ޣައްޒާގެ އުތުރުގައި ހުންނަ، އދއިން ހިންގާ އެންމެބޮޑު ސްކޫލަށް ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މީގެ ކުޑަ އިރުކޮޅެއް ކުރިން ބޮންއަޅައިފިއެވެ.

ފަލަސްތީނު ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އދގެ އޭޖެންސީން ހިންގާ އަލްފަޚޫރާ ސްކޫލަށް ބޮންއެޅުމުގެ ސަބަބުން އެތައްބަޔަކު ޝަހީދުވި ކަމަށާއި، ޒަޚަމްވި އެތައްބަޔަކު ހޮސްޕިޓަލަށް އުފުލަމުންދާ ކަމަށް ފަލަސްތީނުން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.

ޝަހީދުވި އަދި ޒަޚަމްވި ސީދާ އަދަދުތަކެއް އަދި ސާފު ނުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ގިނަބަޔަކު ޝަހީދުވިކަމުގެ ބިރު އުފެދިފައިވާ ކަމަށް ވެއެވެ.

އަލްފަޚޫރާ ސްކޫލަކީ ޣައްޒާގެ އުތުރުގެ އަލްޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ގާއިމްކޮށްފައިވާ ސްކޫލެކެވެ.

އެ ސްކޫލަށް ޓެރަރިސްޓުން ބޮންއެޅިއިރު، އެ ސްކޫލަކީ، ޣައްޒާގެ އެތައްހާސް އާންމުން ހިމާޔަތް ހޯދައިގެން ތިބި ތަނެކެވެ.

އާންމުންގެ ގެދޮރަށާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ޓެރަރިސްޓުން ބޮންއަޅައި ސުންނާފަތި ކޮށްލުމުން، ކުޑަކުދިންނާއި، އަންހެނުންނާއި، އާންމުން ހިމާޔަތް ހޯދަން ވަދެފައިވަނީ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށެވެ.

ނަމަވެސް، އިސްރާއީލުގެ އުދުވާނާހެދި އެއިން ތަނަކުންވެސް ހިމާޔަތެއް، ރައްކާތެރިކަމެއް ނެތެވެ.

ޓެރަރިސްޓުން މިހާރު ފަށައިގެންއުޅޭ އުދުވާނުގައި އަލްފަޚޫރާ ސްކޫލް ހުންނަ އަލްޖަބަލިއާ ރެފިއުޖީ ކޭމްޕަށް މިހާތަނަށް ތިން ފަހަރަށް ވަރުގަދައަށް ބޮންއަޅައި، ބޮޑެތި ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ވެއެވެ.

އަލްފަޚޫރާ ސްކޫލަށް މިއަދު ބޮންއަޅައި ބޮޑު ޖަރީމާއެއް ހިންގާފައި ވާއިރު، ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގައި އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދަކަށްވެސް ބޮންއަޅައި އެތައްބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ.

ބޮންއެޅި ސަރަހައްދުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އާންމުން އަދިވެސް ގެންދަނީ ކުރަމުންނެވެ.

ބޮންއެޅި ސަރަހައްދަކަށް މީހުން ސަލާމަތްކުރަން ދަތުރުކުރި އެމްބިއުލެންސަކަށްވެސް ދެންމެ ބޮންއަޅާފައި ވެއެވެ.

ޣައްޒާގެ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުން 40،000 އަށްވުރެ ގިނަ އާންމުން ހިމާޔަތް ހޯދާފައިވާއިރު، އެތަނުގެ މައި ދޮރަށް ރޭގައި ބޮންއަޅާފައި ވެއެވެ. އަދި މިއަދު ހަމަލާދީ، ހޮސްޕިޓަލުގެ ސޯލާ ސިސްޓަމްވަނީ ހަލާކުކޮށްލާފައެވެ.

ޣައްޒާގެ ހުރިހާ ދިމާއަކަށް ޓެރަރިސްޓުން ބޮންއަޅަމުން ގެންދާއިރު، ޣައްޒާގެ ދެކުނުގައި ހުރި އަލް ބިން އަބީ ތާބިލް މިސްކިތާއި، އަލް-އިސްތިޖާބާ މިސްކިތަށްވެސް ބޮންއަޅައި ބިމާހަމަ ކޮށްލާފައި ވެއެވެ.