ރާއްޖޭގެ އެންމެބޮޑު ކުޅިވަރު އެސޯސިއޭޝަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން "އެފްއޭއެމް ހައުސް" އިމާރާތަށް ވަދެއްޖެއެވެ.
މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވަމުންދާކަމަށެވެ.
މިކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެ އޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް އަމުރު ކޮށްފައިވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައިވެއެވެ.
އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނައިރު، އެ އިދާރާ އޮތީ މާލީގޮތުން ބޮޑު އަނދަވަޅެއްގައެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގައި ވެސް އެ އެސޯސިއޭޝަންގެ މައްސަލަތަކެއް މީގެކުރިން ވެސް އަދި މިހާރު ވެސް ކުރިއަށްދެއެވެ. އެގޮތުން ގައުމީ ޓީމުތަކަށް ގެންނަ ބޭރު ކޯޗުންނާއި ކޯޗިންގް ޓީމުގެ އެހެން މީހުންނަށް ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ފީފާގައި ކުރިއަށް ގެންގޮސް އެފްއޭއެމްއާ ދެކޮޅަށް ނިންމާފައިވާއިރު، ރާއްޖޭގެ ބައެއް ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ރާއްޖޭގެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަަރަށް އެފްއޭއެމުން ވަނީ 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވިޔަފާރިވެރިއަކު ދިން މިލިއަނެއްހާ ރުފިޔާވެސް އެފްއޭއެމްއިން ކުޅުންތެރިންނާ ހަވާލުކޮށްފައިނުވާއިރު، އެފްއޭއެމްގެ މުވައްޒަފުންނަށް ދޭންޖެހޭ މަހު މުސާރަ ނުދޭ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ.
މާލީގޮތުން ބޮޑު އަޑިގަނޑަކަށްވެއްޓި، ހިންގުން ދޯދިޔާވެފައިވާ އެފްއޭއެމްގެ ނައިބުރައީސް ކަމުގެ މަގާމުގައި ހުންނެވި ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު މުއާވިޔަތު ހަލީލު ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެފްއޭއެމުގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދެ ވަނަ ދައުރެވެ. ބައްސާމްގެ ދައުރު އަންނަ އަހަރު ޖުލައި މަހު ހަމަވާނެއެވެ.