ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ޚިދުމަތްކޮށްފައިވާ 64 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.
40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓަރނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސަރވިސް ސެންޓަރސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރ އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއަރ އޮފިސަރ އައިމިނަތު ނަސީރުގެ ޚިދުމަތްވެސް މި ހަފްލާގައި ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ މުވައްޒަފުންނަކީ އެބޭންކުގެ ކާމިޔާބީގެ މުހިންމު ބައެއްކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.
ލޯންގް ސަރވިސް އެވޯޑަކީ ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިއަހަރުގެ އޯގަސްޓް މަހު ބޭންކުންވަނީ ވަޒީފާއަދާކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން ކޮންމެ އަހަރަކު ކުރިޔަށްގެންދާ ސްޓާފް އެވޯޑް ބާއްވާފައެވެ.