1988ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްވީ ބުރާސްފަތި ދުވަހުގެ ފަތިހު ރާއްޖެއަށް ދިމާވި އެންމެ ބޮޑު ނުރައްކަލަކީ ގައުމަށް ޚިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޢީ ގްރޫޕެއްކަމަށްވާ ''ޕްލޯޓް''ގެ އެހީގައި ރާއްޖެއަށް ހަމަލާދީ ރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން ކުރި މަސައްކަތެވެ.
ނޮވެމްބަރު 03 ވަނަ ދުވަހު ރާއްޖެއަށް ހަމަލާދީފައިވަނީ ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ 80 މީހުންނެވެ. އެމީހުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ.
"ބަޑި ބުރާސްފަތީގެ" މިނުރައްކާތެރި ހަމަލާގައި، ކުށެއްނެތް އެތައް އާންމުންނެއް ޒަޚަމްވިއިރު ގައުމާއި ރައްޔިތުންނަށްޓަކައި މިގައުމު ދިފާޢުކުރަން ތިބި ސިފައިންގެ ފުރާނަވެސް ދިޔައެވެ. ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސިފައިންގެ އިސް ވެރިން އަތުލައިގަނެ ރަހީނުވެސް ކުރިއެވެ. ނަމަވެސް މިހަމަލާތަކުގެ ތެރޭގައި މި ގައުމު ދިފާއުކުރުމަށްޓަކައި ސިފައިން ވަނީ ފަސްޖެހުމެއްނެތި ހިތްވަރާއެކު ބާޣީންނާއެކު ޖިހާދުކޮށްފައެވެ. އަދި މި ޖިހާދުގައި އަށް ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
ގައުމަށްޓަކައި ފުރާނައިން ގުރުބާންވި، ސިފައިންގެ ގުރްބާނީ އާއި ހިތްވަރުން އަދި ދިވެހި ރައްޔިތުން އެދުވަހު ދައްކައިދިން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ދިވެހިންނަށް ނަސްރު ލިބުނެވެ. މިއަދު ފާހަގަކުރަމުން މިދަނީ އެ ނަސްރު ލިބުނު ދުވަހެވެ. އެ ދުވަހު އެތައް ފުރާނައެއް އަހަރެމެންނާއި ވަކިވެގެން ދިޔައިރު، އެ އަބްޠާލުން ވަނީ މި ދިވެހި ގައުމުގައިވާ މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށްދީފައެވެ. މި ވަޠަންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފުރާނަ ޤުރުބާންކޮށްފައެވެ.
އެދުވަހު ގައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ފުރާނައިން ގުރުބާންވި ޝަހީދު ހުސައިން އާދަމަކީ މުޅި ގައުމު ފަޚުރުވެރިވާ ދަރިއެކެވެ. ޝަހީދު ހުސައިން އާދަމް އެދުވަހު ވި ގުރުބާނީގެ ސަބަބުން ދުޝަމަނުންގެ ރޭވުން ނާކާމިޔާބު ވެގެންދިޔައެވެ. އެންމެ ފަހު ވަޒަނާ ހަމައަށްވެސް ދުޝްމަނުންނަށް ހަމަލާ ދެއްވުމުގައި ފަސްނުޖެހުނެވެ.
ފަހު ނޭވާ ދޫކޮށްލިއިރު "އެކުވެރީންނޭ ހަވާލޭ ވަޠަން ލޯބިވާ"އޭ ބުނި ކަހަލައެވެ.
އެދުވަހުގެ ހަމަލާއާއި ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ރާއްޖެ ދިފާއުކުރެއްވުމަށްޓަކައި ބޭރުގެ ގައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އެދުވަހު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގައުމަކަށް އެންމެ ފާހަގަކޮށްލެވެނީ އަވައްޓެރި އިންޑިއާއެވެ. އެގޮތުން، ކުލީ ސިފައިން ރާއްޖެއަށް ހަމަލާ ދޭންފެށިތާ 17 ވަރަކަށް ގަޑިއިރު ތެރޭ ކަނޑާއި ވައިގެމަގުން އިންޑިއާ ސިފައިން ރާއްޖެއައިސް ހަރަކާތްތެރިވާން ފެށިއެވެ.
އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު ދިވެހި ސިފައިންނާއި، ކުލީ ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލުކުރެވި ހަނގުރާމަ އޮތީ މައިތިރިވެފައެވެ. އޭރު ދިވެހި ސިފައިންގެ މަސައްކަތުން ކުލީ ސިފައިންގެ އެތައް ބަޔަކު ވަނީ މަރާލާފައެވެ.
އެހެންނަމަވެސް، ދިވެހީންގެ މިނިވަންކަން ދިފާއުކުރެވުނީ، ދިވެހީންނަށް މިގައުމު އަނބުރާ ހޯދުނީ، ހަމަ ދިވެހި ދަރީން ކުރި ހިތްވަރުގަދަ ޖިހާދުންނެވެ. ފަހު ވަޒަނާ ހަމައަށް ކުރި ޖިހާދުންނެވެ.
ނަސްރުގެ ދުވަސް އަހަރެމެން މިއަދު މިފާހަގަކުރަނީ ދިވެހި ޤައުމަށް ނަފުރަތުކުރާ ފަރާތްތަކުގެ ނުބައި ރޭވުންތަކުން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުން އެދި މާތްﷲ ގެ ހަޟުރަތަށް ދުޢާކުރަމުން އަދި އެ ނުރައްކާތެރި އުދުވާނީ ހަމަލާގައި ޝަހީދުވި ދިވެހި އެންމެހައި ދަރީންގެ ޒިކުރާ އާކުރަމުންނެވެ.