މިއީ ދިވެހި މިޘާލު ބަހެކެވެ. ޢާންމު ދިިރިއުޅުމާއި ގުޅުވައިގެން މިބާވަތުގެ ބަސްތައް ވަރަށް ގިނައިން ބޭނުން ކޮށްފައި ހުރެއެވެ. ނަމަވެސް ވަރަށް މަދުންނޫނީ މިފަދަ ބަހެއް މިހާރު ބޭނުންކުރާ މީހަކު ނޫޅެއެވެ. އެއީ ދިވެހި ބަހަށް ކޮށިކަމުން ކަމެއް ނުވަތަ ޢިލްމީ ފެންވަރުގައި ވާހަކަދެއްކުމެއް ނެތީ ކަމެއް ނުވަތަ ވިސްނުމުގެ ނަޒަރިއްޔާގައި ބަލިކަށިކަމެއް ހުރީކަމެއް ނޭނގެއެވެ. އެއީ އިޖުތިމާޢީ ފޭރާން ވީދި ހަސްނެތިގެންދާއިރު އެކަމުގެ މައްޗަށް ބުއްދީގެ ތަރާދުން ކިރައިލާނެ ބަޔަކު އުފެއްދިފައި ނެތީކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކުކުޅު ހާލާއި ގުޅުވައިގެން ބޭނުންކުރާ މިފަދަ މިސާލު ބަސްތައް ވަރަށް ގިނަވާނެއެވެ. އޭގެ ތެރޭގައި ބިސްމަޅި ދުއްވުމާއި ނިދަން އަރަނީ ކޮންގަހަކަށްތޯ ސުވާލު ކުރުމާއި މިފަދަ އެތައް އެތައް ބަހެކެވެ.

ޤައުމެއްގެ ޙާލަތަށް މިބަސް ގުޅުވައިލިއްޔާ ކީއްތޯއެވެ. އަދި ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަދި މާބޮޑަށް ގުޅޭހެން ހީވެއެވެ. އެކަމުގެ ހެކި ކޮންމެ އިންތިޚާބެއް ނިމެން ގާތްވުމުން ފެންނާން ފަށައެވެ. އަދި ފޯރިއާއިއެކު 'ބަދަލު' ގެ ޖޯޝެއް އުފެދިގެންދެއެވެ. މި ޖޯޝުގައި އުނުއޮތް ފަށްޓަރުބައި ކަނޑައިގެންދިޔަޔަސް ދަމާ އެއްރައްޖަކަށް ފޫގަޅައިލައިގެން ނިކުމެ އަންބާކިޔަންފަށަނީ މަދަކަ ބައިވަރެއްނޫނެވެ. އަންބާގެ ފޯރި ކެނޑެނީ ކިހާ ހިސާބަކުން ކަމެއް އަންބާ ކިޔާ މީހުނަށްވެސް ނޭނގެއެވެ. ކުއްލިއަކަށް ފެންނަނީ 'އަނެއްބަދަލު' ގެ ފޯރި ނަގަމުން ގެންދާތަނެވެ.

ރިޔާސީ އިންތިޚާބު 2023

މީގެ ދުވަސްކޮޅެއްކުރީން ރިޔާސީ އިންތިޚާބެވެ. އަދި އޭގެ ފަސްއަހަރު ކުރީގެ ރިޔާސީ އިންތިޚާބާއި ހަތަރު އަހަރު ކުރީގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ތިން އަހަރު ކުރީގެ ކައުންސިލްތަކުގެ އިންތިޚާބެވެ.

މިވަގުތު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ފުޓުބޯޅައިގެ ވާދަވެރިކަމަށް އައި އިންްޤިލާބު ފަދައިން ޓްރާންސްފަރ ބާޒާރުވެސް ހުޅުވިގެންދާ މަޖިލީހުގެ އިންތިޚާބެވެ. ޕާޓީތަކުން ކުރިމަތިލާ މީހުނާއި އަމިއްލަ ފަރުދުންގެ ގޮތުގައި ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވަން، ނަމުގައި ނިކުންނަވާ ޢިއްޒަތްތެރި ކެންޑިޑޭޓުންނެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓުންވެސް ހޮވިވަޑައިގެން މަޤާމުގެ ހުވާކުރެއްވުމަށްފަހު ސިޔާސީ ޕާޓީއެއްގެ މަޞްލަޙަތަށް އިސްކަން ދެއްވާ މަންޒަރެވެ. މިގޮތަށް ދިމާވުމުން ގިނަ ފަހަރަށް މަޖިލީހުގައި އެ މެމްބަރަކު ތަމްޘީލު ކުރައްވާ ދާއިރާގެ މަތީން ހަނދުމަފުޅުނެތި އެހެން ބައެއްގެ މަޞްލަޙަތުގައި ވަކާލާތު ކުރައްވާތަން ފެންނަން ފަށައެވެ. ޤައުމިއްޔަތާއި ވަޠަނިއްޔަތު އަދި ތިމާއަށް މަޖިލީހުގެ ޢިއްޒަތްތެރި މަޤާމުގެ ޝަރަފު ދިން މީހުންގެ މަތީން ހަނދާން ނެތިދެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން2023

ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބަކީ 5 އަހަރުގެ ދައުރެއް އޮންނަ މަޤާމަކަށް ރައްޔިތުން އާނ! ބަސްދޭ އިންތިޚާބެކެވެ. ނަމަވެސް މި އިންތިޚާބުތަކުން މަޤާމުތައްދޭ މީހުންނަކީ ކިހާ އިޚުލާޞްތެރި ބައެއްކަން އިންތިޚާބުތަކުގެ ކެމްޕޭންތަކުން އެނގި ފެނި ދެއެވެ. އަދި ބައެއްފަހަރު ވަށައިގެން އޮތީ ކަނޑުކަންވެސް އެނގިހުރެ ފުންމައިލަނީއެވެ. އެހިސާބުން އޮޔާ ވަޔާ ގެންގޮސް ހިކިފަސްތަނަކަށް ލައްގާނީ ކަމެއްވެސް ނޭނގެއެވެ. ނުވަތަ ކަނޑުވެ އޮވެ ހަސްފަސްނެތި ދާނީކަން އެނގިހުރެވެސް މެއެވެ. މިއީ މިކަން ފާއިތުވެ ދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާ ގޮތެވެ. އެކަމަކު ކަހާތަން ހިރުވައިލި މީހަކުވެސް އުޅޭ ކަމަކަށް ނުވެއެވެ.

2008 ވަނަ އަހަރުންފެށިގެން އިންތިޚާބުތައް ބޭއްވެމުން ދަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތީންނެވެ. ޚާއްޞަކޮށް ރިޔާސީ އިންތިޚާބަކީ ރައްޔިތުންނާއި މުޖުތަމަޢުތަކުގެ ތަރައްްޤީއަށް ކުރާ އުއްމީދުތައް ހިފައިގެން ކެންޑިޑޭޓުން ރައްޔިތުންގެ ގާތަށް އަންނަ އިންތިޚާބެވެ. މި އިންތިޚާބަށް ނިކުމެވަޑައިގަންނަވާ ބޭފުޅުންނަކީ ތަހުޒީބާއި ތަމައްދުންގެ ތެރެއިން ތަޖުރިބާ ލިބިވަޑައިގެން ކަންކަމުގެ ޤާބިލްކަން ދައްކަވަމުން ވަޑައިގަންނަވާ ބޭފުޅުންނަށް ވާންޖެހެއެވެ. ނަމަވެސް މަދު ބޭފުޅަކު މެނުވީ ހެޔޮ ހިތަކާއިގެން މިއަދާއި ހަމައަށް ވަޑައިގެންފައެއް ނުވެއެވެ.

ވިތާހިރު މޮޅު އެ ރަން މުތަކީ އިތާގެ ބަނޑުން ވިހޭ ދަރިއޭ، ހިތާކޮށް ފިކުރު ބެލިނަމައީ ޢިބާރާތެއް ކަމަށް ވާނޭ"
މަރުޙޫމް ޙުސައިން ޞަލާޙުއްދީން ރަޙިމަހުﷲ

އިޤުތިޞާދީ ތަޖުރިބާއާއި ޢާންމު މުޖުތަމަޢުތަކުގެ ޙާލަތު ދެކިވަޑައިގެން އެ މުޖުތަމަޢުތަކުގެ ތަކުލީފުތަކަށް އަމިއްލަ ފަރުދެއްގެ ޙައިޘިއްޔަތުން ޙައްލެއް ގެނެސްދެއްވެވީ އެންމެ ބޭފުޅެކެވެ. އޭރު ދައުލަތުގެ ބަޖެޓުގައި ހިމެނިގެންނުވާ އެތައް އެތައް ޚިދުމަތްތަކެއް މި ދިވެހި މުޖުތަމަޢަށް ގެނެސްދެއްވި ބޭފުޅަކީވެސް އެއީއެވެ. ދިވެހީންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ މާއްދީ އަދި މަދަނީ ކަންކަމުގެ އިތުރުން ޞިއްޙަތާއި ތަޢުލީމަށް ކޮށްދެއްވި ޚިދުމަތްތައް މިއަދުވެސް އެބޭފުޅަކު އެގެންދަވަނީ ކޮށްދެއްވަމުންނެވެ. އެހެން ނަމަވެސް ރުހުމުގެ ލޮލަކުން އެއިން ކަމެއް ދެކެން ބޭނުންވާ މީހަކު މިއަދު މި ވެށީގެތެރޭގައި އުޅޭކަމަކަށް ނުފެނެއެވެ. އެކަމަކު މިޖީލުގެ ތެރޭގައިވެސް މިއަދު ތަހުޛީބުވެގެން ނިކުންނާން ތިބި ބަޔަކު އެދަނީ އެ އެހީތެރިކަމުގެ ނިޔަނެތި ކަން ހަނދާންނައްތައިލައިގެންނެވެ.

ރިޔާސީ އިންތިޚާބު 2023ގެ ކެމްޕޭންގެ ތެރެއިން

މީގެ ޖީލުތަކެއް ކުރިން އަންނަންއޮތް ނުވަތަ މިހާރު ފެންނަން މިއޮތް ޖީލުތަކަށް ކޮށްޓަވައިދެއްވި މުސްތަޤުބަލެއްކަން ދަންނަނީ އެކަން ކޮށްދެވުނުއިރު އޮތް ޖީލަށެވެ. މިއަދު ފެންނާންތިބި މާމައާއި ކާފަމެންނަށެވެ. ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަށެވެ. މިއީ ބަޔަކު ޤަބޫލުކުރިޔަސް ނުކުރިޔަސް ޙަޤީޤަތެވެ.

އެބޭފުޅެއްގެ ވާހަކަ މިތާނގައި ހާމަކުރަމުން މިގެންދާ ބޭފުޅަކީ މާމިގިޔަށް ނިސްބަތްވެވަޑައިގަންނަވާ ދިވެހި ދަރިއެކެވެ. ރައްޔިތުންނަށް އެންމެބޮޑު ތަކުލީފުތައް އުފުލަން ޖެހުނު ވަގުތު ހިތުން ރުހުމުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލެއްވި ބޭފުޅެކެވެ. އޮނަރަބްލް ޤާސިމް އިބްރާހީމެވެ. ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާ މިއަދު ތަމްޘީލު ކުރައްވަމުންގެންދަވާ އޮނަރަބްލް ޤާސިމް އިބްރާހީމެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްތަން ކުރައްވައި ޤާނޫނު އަސާސީން މިއަދު މިދެކޭ ފޮނިމީރުކަން ހޯއްދަވައިދެއްވި ޤާސިމް އިބްރާހީމެވެ. މެމްބަރުކަމަށް ނިކުމެވަޑައިގަތީ މާމިގިލި ދާއިރައިންނެވެ. ނަމަވެސް ތަމްޘީލު ކުރައްވަނީ މުޅި ދިވެހި އުއްމަތެވެ.

ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބަކަށް ނިކުމެވަޑައިގަތީ ޤައުމަށާއި ރައްޔިތުންނަށް އިޚުލާޞްތެރި ހިތަކާއިގެން 2008 ގައެވެ. އަދި އެމަނިކުފާނުގެ އިޚުލާޞްތެރިކަން ވެގެންދިޔައީ އަމިއްލަ މަޞްލަޙަތުގައި އުޅުނު މީހުނަށް ނުވަތަ ބަޔަކަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވެ ޙަސަދައިގެ ހުޅުގަނޑެއް ފަތުރަމުން ގެންދިއުމުގެ ސަބަބަކަށެވެ. ނަމަވެސް މިއަދު 2023 އާއި ހިސާބަށް އައިއިރު އެ ހުޅުގަނޑުގައި އަނދަމުންދަނީ އެ ހުޅުގަނޑު ރޯކުރި ބަޔަކުކަން ވިސްނާ ފިކުރު ހިންގާ ބަޔަކަށް ފެންނާނެއެވެ.