ލުބުނާނު ފަޅިން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް ހިޒްބުﷲއިން އިތުރަށް ވަރުގަދަކޮށްފިއެވެ.

އެގޮތުން، ހިޒްބުﷲއިން މިއަދުވަނީ ފުރަތަމަ ފަހަރަށް ބުރްކާން މިސައިލް ބޭނުންކޮށް، އިސްރާއީލު ސިފައިންގެ ޖަލްއަލަމް ބޭސް ގޮއްވާލާފައެވެ.

ބުރްކާން މިސައިލަކީ ހިޒްބުﷲއިން އަމިއްލައަށް ތަރައްގީކޮށް އުފައްދާފައިވާ މިސައިލެކެވެ. މިއީ ކުރު އަދި ދުރުރާސްތާއަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެވެ. އަދި އެތައް ކިލޯގްރަމެއްގެ ގޮވާތަކެތި އުފުލުމުގެ ގާބިލްކަންވެސް ލިބިގެންވެއެވެ.

ބުރްކާން މިސައިލްގެ ބާރުގަދަކަމުން އެޔަށް ދީފައިވާ ވަނަމަކީ "ދަ ވޮލްކޭނޯ" އެވެ.

ހިޒްބުﷲއިން ބުރްކާން މިސައިލް ބޭނުންކޮށްގެން ދިން ފުރަތަމަ ހަމަލާތަކާއެކު އަލިފާނާއި ދުމާއެކު އިސްރާއީލު ސިފައިންގެ ބޭސް ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯ، ހިޒްބުﷲއިން ވަނީ އާންމުކޮށްފައެވެ.

މި ހަމަލާގައި މަރުވި ސިފައިންގެ އަދަދެއް އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އިސްރާއީލުން އަދި ހާމައެއް ނުކުރެއެވެ.

ހަނގުރާމައިގައި ލިބެމުންދާ ގެއްލުންތައް އިސްރާއީލުން ގެންދަނީ ސިއްރުކުރަމުންނެވެ.

ސިފައިންގެ ބޭހަށް މިސައިލް ހަމަލާ ދިނުމުގެއިތުރުން، ލުބުނާނުގެ އިމާ ގާތުގައިވާ އިސްރާއީލު ސިފައިންގެ މަގާމުތަކަށާއި، ރަށްތަކަށް ހިޒްބުﷲއިން މިހާރުވެސް ގެންދަނީ އެތައްސަތޭކަ ރޮކެޓް ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ މުއާސަލާތީ ޓަވަރުތައް ގޮއްވައި ސިފައިންގެ ޓޭންކްތަކާއި، ބުލްޑޯޒަރުތައްވެސް ގެންދަނީ ގޮއްވަމުންނެވެ.

ބުރްކާން މިސައިލްގެ ހަމަލާތަކާއެކު އިސްރާއީލުގެ މީޑިއާއިން ގެންދަނީ، މިއީ ހިޒްބުﷲއިން އިސްރާއީލަށް ދިން އިންޒާރެއްތޯ ސުވާލު ކުރަމުންނެވެ. ނުވަތަ މިއީ ހަނގުރާމަ އިތުރަށް ފުޅާކުރުމުގެ އަމަލެއްތޯވެސް ސުވާލު އުފައްދައެވެ.

އިސްރާއީލުގެ ޣައްޒާއަށް ބޮންއަޅަން ފެށިފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، ހިޒްބުﷲގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲ އިއްޔެ ވިދާޅުވީ، ހިޒްބުﷲއިން އިސްރާއީލަށް ހަމަލާތައް ދެމުންގެންދަނީ އިސްރާއީލުން ޣައްޒާއަށް ހަދަމުންދާ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އިސްރާއީލާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ކުރަން ޖެހިއްޖެނަމަ އެކަންކުރަންވެސް ހިޒްބުﷲ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ހަސްރުﷲ ވިދާޅުވިއެވެ.

ޒަޔަނިސްޓު އިސްރާއީލުން އޮކްޓޫބަރު 7 ގައި ޣައްޒާއަށް ބޮންއަޅާން ފެށުމުން، އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ހިޒްބުﷲއިން ގެންދަނީ ލުބުނާނު އިމާ ގާތުގައިތިބި އިސްރާއީލު ސިފައިންނަށާއި، ރަށްތަކަށް ހަމަލާދެމުން ކަމަށާއި، ހަމަލާތައް ފެށި މައިގަނޑު ބޭނުމަކީ ޣައްޒާއަށް އޮތް ޕްރެޝަރ ކުޑަކުރުން ކަމަށްވެސް ހަސަން ނަސްރުﷲ ވިދާޅުވިއެވެ.

ހިޒްބުﷲގެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ގެންދަނީ ދޭތެރެ ދޭތެރެއިން ލުބުނާނުގެ ތެރެއަށް ވައިގެ ހަމަލާތައް ދެމުންނެވެ.

މިއަދުވެސް ލުބުނާނުގެ އަވަށްތަކަށް ވަރުގަދައަށް ބޮންއަޅާފައި ވެއެވެ.