މިހިނގާ އޮކްޓޯބަރު މަހުގެ މިހާތަނަށް ރާއްޖެއަށް 126،051 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަށް ރާއްޖެއަށް 1،487،099 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އާޅާބަލާއިރު 13.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،313،011 ފަތުރުވެރިންނެވެ.

މިއަހަރުގެ ވަކިވަކި މަސްތަކުގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދު:

  • ޖެނުއަރީ: 172،499 ފަތުރުވެރިން
  • ފެބްރުއަރީ: 177،915 ފަތުރުވެރިން
  • މާޗް: 173،514 ފަތުރުވެރިން
  • އޭޕްރީލް: 164،357 ފަތުރުވެރިން
  • މޭ: 120،959 ފަތުރުވެރިން
  • ޖޫން: 120،363 ފަތުރުވެރިން
  • ޖުލައި: 145،620 ފަތުރުވެރިން
  • އޮގަސްޓް: 154،854 ފަތުރުވެރިން
  • ސެޕްޓެމްބަރު: 130،967 ފަތުރުވެރިން
  • އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް: 122،382 ފަތުރުވެރިން

ފަތާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު 4،990 ފަތުރުވެރިން ޒިޔާރަތްކުރާއިން ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހަތް ދުވަސް ހޭދަކުރެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 170،097 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ، އިންޑިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 161،627 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް ޗައިނާއިން މި މުއްދަތުގައި 161،488 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑްގެ އިތުރުން ސްޕެއިންއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،272 ތަނަކަށް މިހާރު ހުއްދަ ދީފައިވާއިރު، އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،268 ތަނަކުންނެވެ. އެއީ 174 ރިސޯޓާއި، 14 ހޮޓަލާއި، 918 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީއެވެ.

މި އަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.