އިސްރާއީލޭ ކިޔުނު ޓެރަރިސްޓު، ރަހުމުކުޑަ ޖަމާއަތުން، މުސްލިމުންގެ މުގައްދަސް ބިން، ފަލަސްޠީނުގައި ހިންގަމުން އަންނަ އަނިޔާވެރި ޖަރީމާތަކުގެ ވާހަކައަކީ ކޮންމެ ދުވަހަކުހެން އިވޭ ވާހަކަތަކެކެވެ.

އެއްވެސް ރަހުމެއް، އިންސާނިއްޔަތުކަމެއް ނެތި، މައުސޫމް ފުރާނަތަކެއް ދުއްވާނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. މިކަންކަމާ ގުޅިގެން ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވަނީ ދޭތެރެ ދޭތެރެއިންނެވެ. އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް އިތުރުވާ ދުވަސްވަރެއްގައި މި ވާހަކަތަކުގެ އަޑު ވަރަށް ގަދައަށް، ވަރަށް ގިނައިން އަޅުގަނޑުމެންނަށް ދެކެވެއެވެ. ހަރަކާތްތަކާއި، އެއްވުންތަކާއި، އަޑުއުފުލުންތައް ބޭއްވެނީ މިފަދަ ދުވަސްވަރެއްގައެވެ. އެހެންނަމަވެސް ދުވަސްކޮޅެއް ފަހުން އަޅުގަނޑުމެނަށް ވެސް އެ އަޑުއުފުލުންތަކާއި ހަރަކާތްތައް ހުއްޓާލެވެނީއެވެ. ފްރީ ޕަލަސްޠީނޭ ގޮވުން ހުއްޓާލެވެނީއެވެ. އިސްރާއީލަކީ ދައުލަތެއް ނުވަތަ ގައުމެއް ވެސް ނޫންކަމަށް ބުނެ އަޅުގަނޑުމެން ގޮވާލާ ގޮވާލުންތަކުގެ އަޑު މަޑުވަނީ އެވެ. ހާލުގައި ޖެހިފައިވާ ފަލަސްޠީނު ރައްޔިތުންގެ ހަނދާން ފަނޑުވެ، އެހީވުމަށް ހިންގާ ހާއްސަ ހަރަކާތްތައް ހުއްޓި، އެއީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ބައެއް ކަން ވެސް ހަނދާނުން ފިލައިދާ ފަދައެވެ.

ގަސްތަކާ ލައިގެން ނޫނަސް، މިކަން މިހެން ވާކަން މިއީ ހިތާމަވެރި، އެހެންނަމަވެސް ދޮގު ނުކުރެވޭނެ ހަގީގަތެވެ. ހާއްސަގޮތެއްގައި އިސްލާމީ ގައުމުތަކުގެ ވެރިން، މި މައްސަލައިގައި ގެންގުޅޭ ދޯހަޅި އުސޫލުތަކަކީ މިފަަދަ ދުވަސްވަރެއްގައި އެންމެ ގަދައަށް އަޅުގަނޑުމެން ދައްކާ ވާހަކައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި އީރާނުގެ އިސް ވެރިން، ދޭތެރެއަކުން އިސްރާއީލަށް "އެމްޕްޓީ ތުރެޓްސް" ނުވަތަ އެއްވެސް އަމަލެއް ނުފެންނަ އިންޒާރުތަކެއްދެއެވެ. މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެފަދަ އެތައް "އެމްޕްޓީ ތުރެޓްސް" އެއް ދީފައިވެއެވެ. އަބަދުވެސް ތިބެނީ "މި އަރަނީ، މި ދަނީ، މި ނުކުންނަނީ" އެއްގައެވެ. ދުވަހަކު ވެސް ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް، ފާޅުގައި އަމަލެއް ކުރިތަން ފެނިފައެއް ނެތެވެ.

ދެން އޮތީ ސައުދީ އަރަބިއްޔާގެ ވާހަކައެވެ. ދުނިޔޭގެ ލައްޒަތާއި މުއްސަނދިކަމާއި އާރާ ބާރުން ފުރިފައިވާ ހައުސް އޮފް ސައުދުގެ ވާހަކައެވެ. ދުނިޔޭގެ އުސޫލުތަކާއި، ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެތައް ރައްޔިތުންނެއް މަރަމުންދާއިރު ވެސް، ސައުދީ ވަލީއަހުދު ވެސް ބޭނުންފުޅުވީ "މަޝްވަރާ" ކޮށް، ފަލަސްޠީނުގެ ހައްގުގައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުންދޭ ރައްދު ހަމަލާތައް ވެސް ހުއްޓާލައި، ފޭރިގެންފައިވާ ބިންތައް އަނބުރާ ހޯދުމުގެ ބަދަލުގައި "ސުލްހަ" ވާށެވެ.

ގިނަ ލީޑަރުން ގޮވައިލަނީ ސެޓްލްމަންޓަކަށް އައިސް، ފަލަސްޠީނުގެ ބިމުގައި އިސްރާއީލޭ ކިޔުނު ޓެރަރިސްޓު ޖަމާއަތަށް ވެސް ހަމަހަމަ ފުރުސަތުތަކެއްދީ، އެ ބިމުން ބައެއް ދިނުމަށެވެ. ސުވާލަކީ ފަލަސްޠީނުގެ ބިމުން އިސްރާއީލަށް ޒައްރެއްގެ މިންވަރުވެސް ހައްގުވާންވީ ކީއްވެތޯ؟ މިއީއެވެ.

މިފަދަ "އެމްޕްޓީ ތުރެޓު"ދޭ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ ޚިލާފަށް، ބަހާއި އަމަލާ ދިމާވާ، ބަހަށްވުރެ އަމަލުގިނަ ލީޑަރުންތަކެއް ވެސް އަޅުގަނޑުމެން ދުށީމެވެ. އެހެންނަމަވެސް މިފަދަ ހުރިހާ ލީޑަރުންނަށް ވެސް ދިމާވީ ދާދި އެއްގޮތް، ހިތާމަވެރި ކަންތައްތަކެކެވެ. ސައުދީ އަރަބިއްޔާގެ ރަސްކަން ކުރެއްވި، ކިންގް ފައިސަލް ބިން އަބްދުލް އަޒީޒް އަލް ސައުދު އަދި އިރާގުގެ ރައީސްކަން ކުރެއްވި ސައްދާމް ހުސެއިން އަކީ، މިއަދުގެ މުސްލިމުން މިސާލަކަށް ބަލަންޖެހޭފަދަ ބޭފުޅުންނެވެ.

އިސްލާމް ދީނާއި، މުސްލިމުންގެ ދިފާއުގައި ބަސް ބުނެ، އަމަލު ގެންނަންޖެހުނު ކޮންމެ ހާލަތެއްގައި އެކަންކަން ކުރެއްވި ބޭފުޅުންނަކީ އެއީއެވެ. މި ދެ ބޭފުޅުންގެ ދިރިއުޅުމުގައި ވެސް އެއްގޮތް ކަންތައްތަކުގެ ތެރެއިން، އެ ބޭފުޅުން މި ދުނިޔެއާ ވަކިވެވަޑައިގަތް ގޮތުގައި ވެސް އެއްގޮތް ކަންތައްތަކެއް ވެއެވެ.

ފަލަސްޠީނުގެ ހައްގުގައި އާއި މުސްލިމުންގެ ހައްގުގައި ދެއްކެވި ވާހަކަފުޅުތަކާއި ކުރެއްވި އަމަލުތަކުގެ ސަބަބުން، ހުޅަނގުގެ ގައުމުތަކުގެ އަނިޔާވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. އަމިއްލަ ގައުމުގެ ރައްޔިތުންގެ ސިކުނޑިއަށް ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން ވެއްދި ވިސްނުމުގެ ސަބަބުން، އެ ބޭފުޅުންނާ ދެކޮޅަށް އެ ގައުމުތަކުގެ ރައްޔިތުން ނުކުތުން ވެސް އެއީ އެއްގޮތް ކަންތައްތަކެކެވެ.

މި ބޭފުޅުން މުސްލިމުންގެ ހައްގުގައި ކުރައްވާފައިވާ ކަންތައްތަކަކީ މިފަދަ އާޓިކަލް އަކުން ގެނެސްދެވޭނެ ކަންތައްތަކެއް ނޫނެވެ. އެހެންނަމަވެސް އެ ބޭފުޅުންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެތައް ރިޕޯޓުތަކެއް، ޔޫޓިއުބް ފަދަ މަންސަތަކުން ބަލާލެވޭނެއެވެ.

ކިންގް ފައިސަލް އަވަހާރަކޮށްލީ، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ، ޕްރިންސް ފައިސަލް ބިން މުސައިދު ދިން ބަޑީގެ ހަމަލާއަކުންނެވެ. ޕްރިންސް ފައިސަލް ބިން މުސައިދު އަކީ، އޭގެ ދުވަސްކޮޅެއް ކުރިން އެމެރިކާގައި ތައުލީމު ހާސިލްކުރަން ހުރި މީހެކެވެ. އޭނާގެ ބަޑީގެ ހަމަލާގެ ޝިކާރައަކަށް ކިންގް ފައިސަލް ވެވަޑައިގަތީ، ބައްދަލުވުމެއްގެ ތެރެއިން ކިންގް ފައިސަލް، އޭނާގެ ނިއްކުރިއަށް ބޮސްދެއްވަން މަސައްކަތްކުރެއްވި ވަގުތު، ފިސްތޯލަކުން ދިން ހަމަލާއަކާ ގުޅިގެންނެވެ. ކިންގް ފައިސަލް އަވަހާރަކޮށްލުމުގެ ކުރިން އެންމެފަހުން ދެއްވި ޚިތާބުގައި ވެސް ދެއްކެވީ ފަލަސްޠީނުގެ ވާހަކައެވެ.

https://www.youtube.com/watch?v=FoHUWCUrXyc

ސައްދާމް ހުސެއިން އަކީ މިފަހުން ދުނިޔެ ދުށް އެންމެ ވަރުގަދަ އިސްލާމީ ލީޑަރުކަމަށް ގިނަބަޔަކު މިއަދު ދެކެއެވެ. އެހެންނަމަވެސް އެމަނިކުފާނު ދަންޖައްސައި އަވަހާރަކޮށްލުމާ ހަމައަށް، އިރާގު ރައްޔިތުން ވެސް އަދި އެހެން ބައެއް މުސްލިމުން ވެސް ދެކުނީ އެއީ އަނިޔާވެރިއެއްގެ ގޮތުގައެވެ. އެއީ، ހުޅަނގުން އެމީހުންގެ ސިކުނޑިއަށް އެކަން ވިސްނައިދީފައިވާ ގޮތެވެ. އެންމެފަހުން، އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށް، އަދުލުވެރިކަމެއް ނެތް ޝަރީއަތަކުން އެމަނިކުފާނަކީ ޤައްދާރެއްގެ ގޮތަށް ސިފަކޮށް، ދަން ޖައްސައި މަރައިލީއެވެ.

ލީބިއާގެ ޒައީމްކަން ކުރެއްވި ޤައްޛާފީއަށް ކުރިމަތިވެވަޑައިގަތީ އެއަށްވުރެ ހިތާމަވެރި ގޮތެކެވެ. އެމަނިކުފާނުގެ އަމިއްލަ ގައުމުގެ ރައްޔިތުން ނުކުމެ، އެމަނިކުފާނު "ހަވަރަށް" ދިނީއެވެ. ހުޅަނގުން ކުރި ފިކުރީ ހަނގުރާމައިގެ ނަތީޖާއަކީ އެއީއެވެ. ޤައްޛާފީ އަކީ ރަހުމުކުޑަ، ނުބައި މީހެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކީ ހަމަ ހުޅަނގުންނެވެ. ޤައްޛާފީއާ ގުޅޭގޮތުން "ކޮންޓްރޮވާޝަލް" އެތައް ވާހަކައެއް ދެކެވެއެވެ. އެހެންނަމަވެސް ބަދަލު ނުކުރެވޭނެ ހަގީގަތަކީ، އެމަނިކުފާނަކީ މުސްލިމުންގެ ހައްގުގައި ވަކާލާތުކުރެއްވި، މަސައްކަތްކުރެއްވި، ހިތްވަރުގަދަ ލީޑަރެއްކަމެވެ.

ފަލަސްޠީނުގެ މިއަދުގެ ހާލަތުގެ ސަބަބުން، މުޅި އުންމަތް އެދި ގޮވަނީ މިފަދަ ލީޑަރުންތަކަކަށެވެ. ހުޅަނގުގެ ނުފޫޒާއި، ބާރަށް ޖެހިލުންނުވާ، ދީނުގެ މަގުގައި ސާބިތުވެތިބޭނެ ލީޑަރުންތަކަކަށެވެ.

ސައްދާމް ހުސެއިންގެ ބިނާއެއް ވައްޓާލި މީހަކު، އޭގެ އަހަރުތަކެއް ފަހުން ބީބީސީއާ ވާހަކަދައްކަމުން ބުނެފައިވެއެވެ.

"މިހާރު އެ ސްޓެޗޫ ކައިރިއަށް ދިޔައީމަ އަހަރެން ގަންނަނީ ލަދު. ދެރަޔާއި ވޭން އިހުސާސްވޭ. އަމިއްލަ ނަފްސާ ސުވާލުކުރެވޭ. ކީއްވެހޭ އެ ސްޓެޗޫ ވައްޓާލީ. ބޭނުންވަނީ އަލުން އެ ސްޓެޗޫ ހަދައި، އިހު ހުރިގޮތަށް އެ ހަދަން. އެކަމު އަހަރެން މަރާލަފާނެތީ ބިރުގަނޭ".
ސައްދާމް ހުސެއިންގެ ސްޓެޗޫ ވައްޓާލި ކާދިމް އަލް ޖައްބޫރީ
https://www.youtube.com/watch?v=z9wC6W7EJpg

އަޅުގަނޑުމެން އެންމެންގެ އެދުމަކީ ވެސް، ގޮވައިލާ ގޮވާލުމަކީ ވެސް، އީރާނާއި ތުރުކީއާއި އަދި މިނޫންވެސް އެހެން އިސްލާމީ ގައުމުތަކުން ވެސް، "އެމްޕްޓީ ތުރެޓްސް" ދިނުމުގެ ބަދަލުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް، އެމީހުންނަށް ހައްގުވާ ފަލަސްޠީނުގެ ބިން، އަމާންކަމާއި މިނިވަންކަމާއެކު ލިބޭނެ މަގެއް ހޯދައިދިނުމެވެ.

"ފްރޮމް ދަ ރިވަރ ޓު ދަ ސީ، ޕަލެސްތީން ވިލް ބީ ފްރީ"، މި ސްލޯގަންގައިވާ ގޮތަށް ކަންތައް ވާނެ ދުވަހެއް ދެއްކެވުމެވެ.