ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް ދަރަންޏެއް 1 އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް 32،426 އެމެރިކާ ޑޮލަރު (498،712 ދިވެހި ރުފިޔާ) ދެއްކުމަށް ހުކުމްކޮށްފައިވާއިރު އެ އިދާރާގެ މާލީ ހާލަތު ދަށް ކަމަށް ބުނެ އެފްއޭއެމްއިން އެދިފައިވަނީ މި ދަރަނި އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ގޮތަށް އަމުރުކޮށްދިނުމަށެވެ.

2021 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މާލީގޮތުން ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައިވާ އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި 18 ދައުވާއެއް އޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އެފްއޭއެމް އިން ހިންގާފައިވާ ހިޔާނާތާ ގުޅުން ހުރި ޖިނާއީ މައްސަލައެއްވެސް ފުލުހުން ތަހުގީގު ކުރަމުންދާއިރު ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގައި ވެސް އެ އެސޯސިއޭޝަންގެ މައްސަލަތަކެއް މީގެކުރިން ވެސް އަދި މިހާރު ވެސް ކުރިއަށްދެއެވެ.

ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން "އެފްއޭއެމް ހައުސް" އިމާރާތަށްވަދެ ސާމާނުތައް ގެންދިއުމުން މަސައްކަތައް ބުރޫއަރައި ފުޓްބޯޅަ ލީގާއި މުބާރާތްތަކުގެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް އެ އިދާރާއިން ބުނެފައިވާއިރު ސާމާނުތައް ގެންދިއުމުގެ ތެރޭގައި، އެ އިދާރާގެ ހިންގުމަށް ބުރޫއަރާނެ އެއްޗެއް ގެންދެވިފައިވާނަމަ ވީ އެންމެ އަވަހަކަށް އެ އެއްޗެތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

މި މައްސަލަތަކާއި ގުޅިގެން އަންނަ ހޮނިހިރު ދުވަހު ފަށަން ރާވާފައިއޮތް ދިވެހި ޕްރިމިއާ ލީގު ވެސް ވަނީ ފަސްކުރަންޖެހިފައެެވެ.

މި އަހަަރަށް އެފްއޭއެމުން ވަނީ 85 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

މާލީގޮތުން ބޮޑު އަޑިގަނޑަކަށްވެއްޓި، ހިންގުން ދޯދިޔާވެފައިވާ އެފްއޭއެމްގެ ނައިބުރައީސް ކަމުގެ މަގާމުގައި ހުންނެވި ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު މުއާވިޔަތު ހަލީލު ދާދި ފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެފްއޭއެމުގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ. ބައްސާމްގެ ދައުރު އަންނަ އަހަރު ޖުލައި މަހު ހަމަވާނެއެވެ.