އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގެ ޖުމްލަ އަގަކީ 49.5 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށައަޅާފައިވާކަމަށާއި، މީގެއިތުރުން ދައުލަތުގެ މާލިއްޔަތު ގާނޫނު އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ބަޖެޓާ ގުޅޭ ތަފްސީލްވެސް މަޖިީހަށް ހުށައާޅާފައިވާކަމަށެވެ.
ބަޖެޓާއި ގުޅޭ އިތުރު ތަފްސީލްތައް އަދި ހިއްސާއެއް ނުކުރެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. އެހެންކަމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް އެހެން އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަޖިލީހުގައި ކުރާ އެހެން އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެކަމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ ބުނެފައެވެ.
މީގެއިތުރުން މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ ވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާވެސް ހޯއްދަވާފައެވެ. ބަންޑާރަ ނައިބު ވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް ގާނޫނީ ލަފާ ދެއްވާފައެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު ނިންމެވީ ބަޖެޓް ހުށައެޅުއްވުމަށް މަޖިލީހަށް ވަޑައިނުގެންނެވުމަށެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ޖުމްލަ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައާޅާފައިވާއިރު، މިއަހަރަށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް، ޚަރަދުތައް ހަމަޖެއްސުމަށް، 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށައަޅުއްވާފައެވެ. މިއާއެކު މިއަހަރުގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.