• ޣައްޒާގައި ހިންގާ އުދުވާނު ހުއްޓާލަންދެން ހަމަލާތައް ކުރިއަށްދާނެ

ހަނގުރާމައިގެ ތެރެއަށް ވަންކަން ރަސްމީގޮތުން އިއުލާންކޮށް، ޔަމަނުގައި ވެރިކަންކުރާ ހޫޘީ ސަރުކާރު ސިފައިން ބެލިސްޓިކް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މިކަން މީޑިއާއަށް ކަށަވަރު ކޮށްދެއްވީ، ޔަމަނުގައި ވެރިކަންކުރާ ހޫޘީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއެވެ.

އޭނާ ވިދާޅުވީ، ޣައްޒާއަށް ތާއީދު ދިނުމުގެގޮތުން ޔަމަނު ސިފައިން އެމީހުންގެ ވާޖިބު އަދާކޮށްފި ކަމަށާއި، ޔަމަނު ސިފައިން ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ.

ހަމަލާތައް އަމާޒުކުރީ އިސްތިއުމާރީ އިސްރާއީލުގެ އެކި ތަންތަނަށް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މިއަދު ތަންކޮޅެއް ކުރިންވެސް އިސްރާއީލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައި ވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އިސްރާއީލާ ދިމާއަށް އައި ގޮތްނޭނގޭ މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ.

ފުރަތަމަ ފޮނުވާލި މިސައިލްގެ ޒިންމާވެސް އުފުލާފައިވަނީ ޔަމަނުންނެވެ.

ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނު ހުއްޓަންދެން ހަމަލާތައް ދިނުން ކުރިއަށްދާނެ ކަމަށެވެ.

"ޣައްޒާގައި ހިންގާ އުދުވާނަކީ އެމެރިކާގެ ސަޕޯޓް ލިބިގެން އަދި ބައެއް އެހެން ގައުމުތަކުގެ ތާއީދާއެކު ހިންގާ އުދުވާނުތަކެއް"
ޔަހްޔާ ސަރީ

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ އިސްރާއީލަށް ހަމަލާތައް ދޭން ފަށާނެ ކަމަށް ޔަމަނުގެ ވެރިރަށް ސަންއާ ހިމެނޭގޮތުން، ޔަމަނުގެ ބޮޑުބައެއްގައި ވެރިކަންކުރާ ހޫޘީން ކުރިންވެސް ގެންދިޔައީ އިންޒާރު ކުރަމުންނެވެ.

ބެލެވޭގޮތުގައި، ޔަމަނުން އިސްރާއީލަށް ހަމަލާތައް ދޭން މިފެށީ، އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ވަދެގަތުމާ ގުޅިގެންނެވެ.

ހޫޘީން އަތުގައި ބެލިސްޓިކް މިސައިލްގެ އިތުރުން، ކްރޫޒް މިސައިލާއި އެނޫންވެސް ޒަމާނީ ހަތިޔާރު އެބަހުއްޓެވެ. ހޫޘީން އަތުގައި ހުރި ބެލިސްޓިކް މިސައިލަކީ އަރަބި ކަރައިގެ ކޮންމެ ދިމާލެއްގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށްވެސް ވާސިލްވެވޭ މިސައިލްތަކެވެ.

އަނެއްކޮޅުން، ޔަމަނުގެ އަންސާރުﷲ ޖަމާއަތަކީ، ލުބުނާނުގެ ހިޒްބުﷲއަށް ވުރެންވެސް ޒަމާނީ މޮޅު ހަތިޔާރު ގެންގުޅޭ ޖަމާއަތެކެވެ.

ހޫޘީންގެ ސަރުކާރު ސިފައިން އިސްރާއީލަށް ދޭންފެށި ހަމަލާތަކުގައި ބައިވެރިވުމާމެދު އަންސާރުﷲއިން ކުރިއަށްއޮތް ގަޑި ދެގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.