މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ 70 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސިހާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 73 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 9.1 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެތެރޭގައި ހިމެނެނީ 69،96،981 ދިވެހި ރުފިޔާއިން ދެއްކި ޒަކާތާއި، 2،471 ޑޮލަރުން ދެއްކި ޒަކާތެވެ.

މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 7،151.90 (ހަތްހާސް އެއްސަތޭކަ ފަންސާސް އެއް ރުފިޔާ ނުވަދިހަ ލާރި) ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިސާބަށް ޖެހޭ އަދަދަށް ބަދަލު މީހެއްގެ އަތުގައި ހުރި މުދަލުގެ ނިސާބު ހަމަވެ، ނިސާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއްއަހަރު ވެއްޖެ ނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައެވެ.

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ދީނީ ޙައްޤެކެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންނެވެ. އެއީ މުދަލުގެ ނިސާބު ހަމަވުމާއި، ނިސާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމެވެ.