއަކުންނެވެ. އެފަހުން މި އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެއަށް ބަންގްލަދޭޝް ކައިރިން ބަލިނުވެ ސަލާމަތެއް ނުވެވުނެވެ. އެ މެޗު ބަންގްލަދޭޝް އިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބަންގްލަދޭޝް އާއި ރާއްޖޭގެ ކުރިމަތިލުން އެއްވަރުވިއިރު، ފަސް ދުވަސް ތެރޭ، މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގެ ބަޝުންދަރާ އެރީނާގައި ކުޅޭ ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ލަނޑެއް ނުޖެހި އެ މެޗު އެއްވަރުވެއްޖެނަމަ ރާއްޖެ ކަޓާނެ އެވެ. އިތުރު ވަގުތު ކުޅެން ޖެހޭނެ ހަމައެކަނި ނަތީޖާ އަކީ 1-1 އިން އެ މެޗު އެއްވަރުވުމެވެ.