ރާއްޖޭގެ އެންމެބޮޑު ކުޅިވަރު އެސޯސިއޭޝަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން "އެފްއޭއެމް ހައުސް" އިމާރާތަށްވަދެ ސާމާނުތައް ގެންދިއުމުން މަސައްކަތައް ބުރޫއަރައި ފުޓްބޯޅަ ލީގާއި މުބާރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް އެއިދާރާއިން ބުނެފިއެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އަމަލުގެ ސަބަބުން އެ އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ އަރައި ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އަދި މިހާލަތުގައި ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި އެފްއޭއެމްއިން ވަނީ ފާހަގަކޮށްފައެވެ.

އެފްއޭއެމްގެ ބަޔާނުގައިވަނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެ ތަހުގީގު މަރުހަލާ އަވަސްކޮށް ދިނުމަށް އެދިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

މުބާރާތްތައް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން ބުނި އިރު ދިވެހި ޕްރިމިއާ ލީގު އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް އެފްއޭއެމުން އޮތީ ކުރިން އިއުލާންކޮށްފައެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނައިރު، އެ އިދާރާ އޮތީ މާލީގޮތުން ބޮޑު އަނދަވަޅެއްގައެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގައި ވެސް އެ އެސޯސިއޭޝަންގެ މައްސަލަތަކެއް މީގެކުރިން ވެސް އަދި މިހާރު ވެސް ކުރިއަށްދެއެވެ. އެގޮތުން ގައުމީ ޓީމުތަކަށް ގެންނަ ބޭރު ކޯޗުންނާއި ކޯޗިންގް ޓީމުގެ އެހެން މީހުންނަށް ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ފީފާގައި ކުރިއަށް ގެންގޮސް އެފްއޭއެމްއާ ދެކޮޅަށް ނިންމާފައިވާއިރު، ރާއްޖޭގެ ބައެއް ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ރާއްޖޭގެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަަރަށް އެފްއޭއެމުން ވަނީ 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވިޔަފާރިވެރިއަކު ދިން މިލިއަނެއްހާ ރުފިޔާވެސް އެފްއޭއެމްއިން ކުޅުންތެރިންނާ ހަވާލުކޮށްފައިނުވާއިރު، އެފްއޭއެމްގެ މުވައްޒަފުންނަށް ދޭންޖެހޭ މަހު މުސާރަ ނުދޭ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ.

މާލީގޮތުން ބޮޑު އަޑިގަނޑަކަށްވެއްޓި، ހިންގުން ދޯދިޔާވެފައިވާ އެފްއޭއެމްގެ ނައިބުރައީސް ކަމުގެ މަގާމުގައި ހުންނެވި ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު މުއާވިޔަތު ހަލީލު ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެފްއޭއެމުގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދެ ވަނަ ދައުރެވެ. ބައްސާމްގެ ދައުރު އަންނަ އަހަރު ޖުލައި މަހު ހަމަވާނެއެވެ.