ކުރިއަށް މި އޮތް 2024 ވަނަ އަަހަރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުތަނުން އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާ ކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ސަރުކާރުން ދޭ ސަބްސިޑީގެ ސިޔާސަތަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައި ވާއިރު، މި ބަދަލާއެކު އަންނަ އަހަރު ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ހުންނާނީ 3.9 އިންސައްތައިގައެވެ. ނަމަވެސް ސަބްސިޑީ ރިފޯމް ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓް ހުންނާނީ 1.0 އިންސައްތައިގައެވެ.

ދައުލަތުން ސަބްސިޑީ ދޭއިރު ސަބްސިޑީ ބޭނުން ނުވާ ފަރާތްތަކަށް ދޭކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކޮށްފައިވާއިރު، ސަބްސިޑީ ރިފޯމްކޮށް އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ސަބްސިޑީ ދޭން ނިންމައި އެކަން މި ސަރުކާރުން ވަނީ މި އަހަރުގެ ޖުލައި މަހު އިއުލާނުކޮށްފައެވެ.

ސަބްސިޑީގެ ސަބަބުން ގިނަ ފަހަރަށް ވަކި މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު ދަށްވެއެވެ. ސަބްސިޑީތައް ނައްތާލުމުން ނުވަތަ ކުޑަކުރުމުން އެ މުދަލުގެ ނުވަތަ ހިދުމަތްތަކުގެ އަގުތައް ބޮޑުވެއެވެ.

އެހެންކަމުން ފާއިތުވި 10 އަހަރުތެރޭ ރާއްޖޭގެ ތަކެތީގެ އަގު މައްޗަށް ނުދާ މިންވަރަށް އަންނަ އަހަރު އަގުތައް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފަށް ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް އެވަރެޖްކޮށް ބަދަލުވަމުންދާ ނިސްބަތް 2022 ވަނަ އަހަރު ހުރީ ދަށުގައި ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. މިދިޔަ އަހަރު ދުނިޔޭގެ އިންފްލޭޝަން ރޭޓް 8.7 އިންސައްތައިގައި ހުރިއިރު ރާއްޖޭގެ އެވަރެޖް އަގުތައް އުފުލިފައިވަނީ 2.3 އިންސައްތަގައެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން ރާއްޖޭގެ އިންފްލޭޝަންގައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ކާބޯތަކެތީގެ އަގުތައް އުފުލުމެވެ. އެހެންނަމަވެސް 2020 ވަނަ އަހަރުން ފެށިގެން މުވާސަލާތީ ހިދުމަތްތަކުގެ އަގުތައް މަހުން މަހަށް ދަށްވަމުންދާތީ، ޖުމްލަ އަގުތައް އިތުރުވާ މިންވަރު ކުޑަވެފައިވާ ކަމަށް ބަޖެޓުގައި ވެއެވެ.

އޭގެ އިތުރުން ޖީއެސްޓީ ރޭޓު މަތިކުރުމާއި ގުޅިގެން އަގުތައް އިތުރުވެފައިވާ ކަމަށް ފިނޭންސުން ބުނެއެވެ. އެ މިނިސްޓްރީން ލަފާކޮށްފައި ވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ 5.5 އިންސައްތައިގައެވެ.