- ހިޒްބުﷲ އޮތީ ހުރިހާ މާނައެއްގައި ފުރިހަމަ ތައްޔާރުގައި ކަމަށް ވިދާޅުވި
- ޣައްޒާގެ އުދުވާނުގެ ހާލަތަށް ބަލައި ހަމަލާތައް ފުޅާކުރާނެ ކަމަށް ވިދާޅުވި
- އެމެރިކާއިން މަނަވަރު ފޮނުވިޔަސް ހިޒްބުﷲ ޖެހިލުންވެ ފަހެއް ނުޖެހޭނެ
އޮކްޓޫބަރުމަހުގެ 8 ވަނަ ދުވަހު ހިޒްބުﷲ އިން ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ކަމަށް، ހިޒްބުﷲގެ ލީޑަރ އައްޝައިޚް ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.
ޓީވީ މެދުވެރިކޮށް މިރޭ އިއްވި ޚިތާބެއްގައި ހަސަން ނަސްރުﷲ ވިދާޅުވީ، އެ ދުވަހުން ފެށިގެން ލުބުނާނު – އިސްރާއީލު ވަކިކުރާ އިމުގައި ހިޒްބުﷲގެ މުޖާހިދުން އިސްރާއީލު ސިފައިންނަށާއި، ހަތިޔާރާއި އަސްކަރީ ވެހިކަލާއި، ތަންތަނަށް ހިޒްބުﷲ މުޖާހިދުން ގެންދަނީ ހަމަލާތައް ދެމުން ކަމަށެވެ.
ހިޒްބުﷲއިން ދެނީ މާ ވަރުގަދަ ހަމަލާތަކެއް ނޫން ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި، ނަމަވެސް ހިޒްބުﷲއިން ދޭންފެށި ހަމަލާތަކަކީ ވަރަށް މުހިންމު ހަމަލާތަކެއް ކަމަށް ހަސަން ނަސްރުﷲ ވިދާޅުވިއެވެ.
އެ ހަމަލާތަކުގެ ވަރުގަދަކަން އިހްސާސް ކުރެވޭނީ ބޯޑަރު ކައިރީގައި ހުރި މީހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޣައްޒާއަށް ހަމަލާދޭން ލުބުނާނު ބޯޑަރު ކައިރީގައި ތިބި ސިފައިންގެ ފައުޖުތައް ގެންދަން އިސްރާއީލުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ހިޒްބުﷲގެ ހަމަލާތަކުގެ ސަބަބުން އެކަން ނުކުރެވުނު ކަމަށެވެ.
އަދި ޣައްޒާ ބޯޑަރު ކައިރިން އިތުރު ސިފައިންނާއި ހަތިޔާރު ލުބުނާނު ކައިރިއަށް ގެންދަން ޖެހުނު ކަމަށްވެސް ހަސަން ނަސްރުﷲ ވިދާޅުވިއެވެ.
އޭގެ ނަތީޖާއެއްގެގޮތުން ޣައްޒާއަށް އޮތް ޕްރެޝަރު ކުޑަވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.
ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންނަށް ބޮޑެތި ގެއްލުންތައް ދެމުންގެންދާއިރު، އެ ހިސާބުގައި ހަދާފައިވާ 43 އާބާދީއަކުން މީހުން ހުސްކޮށްފައިވާކަންވެސް ހަސަން ނަސްރުﷲ ފާހަގަ ކުރެއްވިއެވެ.
ހިޒްބުﷲގެ ވެރިޔާ ވިދާޅުވީ، ހިޒްބުﷲއިން ދޭންފެށި ހަމަލާތަކުގެ ސަބަބުން ޒަޔަނިސްޓު ދައުލަތާއި އެމެރިކާގެ ވެރިންގެ މެދުގައިވެސް ނުތަނަވަސްކަމާއި، ކަންބޮޑުވުމާއި ބިރު އުފެދިގެންދިޔަ ކަމަށެވެ.
ހަސަން ނަސްރުﷲ ވިދާޅުވީ، ހިޒްބުﷲ އޮތީ ހުރިހާ މާނައެއްގައި ތައްޔާރީ ހާލަތުގައި ކަމަށާއި، ހުރިހާ އިޚްތިޔާރުތަކެއްވެސް އަތްމަތީގައި އެބަހުރި ކަމަށެވެ.
ހަމަލާތައް ފުޅާކޮށް ވަރުގަދަކުރުން އޮތީ އިސްރާއީލުން ޣައްޒާގައި ކަންކުރާ ގޮތެއްގެ މައްޗަށް ބިނާވެފައި ކަމަށެވެ.
ހިޒްބުﷲ ފަޅި އޮތީ ޣައްޒާއާ އެކުގައި ކަމަށާއި، ހިޒްބުﷲގެ ހަމަލާތަކާއި ހަރަކާތްތައް ބިނާވެފައިވަނީ ދުޝްމަނުން ޣައްޒާގައި އުޅޭ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ހަސަން ނަސްރުﷲ ވިދާޅުވިއެވެ.
އެމެރިކާއިން މެޑިޓަރޭނިއަން ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުވާފައިވާ މައްސަލާގައި ހަސަން ނަސްރުﷲ ވިދާޅުވީ، އެއީ ހިޒްބުﷲ ބިރުގަނެ ޖެހިލުންވެ ފަސްޖެހޭކަމެއް ނޫންކަމަށެވެ.
ޣައްޒާގެ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރި، ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވާން ބޭނުން ނުވާމީހަކު ހުރިނަމަ، ޣައްޒާގެ އުދުވާނު ހުއްޓުވުމަށް ހިޒްބުﷲގެ ވެރިޔާ ދުނިޔެއަށް ގޮވާލެއްވިއެވެ.
ސަރަހައްދީ ހަނގުރާމައެއް ފެށިއްޖެނަމަ އޭގެ ގެއްލުމާ ކުރިމަތިލާން ޖެހޭނީ ދުޝްމަން ސިފައިން ކަމަށްވެސް ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުންނަށާއި، ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ޝައިޚް ހަސަން ނަސްރުﷲ ގޮވާލެއްވީ، ކެތްތެރިވުމަށާއި، ކެތްތެރިވުމުގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ ފަލަސްތީނަށް ނަސްރުލިބުން ކަމަށެވެ.