- އިސްރާއީލުގަ ހުންނަވާ ތުރުކީގެ އެމްބަސެޑަރ ގައުމަށް ވަޑައިގަތުމަށް މިހާރުވަނީ އަންގާފައި
އެއްވެސް ކަމެއްގައި މުއާމަލާތް ނުކުރަން ނިންމައި، ތުރުކީން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫއާ ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ، ނަތަންޔާހޫއަކީ މިހާރު "ވާހަކަ ދެއްކޭވަރު މީހެއް ނޫން" ކަމަށެވެ.
ނަތަންޔާހޫއާ އެއްވެސް ކަމެއްގައި މުއާމަލާތް ނުކުރަން ނިންމިކަން ތުރުކީން އޭނާއަށް މިހާރު ލިއުމުން އަންގާފައި ވާނޭ ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.
ތުރުކީން މިފިޔަވަޅު އެޅީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ އުދުވާނުތަކާ ގުޅިގެންނެވެ.
ނަތަންޔާހޫއާ މުއާމަލާތް ކުރުން ހުއްޓާލި ނަމަވެސް، ތުރުކީއާއި އިސްރާއީލާ ދެމެދުއޮތް ސިޔާސީ ގުޅުން ކަނޑާނުލައްވާނޭ ކަމަށް އުރުދުޣާން ވިދާޅުވި ކަމަށް، ތުރުކީގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ތުރުކީން ނަތަންޔާހޫއާ އެއްވެސް މުއާމަލާތެއް ނުކުރަން ނިންމައި، ގުޅުންތައް މި ކަނޑާލީ، ތުރުކީއާއެކު އޮންނަ ގުޅުން އަލުން މުރާޖައާ ކުރަމުންދާކަމަށް އިސްރާއީލުން ބުނިތާ ހަފްތާއެއް ފަހުންނެވެ.
ތުރުކީއާއެކު އޮންނަ ގުޅުން އަލުން މުރާޖައާ ކުރާކަން އިސްރާއީލުން ހާމަކުރީ، ހަމާސްއިން ކުރާ ޖިހާދަކީ އިސްތިއުމާރާ ދެކޮޅަށް ކުރާ ޖިހާދެއް ކަމަށާއި، ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއް ނޫންކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވުމާއި، ފަލަސްތީނަށް ތާއީދުކޮށް ތުރުކީގެ ރައްޔިތުން މަގުތަކަށް ނުކުމެ ބޮޑެތި އެއްވުންތައް ބާއްވަމުން ގެންދާތީއެވެ.
ޣައްޒާއަށް އުދުވާނީ ހަމަލާތައް ދޭން ފެށުމަށްފަހު އިސްރާއީލުންވަނީ ތުރުކީއާއި އަދި ސަރަހައްދުގެ އެހެން ގައުމުތަކުގައި ތިބި އިސްރާއީލުގެ ހުރިހާ ޑިޕްލޮމޭޓުން އަނބުރާ ގެންގޮސްފައެވެ. އެއީ، ރައްކާތެރި ވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުނެފައި ވެއެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ، ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހުރިހާ ހަމަނުޖެހުންތަކެއްގެ ޒިންމާ އުފުލަންޖެހޭނީ ނަތަންޔާހޫ ކަމަށެވެ. ނަތަންޔާހޫގެ އަމަލުތައް ހުރިގޮތުން އިސްރާއީލު އާންމުންގެ މެދުގައިވެސް އޭނާއަށް އޮތް ތާއީދު ގެއްލިގެން ގޮސްފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ތުރުކީގެ ރައީސް ވިދާޅުވީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ތުރުކީ ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ އިސްވެރިޔާ އަދި ތުރުކީ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހިމް ކާލިން އިސްރާއީލާ ވާހަކަ ދައްކަމުންގެންދާ ކަމަށެވެ.
ހަމަ އެއާއެކު، ފަލަސްތީނުގެ އިތުރުން، އިބްރާހިމް ކާލިން ހަމާސްއާވެސް ވާހަކަ ދައްކަމުން ގެންދާ ކަމަށް ތުރުކީގެ ރައީސް ވިދާޅުވިއެވެ.
އެންމެފަހުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި، ތުރުކީން މިހާރުވަނީ އެގައުމުން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ އަނބުރާ ގައުމަށް ވަޑައިގަތުމަށް އަންގާފައެވެ.