މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް 159،141 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،520،189 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އާޅާބަލާއިރު 13.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،344،366 ފަތުރުވެރިންނެވެ.

މިއަހަރުގެ ވަކިވަކި މަސްތަކުގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދު:

  • ޖެނުއަރީ: 172،499 ފަތުރުވެރިން
  • ފެބްރުއަރީ: 177،915 ފަތުރުވެރިން
  • މާޗް: 173،514 ފަތުރުވެރިން
  • އޭޕްރީލް: 164،357 ފަތުރުވެރިން
  • މޭ: 120،959 ފަތުރުވެރިން
  • ޖޫން: 120،363 ފަތުރުވެރިން
  • ޖުލައި: 145،620 ފަތުރުވެރިން
  • އޮގަސްޓް: 154،854 ފަތުރުވެރިން
  • ސެޕްޓެމްބަރު: 130،967
  • އޮކްޓޯބަރު: 159،141 ފަތުރުވެރިން

ފަތާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު 5001 ފަތުރުވެރިން ޒިޔާރަތްކުރާއިރު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހަތް ދުވަސް ހޭދަކުރެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 174،663 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ، އިންޑިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 164،471 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް ޗައިނާއިން މި މުއްދަތުގައި 163،708 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑްގެ އިތުރުން ސްޕެއިންއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،286 ތަނަކަށް މިހާރު ހުއްދަ ދީފައިވާއިރު، އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،282 ތަނަކުންނެވެ. އެއީ 174 ރިސޯޓާއި، 14 ހޮޓަލާއި، 932 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީއެވެ.

މި އަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.