ސުންގަޑިއަށް ޓެކްސް ބަޔާން ހުށަނާޅާ ވިޔަފާރިތަކުގެ ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދިނުމުގެ ފުރުސަތު ކުޑަވާނެކަމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން މިފަދައިން ބުނެފައިވަނީ އަންނަ އާދިއްތަދުވަހަކީ މި އަހަރު ގެ ތިންވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިކަން ހަނދާންކޮށްދީ ނެރުނު ބަޔާނެއްގައެވެ.
އަންނަ އާދިއްތަ ދުވަހަކީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއެކެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވި ނަމަވެސް، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ނަމަ ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް މީރާއިން ބުނެއެވެ.
ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އެންމެ ދަށްކޮށް އުޅެނީ އެންމެ ކުދި ވިޔަފާރިތަކުންކަމަށް މީރާއިން މައުލޫމާތުދެއެވެ.
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި، އެ ފައިސާ މީރާއަށް ދައްކަންޖެހޭނެ ކަމަށް މީރާގެ ބަޔާނުގައިވެއެވެ.
މީރާގެ ޚިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ޚިދުމަތްތަކަކަށް ވެފައި، މި ފަހަރުގެ ޖީ.އެސް.ޓީ ބަޔާން ވެސް މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީ.އެސް.ޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން ފާހަގަކުރެއެވެ.
ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، މީރާއިން އެހީތެރިކަން ހޯދުމަށް މީރާއިން އެދެއެވެ.