ދުނިޔޭގެ ފުޓުބޯޅައިގެ ބެލެނިވެރިފަރާތް، ފީފާއިން ކޮންމެ މަހަކު އެއްފަހަރު އިއުލާނުކުރާ ފީފާ މެންސް ވޯލްޑް ރޭންކިންގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ފީފާއިން އިއުލާނުކުރި ރޭންކިންގައި ރާއްޖެ އޮތީ 155 ވަނައިގައެވެ. އެއީ އޭޝިއާ ސަރަހައްދުގެ 30 ވަނައެވެ.

ފީފާއިން މި މަހުގެ 26 ވަނަ ދުވަހު އާންމުކުރި ރޭންކިންގަށް ބަލާއިރު، ރާއްޖެއަށް ދުނިޔޭގެ ރޭންކިންގައި ލިބެނީ 161 ވަނައެވެ. އެއީ އޭޝިއާ ސަރަހައްދުގެ 34 ވަނައެވެ.

މިއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު، ރޭންކިންގައި ރާއްޖެއަށް މިހާ ބޮޑު ވެއްޓުމެއް އައި ފަހަރެވެ. އެފަހަރު ރާއްޖެ، ރޭންކިންގެ 168 ވަނައަށް ވެއްޓުނެވެ.

ސަރަހައްދުގެ، ވާދަވެރި އެހެން ގައުމުތަކުން ފުޓުބޯޅައިގެ ހާލަތު ރަނގަޅުކޮށް ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދަށްވަމުން އަންނާތީ ގިނަބައެއްގެ ފާޑުކިޔުންތައް ފުޓުބޯޅަ އެސޯސިއޭޝަނަށް އަންނަނީ ކުރިމަތިވަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ޖުމްލަ ހަ މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން މޮޅުވެވިފައި ވަނީ އެންމެ ދެ މެޗުންނެވެ. އެއީ މާޗު މަހުގެ 21 ވަނަ ދުވަހު ޕާކިސްތާނުގެ ގައުމީ ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 0-1 އިން ހޯދި މޮޅު އަދި އެފަހުން ސާފް ޗެމްޕިއަންޝިޕުގައި ބޫޓާނާ ދެކޮޅަށް ކުޅެ ހޯދި މޮޅެވެ. ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖާ ހަމައިން ރާއްޖެ ކެޓިއިރު، ގްރޫޕް ސްޓޭޖުގައި ދެން ހިމެނޭ ބަންގްލަދޭޝް އާއި ލުބުނާނުން ވަނީ ރާއްޖެ ބަލިކޮށްފައެވެ.

އެއަށްފަހު މި މަހު ރާއްޖެއިން ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ދެ މެޗު ކުޅެ، ދެ މެޗު ވެސް ނިންމާލީ މޮޅަކާ ނުލައެވެ. ރާއްޖޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވިއިރު، އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. އެއީ 20 އަހަރަށްފަހު ބަންގްލަދޭޝްގައި ރާއްޖެ، އެ ގައުމު އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

ފީފާއިން ބުރާސްފަތި ދުވަހު އާންމުކުރި ރޭންކިންގަށް ބަލާއިރު، ސައުތު އޭޝިއާ ސަރަހައްދުން އެންމެ މަތިން ރޭންކުކޮށްފައިވަނީ އިންޑިއާއެވެ. އެގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 102 ވަނައިގައެވެ. ސެޕްޓެމްބަރު މަހުގެ ރޭންކިންގައި ވެސް އިންޑިއާ އޮތީ ހަމަ 102 ވަނައިގައެވެ. ސާފް ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ނޭޕާލް އަށް ލިބެނީ 173 ވަނައެވެ. 182 ވަނައިގައި ބޫޓާން އޮތްއިރު ބަންގްލަދޭޝް އަށް ލިބެނީ 183 ވަނައެވެ.

ސަސްޕެންޝަނުން ސަލާމަތްވެ އަލުން ފުޓުބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ޕާކިސްތާނަށް ރޭންކިންގައި 193 ވަނަ ލިބޭއިރު، ސްރީލަންކާއަށް ރޭންކިންގައި ލިބެނީ 202 ވަނައެވެ. އެއީ އޭޝިއާ ސަރަހައްދުގެ ފުލުން ދެވަނައެވެ. އޭޝިއާ ސަރަހައްދުގައި އެންމެ ދަށުން ރޭންކުކޮށްފައިވަނީ 203 ވަނައިގައި އޮތް ގުއާމް އެވެ.

ރޭންކިންގައި އެއްވަނަ ލިބެނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ އަށެވެ. ދެވަނައިގައި ރަނަރަޕް ފްރާންސް އޮތްއިރު، ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް އޮތީ ތިންވަނައިގައެވެ.