ހަނގުރާމައަކީ ހަތިޔާރު ހިފައިގެން ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކާ ތަޅައި މެރުމެވެ. މިބަސް އާންމުކޮށް ބޭނުންކުރަނީ އެއް ޤައުމު އަނެއް ޤައުމާ ދެމެދު ހިނގާ އަސްކަރީ ޙަމަލާތަކަށެވެ. އެނޫން ގޮތަކަށް ދެވޭ ހަމަލާތަކަށް ހަނގުރާމައެކޭ ނުކިޔާނެއެވެ. އެއަށް ކިޔާނީ ޓެރަރިޒަމެވެ.
ހަނގުރާމައެއްގައި އަންހެނުންނާއި ކުޑަކުދިންނަށް ހިމާޔަތްދޭނެއެވެ. ނުވަތަ ނުމަރާނެއެވެ. ހާއްސަކޮށް ތުއްތު ކުދިންނާއި މާބަނޑު އަންހެނުންނަށް ހަނގުރާމައިގެ ނަމުގައި އަމާޒުކޮށްދޭ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ، ބައިނަލްއަޤްވާމީ ޤާނޫނުތައް މަނާކުރާ ކަންކަމެވެ. އެކަމަކު މިހާރު އިސްރާއީލާ ފަލަސްތީނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލުގެ ހަރުކަށި ޔަހޫދީންގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކުޑަކުދިންނާއި އަންހެނުންނަށެވެ.
ނަމުން ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތަކެއް ނަމަވެސް ޝަހީދުކުރި މީހުންގެ 41 އިންސައްތައަށްވުރެ ގިނައީ ކުޑަކުދިންނެވެ. މީގެ ތެރޭގައި އުފަންނުވަނީސް މައިމީހާއާއެކު ޝަހީދުކޮށްލި ކުދިންވެސް ހިމެނެއެވެ. ޕެރަމެޑިކްތަކާއި ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީވެސް ހަގުރާމައިގެ މައިދާނުގައިވިޔަސް ކުރުން މަނާ ކަންކަމަށްވާއިރު އެއެއްމިއެއް ނުބަލައި އިސްރާއީލުންވަނީ ހޮސްޕިޓަލުތަކާއި ޕެރަމެޑިކްތަކާއި ކްލިނިކްތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ. މިހަމަލާތަކުގައިވެސް ޝަހީދުވި ގިނަ ބަޔަކަށްވީ ކުޑަކުދިންނެވެ.
އިސްރާއީލުން ކުޑަކުދިންނާއި މާބަނޑުމީހުން ހިމެނޭހެން އަންހެނުން ޝަހީދުކުރާ މައިގަނޑު ސަބަބު
އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގެ އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއެޅުމުގެ ސަބަބުން ކޮންމެ ދުވަހަކު ޝަހީދުވަމުންދާ ކުޑަކުދިންގެ އަދަދު އެތައްގުނަ މައްޗައްށް ގޮސްފައިވާތީ އދގެ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ އޭޖެންސީ، ޔުނިސެފުންވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޣައްޒާގެ އާބާދީގައި 2.3 މިލިއަން މީހުން ހިމެނޭއިރު، އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
އާބާދީ މިހާބޮޑުވުމަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިހާރު ޣައްްޒާގައި ތިބި ކުޑަކުދިން މާތް ﷲގެ ރަޙުމަތްފުޅުން ބޮޑެތިވެ، ޒަވާޖީ ގުޅުން ބިނާކުރުމަކީ ފަލަސްތީނުގެ ދަރިފަސްކޮޅު އިތުރުވެގެންދާނޭ ސަބަބެކެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން އިސްރާއީލަށް "ތުރެޓަކަށް" ވަނީ މިނޫން އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. ފަލަސްތީނުގެ ދަރިސްފަސްކޮޅު ފޮހެލަންކުރާ މަސައްކަތް އިސްރާއީލަށް ކާމިޔާބުނުވާ މައިގަނޑު ސަބަބަކީ ދުވަހެއްދުވަހަކަށް އިތުރުވަމުން އަންނަ އާބާދީއެވެ.
ހަނގުރާމައިގައި އާންމުން ޝަހީދުކުރުމަކީ އިންސާނީ ހައްގުތަކާ ބެހޭ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް
ދިރިހުރުމުގެ ހައްޤަކީ އިންސާނީ ހައްޤުތަކާ ބެހޭ އެންމެ މަތީ ޤާނޫނުތަކުންވެސް ކަށަވަރުކޮށްދޭ އަސާސީ ހައްޤެކެވެ. ހަނގުރާމައިގައި އާންމުން ޝަހީދުކުރުމާއި، އާންމުންނާ ކުރިމަތިލައި މާރާމާރީހިންގުން މަނާކުރުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނާއި، ބައިނަލްއަޤްވާމީ ޝަރީޢަތުގައި ވަރަށް ހަރުދަނާގޮތެއްގައި ބަޔާންކޮށްފައިވާ އުޞޫލުތަކެކެވެ. ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންނަށް އަނިޔާކުރުން މަނާކުރުމާއި، ވަކިން ހާއްސަކޮށް މީހުން ޝަހީދުކުރުމާއި، ގެދޮރު ހަލާކުކޮށްލުމާއި، އަނިޔާވެރިކޮށް އަނިޔާދިނުމަކީ، ހަތިޔާރުއެޅި ހަމަނުޖެހުންތަކުގެ ހުރިހާ ޙާލަތެއްގައިވެސް ބައިނަލްއަޤްވާމީ ޤާނޫނުގެ ތަރަހައިގެ ތެރެއިން މަނާ ކަންކަމެވެ.
ތަފާތުކުރުމާއި ހަމަހަމަކަމުގެ އިންސާނީ އުޞޫލުތަކުގެ ތެރޭގައި ހަނގުރާމަވެރިން ހަނގުރާމަވެރިންނާއި ޢާންމުންގެ މެދުގައި ތަފާތުކުރަން ޖެހޭއިރު، އަސްކަރީ މަންފާގެ ފުރުޞަތުގެ ބޭރުން މަދަނީ ގެއްލުންތައް ދިނުން އެ އުޞޫލުތަކުން މަނާކުރެއެވެ. ނަމަވެސް ހަމަނުޖެހުންތަކުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިފައިންނާއި ޖަމާއަތްތަކުން މިއުޞޫލު މުގުރާލައެވެ. ކުޑަކުދިން ޝަހީދުވާން އާންމު ގޮތެއްގައި މެދުވެރިވަނީ، ތަންދޮރުބަލައިނުލައި ވައިގެ މަގުން ހަމަލާދޭތީއެވެ.
ނިރުބަވެރި އިސްރާއީލުގެ ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު އެކަނި ވެސް ފަލަސްތީނުގެ 1000 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފަލަސްތީނުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 9,061 އަށްވުރެ މައްޗަށް އަރާފައެވެ.
ޒިދާންގެ ލިޔުންތެރިކަމުގެ ވައްޓަފާޅި ވަރަށް ކަމުދޭ. އިބާރާތް ކޮށްފައި ހުންނަ ގޮތާއި އެތުރުންގަނޑު މޮޅު.