• ހިޒްބުﷲއިން ވަނީ އިސްރާއީލުގެ މުވާސަލާތީ ވިއުގަ ހަލާކުކޮށްލާފައި
  • ސިފައިންގެ ކޮމާންޑަރަކާއި އިތުރު ބަޔަކު މަރުވިކަން އިސްރާއީލުންވަނީ ކަށަވަރުކޮށްދީފައި
  • ހިޒްބުﷲއިން މެދުނުކެނޑި ގެންދަނި އިސްރާއީލަށް މިސައިލާއި ރޮކެޓް ހަމަލާތައް ދެމުން

ލުބުނާނާ ގާތުގައިވާ އިސްރާއީލުގެ 28 އަވަށެއްގެ އާންމުން ގެދޮރު ދޫކޮށް ދިއުމަށް އިސްރާއީލުން އަންގައިފިއެވެ.

28 އަވަށަކުން މީހުން ހުސްކުރަން އިސްރާއީލުން ނިންމީ، ލުބްނާނުގެ ތެރެއިން އިސްރާއީލުގެ އަވަށްތަކަށްދޭ ހަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެންނެވެ.

ޒަޔަނިސްޓު އިސްތިއުމާރީ ސިފައިންގެ ޕޯސްޓުތަކަށް އިއްޔެ ވަރުގަދަ ހަމަލާތަކެއްދީ، ޓެރަރިސްޓު ސިފައިންގެ އެތައްބަޔަކު މަރާލެވުނު ކަމަށް ހިޒްބުﷲއިން ރޭގައި ހާމަކޮށްފައި ވެއެވެ. އެ ހަމަލާތަކުގައި ޓެރަރިސްޓު ސިފައިންގެ އިސް ވެރިންތަކެއްވެސް މަރާލެވުނު ކަމަށް ހިޒްބުﷲއިން ބުނެފައި ވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު އަސްކަރިއްޔާއިން މިއަދު ބުނެފައިވަނީ، ހިޒްބުﷲއިން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 75 ވަނަ ބެޓޭލިއަންގެ ކޮމާންޑަރާއި، އިތުރު އެތައްބަޔަކު މަރުވެފައިވާ ކަމަށެވެ.

ހިޒްބުﷲ މުޖާހިދުން މިހާރުވެސް ގެންދަނީ އިސްރާއީލުގެ ތެރެއަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ އުތުރުގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތައް ގޮވާ އަޑުވެސް މެދުނުކެނޑި އިވެމުންދާ ކަމަށް ވެއެވެ.

އަދި ހިޒްބބުﷲ މުޖާހިދުންގެ ގްރޫޕްތަކެއް، އިސްރާއީލުގެ ބައެއް އަވަށްތަކަށް ވަދެގެންފައިވާ ކަމުގެ ރިޕޯޓްތައްވެސް ލިބެމުން އެބަދެއެވެ.

އަނެއްކޮޅުން، ހިޒްބުﷲ މުޖާހިދުން އިއްޔެ ދިން ވަރުގަދަ ހަމަލާތަކެއްގައި، ލުބާނާ ގާތުގައި ޒަޔަނިސްޓު ސިފައިން ޖަހާފައިވާ ހުރިހާ މުއާސަލާތީ ޓަވަރުތަކާއި، އާލާތްތައް ހަލާކުކޮށްލާފައެވެ. މުއާސަލާތީ ޓަވަރުތަކަށް ހަމަލާދީ ހަލާކުކޮށްލި މަންޒަރުތައް ފެންނަ ވީޑިއޯއެއް ހިޒްބުﷲއިން މިއަދުވަނީ އާންމުކޮށްފައެވެ.

ހިޒްބުﷲއިން ހަމަލާ ދެމުންގެންދާ ސަރަހައްދަކީ އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކެވެ.

ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެ، އިސްރާއީލުން ގިނަ އަވަށްތަކެއް ހުސްކުރަން ނިންމިއިރު، އިސްރާއީލުގެ ހަނގުރާމައިގެ މިނިސްޓަރު އިއްޔެ ބުނެފައިވަނީ، ހިޒްބުﷲއާ ދެކޮޅަށް ހަނގުރާމަކުރަން އިސްރާއީލުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ހިޒްބުﷲއިން އިސްރާއީލާ ހަނގުރާމައެއް ކުރާނާމަ ހިޒްބުﷲއިން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެ ކަމަށްވެސް އޭނާ އިންޒާރު ކޮށްފައި ވެއެވެ.

އިސްރާއީލުން ތަކުރާރުކޮށް ގެންދަނީ، އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އިންޒާރު ކުރަމުންނެވެ.

އެކަމަކު، ލުބުނާން ފަޅިން ހިޒްބުﷲއިން އިސްރާއީލުގެ ތެރެއަށް ހަމަލާތައް ދޭންފެށީ، ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައި ޣައްޒާގެ ކުޑަކުދިންނާއި، އަންހެނުންނާއި އާންމުންގެ ބޮލަށް ބޮންއަޅައި، މުޅި ޣައްޒާ ސުންނާފަތިކުރަން ފެށުމުންނެވެ.