ހަރުކަށި ޔަހޫދީ ޖަމާއަތެއް ކަމަށްވާ އިސްރާއީލުގެ އުފެއްދުންތަކާއި އިސްރާއީލަށް ވާގިވެރިވާ ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުމިވަނީ ވަރަށް ގަދަވެފައެވެ. މިގޮތުން އާންމުންގެ ގިނަ ބަޔަކު ސޯޝަލްމީޑިއާއި މަގުމަތީ ހަރަކާތްތަކުގައި ބޮއިކޮޓް ކުރުމަށް ގޮވާލާ ފާހަގަކޮށްލެވޭ ދެ ބްރޭންޑަކަށް ކޭއެފްސީ އަދި ޕިއްޒާ ހަޓްވާނެއެވެ. މިދެބްރޭންޑްގެ އައުޓްލެޓްތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާތީ މިއީ މަގުބޫލު ދެ ނަމެވެ.
ރާއްޖޭގައިވެސް ކޭއެފްސީއާއި ޕިއްޒާ ހަޓްގެ އައުޓްލެޓްތައް ހުރި އިރު، ސުވާލަކީ އިސްރާއީލާ މިބްރޭންޑްތަކާ އޮތީ ކޮން ގުޅުމެއްތޯއެވެ.
އެންމެ ފުރަތަމަ ކަމަކަށް ކޭއެފްސީ އަދި ޕިއްޒާ ހަޓްގެވެސް މައި ކުންފުންޏަކީ ނުވަތަ ބެލެނިވެރި ފަރާތަކީ އެއް ބައެކެވެ. މިދެ ބްރޭންޑަކީވެސް "ޔަމް! ބްރޭންޑްސް" ކިޔާ މައި ކުންފުންޏެއްގެ ބެލުމުގެ ދަށުގައިވާ ދެ ބްރޭންޑެވެ.
ދެން އޮތީ ޕިއްޒާ ހަޓާއި ކޭއެފްސީ ބޮއިކޮޓް ކުރަން ގޮވާލާ ސަބަބެވެ. ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޣައްޒާގެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ކާބޯތަކެއްޗާއި ފެނާއި ކަރަންޓާއި އިންޓަނެޓްގެ ޚިދުމަތުން އެވަނީ މަހުރޫމުކޮށްފައެވެ.
ހަމާސްއިން ޣައްޒާގެ މައްޗަށް ވެރިކަން ކުރަން ފެށުމުން، އިސްރާއީލުން 2007 ވަނަ އަހަރުން ފެށިގެން އޮންނަނީ ޣައްޒާ، އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ބަންދުކޮށްފައެވެ.
އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ކަރަންޓާއި، ބޯފެނާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ތައުލީމު އުނގެނުމާއި، ޟަރޫރީ އެހެން ބޭނުންތައްވެސް ނުފުދި، ދެމިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލަތެއްގައެވެ.
އިސްރާއީލުގެ ކޮންޓްރޯލް ނޯންނަނީ ހަމައެކަނީ ފަލަސްތީނުގެ ޣައްޒާއާއި މިސްރާ ދެމެދު އޮންނަ ބޯޑަރަށެވެ. އެކަމަކު އެބޯޑަރު ހުރަސްކޮށް މިސްރުން ދާ ކޮންމެ ސަޕްލައިއަކަށް ބޮން އަޅާނެ ކަމުގެ އިންޒާރުވެސް އިސްރާއީލުންވަނީ ދީފައެވެ.
ޣައްޒާގެ ރައްޔިތުންނަށް މިނިކަމެތި ހާލު ޖައްސާފައި ވަނިކޮށް، މިހާރު ކުރަމުންދާ ހަނގުރާމައިގައި، އިސްރާއީލުގެ ޒަޔަނިސްޓުންނަށް ކާބޯތަކެތި ސްޕޮންސަރކުރަމުންދަނީ ޕިއްޒާ ހަޓުންނެވެ.
ދެވަނަ ކަމަކަށް "ޔަމް! ބްރޭންޑްސް އިންކް"އިން ދާދިފަހުން ވަނީ އިސްރާއީލުގެ އޮމްނިޗެނަލް އޯޑަރު އެންޑް މާކެޓިން ޕްލެޓްފޯމް ކުންފުންޏެއް ކަމަށްވާ ޓިކްޓުކް ޓެކްނޮލޮޖީސްއާ ޕާޓްނާޝިޕް ހަދާފައިވައެވެ. އަދި ދާދި ފަހުން، އިސްރާއީލުގެ ސަޕޯޓަރުންނާ ގުޅިގެން، ޕިއްޒާ ހަޓްގެ އިޝްތިހާރެއްވެސް ހަދާފައިވެއެވެ. މި އިޝްތިހާރުގައިވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ތިބި ފަލަސްތީނުގެ ގައިދީންނަށް ޖޯކުޖަހާފައެވެ.
"ޔަމް! ބްރޭންޑްސް އިންކްއިން ޕާޓްނާޝިޕް ހަދާފައިވާ ޓިކްޓުކް ޓެކްނޮލޮޖީސްގެ ސީއީއޯ އަދި ފައުންޑަރު ޓޮމަރ ބެން އަޒްރާއަކީ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެކެވެ.
އޭނާވަނީ ފަލަސްޠީނުގެ ރައްޔިތުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް އިސްރާއީލަށް ތާއިދުކުރާ ޕޯސްޓުތަކާއި ޚަބަރުތައް ސޯޝަލްމީޑިއާގައި ފަތުރާފައެވެ.
މިހުރިހާ ސަބަބަކާ ހުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ހާސް ބަޔަކުދަނީ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބޮއިކޮޓްކޮށް އެ ނޫންގޮތެއް އިޚްތިޔާރުކުރަން ގޮވާލަމުންނެވެ. ކޭއެފްސީއާއި ޕިއްޒާ ހަޓް އައުޓްލެޓްތައް ކައިރީވެސް މުޒާރަހާތައް ކުރަމުން އެބަ ދެއެވެ.
ކުކުޅުކާން ކޭއެފްސީ ނޫން ގޮތެކެވެ. ޕިއްޒާ ކަންޏާ ޕިއްޒާ ހަޓް ނޫން ގޮތެކެވެ.