ދިވެހިންގެ ތެރެއިންވާ ޚާއިނުންތަކަކާއި އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޣީ ގްރޫޕެއްކަމަށްވާ ''ޕްލޯޓް'' ޖަމިއްޔާގެ އެހީއާއެކު 1998 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެ ހިފުމަށް އަރައި ހިންގި ކަންތައްތަކަކީ، ފަހުގެ ތާރީހުގައި ދިވެހިން ތަޖުރިބާކުރި އެންމެ ހިތްދަތި، އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި ދުވަހެވެ.
އެންމެފަހު ނޭވާ ލާނީ ވެސް އިސްލާމްދީނާއި ދިވެހި ފަސްގަނޑުގެ ދިފާއުގައި ކަމަށް ބުނެ ކުރި ހުވައާއި އެއްގޮތަށް، އަންނާނެ ތީރެއް އުންޑައަކަށް ބެލުމެއްނެތި ކުރެއްވި މަތިވެރި ޖިހާދުގައި ދިވެހި ސިފައިންގެ އަށް ބޭކަލަަކު އެ ދުވަހު ޝަހީދުވިއެވެ. ދުޝްމަނުންގެ ރަހުމުކުޑަ ހަމަލާތަކުގައި އާންމުންގެ 11 މީހަކު ވެސް އެދުވަހު ޝަހީދުވިއެވެ.
މި ނުރައްކާތެރި ހަމަލާގައި، ކުށެއްނެތް އެތައް އާންމުންނެއް ޒަޚަމްވިއިރު ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސިފައިންގެ އިސްވެރިން އަދި އާންމުންވެސް އަތުލައިގަނެ ރަހީނު ކުރިއެވެ. ބާޣީން ބަލިވެ ފިލައިގެން ދަމުން ރަހީނުންގެ ގޮތުގައި ގެންދިޔަ ދިވެހިންގެ ތެރެއިން ބަޑި ޖަހާ މަރައި ކަނޑުފެއްތި އާންމުން ވެސް ހިމެނެއެވެ.
އެދުވަހު އެ ބޭފުޅުން އެވީ މަތިވެރި ގުރުބާނީގެ ވާހަކަ އާޓިކަލްއެއްގައި ލިޔެ ހުސްނުވާހައި ގިނައެވެ. ގިނަ ދިވެހިން އެ ބޭފުޅުންގެ ވާހަކަދައްކަނީ ނުހަނު ފަހުރުވެރިވާ ހާލުގައި، އެހާމެ ޝުކުރުވެރި ހިތަކާއިއެކުއެވެ.
ހިތާމައަކީ، އެދުވަހުގެ ޖިހާދުގައި ޝަހީދުވި ސިފައިންގެ އަށް ބޭކަލުންގެ ހައިބަތު ގެއްލުވައިލައި، އެ ގުރުބާނީގެ ޝަރަފު ކިލަނބުކުރަން ބަޔަކު މަސައްކަތްކުރުމެވެ. ތަމަޅަ ޓައިގަރުންގެ ހަމަލާއަށް "ފިލަން"، ޝަހީދުވި ބައެއް ބޭކަލުން ދުވި ކަމަށާއި، ވަޒަން އަރާފައިވަނީ، ފިލަން ދުވި ބައެއް ބޭކަލުންގެ ފުރަގަހުން، ބުރަކަށްޓަށް ކަމަށް ވެސް، ސިޔާސީ ގޮތުން ހައިބަތު ބޮޑު ބައެއް ބޭފުޅުން ވިދާޅުވުން މިއީ އެކަމާ މިއަދު އަޅުގަނޑުމެން ލަދުގަންނަންޖެހޭ ކަންކަމެވެ.
ގައުމެއްގެ މިނިވަންކަމާއި އިސްތިގްލާލުގެ ދިފާއުގައި ކުރާ ހަނގުރާމައަކުން ނަސްރު ލިބޭ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރާ ކަމެކެވެ. ރާއްޖޭގައި މި ބީދައިން ކަންކުރަމުން އައެވެ.
އެހެންނަމަވެސް، ފަހަކަށް އައިސް މި ދުވަސް ފާހަގަކުރުމުގައި ކަމާގުޅުންހުރި ފަރާތްތަކުން އިހުމާލުވަމުން އަންނަކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ޒައާމަތުގައި، މިކަމާ ގުޅޭގޮތުން ކުރެވޭ ބަހުސްތަކުގެ އަޑު ގަދަވާން ފެށިއެވެ. އެބަހުސް އެހެން ކުރަންޖެހެނީ ސަބަބުތައް ވެސް މެދުވެރިވާތީއާ އެކުއެވެ.
ފާއިތުވީ ފަސް ވަރަކަށް އަހަރުގެ ތެރޭގައި، މި ދުވަސް ފާހަގަކުރުމަށް މާބޮޑު އަހަމިއްޔަތެއް ދީފައިނުވާކަން ފާހަގަވިއެވެ. ބައެއް ދިވެހިން ސިފަކުރާ ގޮތުގައި، ދައުރެއް ނިމިގެން މިދަނީ ނަސްރުގެ ދުވަސް "ބީ ކެޓަގަރީ" ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން ދަނިކޮށެވެ. ދިވެހިންނަށް ނަސްރު ލިބުނު އެ ދުވަހާމެދު ދިވެހީންގެ ބަޔަކު ނަމަވެސް ދެކޭ ގޮތް ބަދަލުވެއްޖެހެން ހީވާން ފަށައިފިއެވެ. އެހެން ހީވާންޖެހޭ ބައެއް ސަބަބުތައް ދަނީ ފެންނަމުންނެވެ. 2008 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަދި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ވެރިކަން ކުރެއްވި ރައީސް ޔާމީންގެ ވެރިކަމުގައި މި ދުވަސް ފާހަގަކުރި ގޮތާއި، 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވެރިކަން ކުރައްވާ ރައީސް ޞާލިޙްގެ ވެރިކަމުގައި މި ދުވަސް ފާހަގަކުރުމުގައި ބޮޑެތި ތަފާތުތަކެއް ފާހަގަވާތީއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް އެކަނި ބަލައިލި ނަމަވެސް އެފަދަ އެތައް ސަބަބެއް ފެންނާން އެބައޮތެވެ. އެގޮތުން ދެތިން ކަމެއް ހިއްސާކޮށްލާނަމެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. ޕީއެސްއެމް އިން ނަސްރުގެ ދުވަހަށް ހާއްސަ ލަވަތައް ފޮނުވަމުންދިޔައިރު، އޭގެއިން ލަވައެއްގެ ބައެއް ބައިތައް މަދުކަން ގިނަބަޔަކަށް ފާހަގަވިއެވެ. އެކަމާ ގުޅިގެން ބައެއް ސިޔާސީ ބޭފުޅުންނާއި، ނޫސްވެރިންގެ އިތުރުން ގިނަ އާންމުންގެ ފާޑުކިޔުންތައް ޕީއެސްއެމްގެ ހިންގުންތެރިންނަށާއި ސަރުކާރަށް އަމާޒުވިއެވެ. މިކަމާ ގުޅިގެން އެކިއެކި މީޑިއާތަކުން ހޯދި ހޯދުންތަކުން، ޕީއެސްއެމްގެ ވެރިން އަންގައިގެން ލަވައިގެ އެއް ކަޑި ކަނޑާލަން ޖެހުނުކަން އެތަނުގެ ބައެއް މުވައްޒަފުންނާ ހަވާލާދީ ހާމަކޮށްފައިވެއެވެ. އަލުން އެޑިޓްކޮށް އެ ބުނާ ކަޑިއެއް އުނި ކޮށްގެން ނޫނީ އޮންއެއާ ނުކުރަން އެންގިއެވެ. ވީހާވެސް މަދުން އެ ލަވަ ދެއްކުމަށް އަންގާފައި އޮތްކަމަށް ވެސް މި ހޯދުންތައް ހޯދި މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދެން ޖެހިގެން އައި އަހަރު އިވުނީ އެއަށްވުރެ ހިތަށް އުނދަގޫވި ވާހަކައެކެވެ. "ނަސްރުގެ ދުވަސް ބީ ކެޓަގަރީ" ދުވަހަކަށް ހެދިކަމުގެ ވާހަކައެވެ. އެ ދުވަހަށް ހަދާފައިވާ ޕްރޮގްރާމް ގައިޑުގައި، ނަސްރުގެ ދުވަހަށް ހާއްސަ އެއްވެސް ޕްރަގްރާމެއް ނެތީއެވެ. 24 ގަޑިއިރު އޮންއެއާ ކުރަމުން އަންނަ ޕީއެސްއެމްގެ ޗެނަލްތަކުގައި، އެންމެ ވަގުތުކޮޅެއް ވެސް އެ ދުވަހަށް ހާއްސަކޮށްފައި ނެތްކަން، އެ ދުވަހު ޕީއެސްއެމްގެ ޗެނަލް ޓީވީއެމް އިން މީސްމީޑިއާގައި އާންމުކުރި ޕްރޮގްރާމު ގައިޑުން ހާމަވިއެވެ.
މިކަމާ ގުޅިގެން ވެސް ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންގެ އިތުރުން ގިނަ އާންމުންގެ ހިތުގައި ޕީއެސްއެމްގެ މެނޭޖްމަންޓާމެދު ރުޅިވެރިކަން އުފެދި، ނުރުހުން ފާޅުކުރަން ފެށިއެވެ.
އެ ފާޑުކިޔުންތަކާއެކު ޕީއެސްއެމް އިން ޕްރޮގްރާމް ގައިޑަށް ކުޑަ ބަދަލެއް ގެނެސް އެކަން މީސްމީޑިއާގައި ހާމަކުރިއެވެ. އެގޮތުން އެ ދުވަހު ދައްކަން އޮތް، "ހެއްޔަންބޯ" ޕްރޮގްރާމުގެ ރިޕީޓް އެޕިސޯޑުގެ ބަދަލުގައި، "ނަސްރުގެ ދުވަހަށް ހާއްސަ" ލަައިވް ކަވަރޭޖެއް "ފަޚުރު" ނަމުގައި ފަށާ ވާހަކައެވެ.
އާންމުންގެ ފާޑުކިޔުންތައް ބޮޑުވެ، ކުރިމަތިވި ޕްރެޝަރުގައި ޕީއެސްއެމްގެ އެމްޑީ މިކަމަށް ޖަވާބުދާރީވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެމްޑީ ދެއްކެވި ވާހަކަފުޅުތައްވީ ގިނަބަޔަކަށް އެހާ އަޑުއަހަން ފަސޭހަވި ވާހަކަތަކަކަށް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ސްޓޭޝަނުން ވަނީ ރަސްމީ ގޮތުން ފާހަގަ ކުރާ ދުވަސްތައް ކެޓަގަރައިޒް ކޮށްފައެވެ. އެ އުސޫލު ބުނާ ގޮތުން ނަސްރުގެ ދުވަހަކީ އެ ސްޓޭޝަނުގެ ވެރިން ކެޓަގަރައިޒް ކޮށްފައިވާގޮތުން، "ބީ ކެޓަގަރީ" ދުވަހެކެވެ.
"އޭ ކެޓަގަރީ" ދުވަސްތަކުގެ ތެރޭގައި ޖުމްހޫރީ ދުވަހާއި އީދު ދުވަސް ފަދަ ދުވަސްތައް ހިމެނެއެވެ.
މިފަދަ ކަންކަން މެދުވެރިވާ ސަބަބު، ބައެއް ފަރާތްތަކުން ގުޅުވަނީ، ރައީސް ޞާލިޙާއި، ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ އެއް މޭސްތެރިޔާ ސިއްކަ އަޙްމަދު އިސްމާއީލާ އޮތް ގުޅުމެވެ. ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕާފުޅަށް ސިއްކަ އަހްމަދު އިސްމާއީލް ވުން މިއީ، އަދުގެ ސަރުކާރުން މި ދުވަހާމެދު "އިހުމާލުވާ" ސަބަބުކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ނަސްރުގެ ދުވަހު މި ޤައުމަށް ދިމާވި އުދުވާނީ ހަމަލާއާއި، އޭގެކުރިން މި ކުޑަކުޑަ ރާއްޖެ އަޅުވެތިވި ޕޯޗުގީޒުންނާއި މަލާބާރީންފަދަ އިސްތިއުމާރީ ބާރުތަކުން ދީފައިވާ ހަމަލާތަކަކީ މިއަދު އެކަންކަމުން ޢިބްރަތް ހާސިލް ކުރަން ޖެހޭ ހާދިސާތަކެކެވެ. ސަރުކާރު ދެކެ ނުވަތަ ވަކި މީހަކު ދެކެ އަންނަ ރުޅިއެއް ނުވަތަ އޮންނަ ހިތްހަމަނުޖެހުމެއްގެ ސަބަބުން، ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ މި ގައުމު އެކަމަކަށްޓަކައި ފަހުރުވެރިވާ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ނަގައިލުމަށް މަސައްކަތްކުރާ ކޮންމެ މީހަކާ ދެކޮޅަށް ދިވެހިން ތެދުވާން ޖެހެއެވެ.
އެފަދަ ދުވަސްތަކުގައި މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފުރާނައިން ގުރުބާންވި މަތިވެރި ޝަހީދުންގެ ޒިކުރާ މުޅި އުމުރަށް އަޅުގަނޑުމެން އައުކުރާން ޖެހެއެވެ. މިއީ ދިވެހި ކޮންމެ ރައްޔިތަކުވެސް މިކަންކަން ވިސްނުމުގައި ބަހައްޓަންޖެހޭ ކަންކަމެވެ.
މިފަދަ ބިރުވެރި ހާދިސާތަކުން، އިބުރަތް ލިބިގަނެ، ބޭރު ގައުމުތަކުގެ އަތްދަށަށް މި ގައުމު ނުގޮސް މިނިވަންކަން މަތީ ދެމިއޮތުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ފަރުދީ ޒިންމާއެކެވެ.