"ނަސްރާއި ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާ. ރަތާއި ހުދާއެކީ ފެނުމުން ކުރީމެ ސަލާމް"
ދިވެހިރާއްޖޭގެ ގައުމީ ސަލާމުގައި އެބުނާ ނަސްރާއި ނަސީބާ ކާމިޔާބުގެ ރަމްޒަކީ ކޮބާ ހެއްޔެވެ؟ ޝައްކެތްވެސް ނެތެވެ. އެއީ ދިވެހި ދިދައިގެ މެދުގައިވާ ދިވެހިން އެދީނަކަށް ނިސްބަތްވާ މާތްވެގެންވާ އިސްލާމްދީނުގެ ނޫރު ދައްކުވައިދޭ ރަމްޒު ނުވަތަ ހުދު ހަނދުފަޅިއެވެ. އޭގެ ބޭރުން ފެންނަނީ ދިވެހިންގެ މިނިވަންކަމެވެ. އަދި އެންމެ ބޭރުގައިވާ ރަތްކުލައިން ދައްކުވައިދެނީ މި ގައުމާއި މާތްވި އިސްލާމްދީނުގެ ހައްގުގައި ޝަހީދުވި ޝަހީދުންގެ ލެޔާއި އެމީހުންވީ ޤުރުބާނީއެވެ.
މިއަދަކީ ތާރީޚު ބުނާ ގޮތުން ދިވެހިރާއްޖޭ އިސްލާމްވީ ދުވަހެވެ. އެހެންކަމުން، މިއަދު ދައްކަން އެންމެ އައުލާކަން ބޮޑު ވާހަކައަކީ އިސްލާމީ ހިދާޔަތު ދިވެހީންނަށް ލިބުނު ގޮތުގެ ވާހަކައެވެ. ޝައްކެތްވެސް ނެތް ގޮތުގައި ދިވެހީން މިހާތަނަށް ލިބިގަތް ނަސްރާއި ނަސީބާ ކާމިޔާބުގެ އެންމެ މުހިންމު އެއް ސަބަބަކީ ދިވެހީން ގަބޫލުކޮށްގެން ތިބި ގޮތެވެ. މުސްލިމުން ކަމުގައި ދިވެހިން ވުމެވެ.
ކޮންމެ އަހަރަކުވެސް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް މިގޮތަށް ފާހަގަކުރަނީ އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ. ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށްފަހު އިޚްތިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. ދިވެހީންގެ މެދުގައި މި ރަދުންގެ ނަންފުޅު މަޝްހޫރު ވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.
ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީގޮތުން މިދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1954 ވަނަ އަހަރެވެ. ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްއެވެ.
އެއަށްފަހު 1388ހ. (1968މ.)ވަނަ އަހަރު ފެށިގެން މި ދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށްފަހު އަލުން ފާހަގަކުރައްވަން ފެށްޓެވީ 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.
އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރެއްވުމަށް ފެނިވަޑައިގެންނެވެ.
ދިވެހިރާއްޖެ އިސްލާމީ ހިދާޔަތު ލިބިގަތުމަކީ، ރާއްޖެ ދުށް އެންމެ ބޮޑު އިޞްލާޙީ އިންޤިލާބެވެ. އިސްލާމްދީން ބުނެދެނީ އިންސާނާއަކީ އޭނާ ފަދަ އެހެން އިންސާނެއްގެ އަޅެއް ނޫންކަމެވެ. ކޮންމެ އިންސާނަކީ ވެސް ފުރިހަމަ މިނިވަނެއްކަމެވެ. އެ މިނިވަންކަމުގެ ދާއިރާ ކަނޑައަޅުއްވައިދެއްވީ، އިންސާނާގެވެރި ޚާލިޤުވަންތަ ﷲ އެވެ. އެކަލާނގެ ކަނޑައަޅުއްވައިދެއްވި ދާއިރާގެ ތެެރޭގައި މުއުމިނުންވަނީ، އެއްބަނޑުއެއްބަފައި އަޚުންތަކެއްގެގޮތުގައެވެ. އެއްބައެއްގެ ގޮތުގައިވާ ބަދަހި ސަފުތަކެއްގެ ގޮތުގައެވެ. ނަތީޖާއަކީ ހަމަހަމަކަމާއި ޢަދުލެވެ. ކުލުނާއި ލޯތްބެވެ. ބާއްޖަވެރިކަމާއި އުފަލެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮ ދަރުމައެވެ.
އޯގާވަންތަ ﷲ އަޅުގަނޑުމެންގެ ހިތްތައް އެކުވެރިކުރައްވައި، އަމާންކަމާއި ރައްކާތެރިކަމާއެކު އިސްލާމްދީނުގެ ހިޔަލުގައި އަބަދުގެ އަބަދަށް މި ލޮބުވެތި ވަޠަން ދަމަހައްޓަވާށިއެވެ! آمين