އުރުދުންގެ ވެރިރަށް އައްމާންގައި، އެމެރިކާގެ ޚާރިޖީ ވަޒީރާއި، އަރަބި 5 ގައުމެއްގެ ޚާރިޖީ ޚާރިޖީ ވަޒީރުން މިއަދު ބައްދަލު ކުރައްވައި، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންގެ އިތުރުން، އުރުދުން، މިސްރު، ގަތަރު، ޔޫއެއީ އަދި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިސްރާއި، އުރުދުންގެ ޚާރިޖީ ވަޒީރުން އަރަބި 5 ގައުމުގެ ނަމުގައި ހުށަހެޅުއްވީ، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށެވެ.
ޣައްޒާ މައްސަލާގައި އެމެރިކާއިން ދަމަހައްޓަމުންގެންދާ މަގާމަކީ، ބައްދަލުވުމުގައި ބައިވެރިވާ އަރަބި ގައުމުތަކުން ގަބޫލުކުރާ މަގާމެއް ނޫން ކަމަށްވެސް ޚާރިޖީ ވަޒީރުން ބްލިންކެންއަށް ދެންނެވިއެވެ.
ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު މިހާރަށްވެސް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވުމުން، ހަމަލާތައް ހުއްޓުވަންޖެހޭ ކަމަށް މިސްރާއި، އުރުދުނުން ހާމަކުރިއެވެ.
މީގެއިތުރުން، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އެތައްކަމެއް، މިހާރުވެސް ޣައްޒާގައި ހިންގާފައިވާކަން އަރަބި ޚާރިޖީ ވަޒީރުން ފާހަގަ ކުރެއްވިއެވެ.
އިސްރާއީލުން ޣައްޒާގެ އެންމެ ފުނަށް ވަންނަން މަސައްކަތް ކުރާ ކުރުމަކީވެސް ދެކޮޅުވެރިކަން ނުހުއްޓި ކުރިއަށްދާ ސަބަބެއް ކަމަށް ޚާރިޖީ ވަޒީރުން ފާހަގަ ކުރެއްވިއެވެ.
މިސްރާއި އުރުދުންގެ ޚާރިޖީ ވަޒީރުންގެ ހުށަހެޅުއްވުމަށް ޖަވާބު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ، ހަމަލާތައް ހުއްޓާލަން ގޮވާލަންޖެހޭ ބޭނުމެއް އޮތްކަމަށް އޭނާއަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ބްލިންކެން ވިދާޅުވީ، އޮކްޓޫބަރު 7 ފަދަ އިތުރު އެތައް ހަމަލާތަކެއް ދޭނޭކަމަށް ހަމާސްއިން ވައުދުވެފައި ވުމުން، އެއީ ހަމާސްގެ މަގާމުކަމުގައި ވާނަމަ އިސްރާއީލުގެ ރައްޔިތުންގެ ދިފާއުގައި ހަމަލާދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންގެންދާ ކަމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށްވުރެ މަތީގައި އިސްރާއީލަށް އޮވެވިގެން ނުވާނެ ކަމަށެވެ.
ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ އޭނާވެސް ކުށްވެރި ކުރައްވާ ކަމަށާއި، ނަމަވެސް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޒަޔަނިސްޓް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން، ނިމުނު އޮކްޓޫބަރުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންގެ ގެތަކަށާއި، އާންމުން ދިރިއުޅޭ އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، މަގުތަކަށް ބޮންއަޅައި ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު، ޣައްޒާއިން އެކަނިވެސް 9،488 މީހުން ޝަހީދުވެފައި ވާއިރު، އޭގެތެރޭގައި ހިމެނޭ ތުއްތު ކުދިންނާއި، ކުޑަކުދިންގެ އަދަދު މިހާރުވަނީ 3،900 އަށް އަރާފައެވެ.