ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން "އެފްއޭއެމް ހައުސް" އިމާރާތަށްވަދެ ސާމާނުތައް ގެންދިއުމުގެ ތެރޭގައި، އެ އިދާރާގެ ހިންގުމަށް ބުރޫއަރާނެ އެއްޗެއް ގެންދެވިފައިވާނަމަ ވީ އެންމެ އަވަހަކަށް އެ އެއްޗެތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
އެފްއޭއެމްއާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން އެ އިދާރާއަށް ވަދެ ސާމާނުތައް ގެންދިއުމުން މަސައްކަތައް ބުރޫއަރައި ފުޓްބޯޅަ ލީގާއި މުބާރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް އެއިދާރާއިން ބުނެފައިވާ ދަނޑިވަޅެއްގައި "ވީނިއުސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެފްއޭއެމްގެ އެއްވެސް މުބާރާތެއް ހިންގުމަށް ހުރަސްއެޅޭފަދަ އެއްވެސް އެއްޗެއް ތަހުގީގުގެ ބޭނުމަށް ނެގިފައިވާނަމަ އެ އިދާރާއާ ވާހަކަދައްކައިގެން އެ އެއްޗެއް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު އެފްއޭއެމް އިން އާންމުކުރި ބަޔާނެއްގައި ވަނީ، ފުލުހުންގެ އަމަލުގެ ސަބަބުން އެ އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ އަރައި ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އަދި މިހާލަތުގައި ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މުބާރާތްތައް ނުކުޅެވޭނެކަމަށް އެފްއޭއެމުން ބުނި އިރު ދިވެހި ޕްރިމިއާ ލީގު އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް އެފްއޭއެމުން އޮތީ ކުރިން އިއުލާންކޮށްފައެވެ.
އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނައިރު، އެ އިދާރާ އޮތީ މާލީގޮތުން ބޮޑު އަނދަވަޅެއްގައެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގައި ވެސް އެ އެސޯސިއޭޝަންގެ މައްސަލަތަކެއް މީގެކުރިން ވެސް އަދި މިހާރު ވެސް ކުރިއަށްދެއެވެ. އެގޮތުން ގައުމީ ޓީމުތަކަށް ގެންނަ ބޭރު ކޯޗުންނާއި ކޯޗިންގް ޓީމުގެ އެހެން މީހުންނަށް ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ފީފާގައި ކުރިއަށް ގެންގޮސް އެފްއޭއެމްއާ ދެކޮޅަށް ނިންމާފައިވާއިރު، ރާއްޖޭގެ ބައެއް ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދީވާ މައްސަލަތައް ރާއްޖޭގެ ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަަރަށް އެފްއޭއެމުން ވަނީ 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވިޔަފާރިވެރިއަކު ދިން މިލިއަނެއްހާ ރުފިޔާވެސް އެފްއޭއެމްއިން ކުޅުންތެރިންނާ ހަވާލުކޮށްފައިނުވާއިރު، އެފްއޭއެމްގެ މުވައްޒަފުންނަށް ދޭންޖެހޭ މަހު މުސާރަ ނުދޭ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ.
މާލީގޮތުން ބޮޑު އަޑިގަނޑަކަށްވެއްޓި، ހިންގުން ދޯދިޔާވެފައިވާ އެފްއޭއެމްގެ ނައިބުރައީސް ކަމުގެ މަގާމުގައި ހުންނެވި ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު މުއާވިޔަތު ހަލީލު ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެފްއޭއެމުގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދެ ވަނަ ދައުރެވެ. ބައްސާމްގެ ދައުރު އަންނަ އަހަރު ޖުލައި މަހު ހަމަވާނެއެވެ.