މާލީގޮތުން ބޮޑު އަޑިގަނޑަކަށްވެއްޓި، ހިންގުން ދޯދިޔާވެފައިވާ ރާއްޖޭގެ އެންމެބޮޑު ކުޅިވަރު އެސޯސިއޭޝަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް، ދިވެހި ތާރީޚުދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ގެނައުމަށް މީސްމީޑިއާގެ މަންސަތަކުގައި ވަރުގަދަ ކެމްޕެއިނެއް ފަށައިފިއެވެ.
"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުން މިއަދު ފެށި ކެމްޕޭނާގުޅިގެން، ދަގަނޑޭއާ އެ މަގާމު ހަވާލުކުރުމަށް ގިނަބަޔަކު އަންނަނީ ގޮވައިލަމުންނެވެ. ދަގަނޑޭ އަކީ ދަނޑުމަތީގައި މި ގައުމަށް ފަހުރުވެރި އެތައް ކާމިޔާބީއެއް ހޯދައިދީފައިވާ ކުޅުންތެރިއެއް ކަމަށާއި، ދަނޑުން ބޭރުގައި ވެސް ދަގަނޑޭ އަންނަނީ މި ކުޅިވަރަށް އޮތް ލޯބި ދައްކައިދެމުން ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
އެފްއޭއެމް މިހާރު ވެއްޓިފައިއޮތް ހާލަތުން ސަލާމަތްކުރެވޭނީ، ދިވެހި ގައުމަށް އިހުލާސްތެރި، ދިވެހި ފުޓުބޯޅަ އަޑިގަނޑެއްގައި އޮންނަތަން ދެކެން ބޭނުންނުވާ އަޒުމުވަރުގަދަ "ފަހުލަވާނަކު" އެ މަގާމަށް ގެނެސްގެންކަމަށާއި، އެ މަގާމަށް ގެނައުމަށް އެންމެ "ކޮލިފައިޑް" މީހަކީ ދަގަނޑޭ ކަމަށް ވެސް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން މިހާތަނަށް އައިއިރު "ދަގަނޑޭ" އެއްވެސް ބަހެއް ބުނެފައިނުވާއިރު، އޭނާގެ ގާތް މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެފްއޭއެމްގެ ރައީސްގެ މަގާމާ ހަވާލުވުމުގެ ވިސްނުން ދަގަނޑޭ ގެންގުޅެއެވެ. އަދި އޭނާ އެ މަގާމަށް ގެނައުމަށް، ރާއްޖޭގައި މިވަގުތު އޮތް އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު ކުލަބު މާޒިޔާއިން ފަހަތުގައި އޮތްކަމަށް ވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މީޑިއާތަކުން މިފަދައިން ރިޕޯޓުކޮށްފައިވާއިރު، ދަގަނޑޭ އެ މަގާމަށް ގެނައުމަށް ގޮވައިލައި ކޮށްފައިވާ ޕޯސްޓެއް، އެފްއޭއެމުގެ ނައިބު ރައީސްގެ މަގާމުގައި ހުރެ، މިއަދު އެ މަގާމުން އިސްތިއުފާދީފައިވާ އަދި މާޒިޔާގެ އިސް ހިންގުންތެރިޔާ ހުސައިން ޝާފިއު (ކޮކީ) ވަނީ ޝެއާކޮށްފައެވެ.
ގައުމީ ޓީމަށް 100 އާ ގާތް ކުރާ އަދަދަކަށް މެޗު ކުޅުނު ދަގަނޑޭ، މި ވަގުތު ކުޅުމާ ދުރުގައި ހުރީ އަނިޔާގެ ސަބަބުންނެވެ. މި ވަގުތު އޭނާ ހުރީ އާއިލާއާ އެކު އުމުރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާގައެވެ. ރަސްމީކޮށް ފުޓްބޯޅައިން ރިޓަޔާކުރިކަން ދަގަނޑޭ މިހާތަނަށް އިއުލާނުކޮށްފައިނުވާއިރު، އެފްއޭއެމްގެ ރައީސްކަމަށް ޝައުގުވެރިވާކަން ވެސް އަދި ދަގަނޑޭ ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަނުގެ ރައީސް ހޮވާނީ މެމްބަރު ކުލަބުތަކުގެ ވޯޓުންނެވެ. މި ގޮތުން ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުން ހޮވާލެވޭ ތިން ކުލަބާއި ތިން ވަނަ ޑިވިޝަނުން ހޮވާ ދެ ކުލަބެކެވެ.އެފްއޭއެމުގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދެ ވަނަ ދައުރެވެ.