އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑުން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރު އަނބުރާ ގައުމަށް ގެންގޮސްފިއެވެ.

ޗާޑް ސަރުކާރުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްބަސެޑަރު އަނބުރާ ގެންދިޔައީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ނުރައްކާތެރި އުދުވާނުތަކާ ގުޅިގެން ކަމަށެވެ.

ޗާޑު ސަރުކާރުގެ ބަޔާނުގައި ހަމަލާތަކުގައި ކުށެއްނެތް އާންމު އެތައްބަޔަކު މަރުވަމުންދާތީ އެކަން ކުށްވެރި ކޮށްފައި ވެއެވެ. އަދި ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލާފައި ވެއެވެ.

ހަމަ އެއާއެކު، ފަލަސްތީނު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

ޗާޑަކީ، އިސްރާއީލުގެ އުދުވާނުތަކާ ގުޅިގެން އެންމެފަހުން އެމްބަސެޑަރު އަނބުރާ ގެންދިޔަ ގައުމެވެ. އަދި އިސްރާއީލާ ސިޔާސީ ގުޅުން އޮންނަ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެމްބަސެޑަރު އަނބުރާ ގެންދިޔަ ފުރަތަމަ ގައުމެވެ.

މީގެކުރިން، ދެކުނު އެމެރިކާގެ ގައުމުތައް ކަމަށްވާ ހޮންޑިއުރަސް، ޗިލީ، ކޮލަމްބިއާއިންވެސް ވަނީ އެމްބަސެޑަރުން އަނބުރާ ގެންގޮސްފައެވެ.

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލީވިއާއިންވަނީ އިސްރާއީލާ ސިޔާސީ ގުޅުން ކަނޑާލާފައެވެ.

އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރި ދެވަނަ އަރަބި ގައުމު ކަމަށްވާ އުރުދުނުންވަނީ، އިސްރާއީލުގައި ހުންނަވާ އެގައުމުގެ އެމްބަސެޑަރު އަނބުރާ ގައުމަށް ގެންގޮސްފައެވެ.

އުރުދުން ސަރުކާރުން ބުނެފައިވަނީ، އެމްބަސެޑަރު އަނބުރާ އިސްރާއީލަށް ފޮނުވާނީ ޣައްޒާގެ އުދުވާނު ހުއްޓާލިއިރަކުން ކަމަށެވެ.

ޒަޔަނިސްޓް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން، ނިމުނު އޮކްޓޫބަރުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންގެ ގެތަކަށާއި، އާންމުން ދިރިއުޅޭ އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، މަގުތަކަށް ބޮންއަޅައި ސުންނާފަތިކޮށް ބިމާހަމަކޮށް، އެތައްހާސް ތުއްތުކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އާންމުން ޝަހީދުކުރަމުން ގެންދާއިރު، އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ މިސްރު، ޔޫއޭއީ، ބަހްރެއިން، މޮރޮކޯ އަދި ސޫދާނުން ތިބީ ހިމޭނުންނެވެ.

މިއީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރުއެޅުމާއި، މާލީ އެހީތެރިކަމާއި، އަސްކަރީ އެހީތެރިކަމާއި، އެނޫން ބޮޑެތި އެހީތައް ހުށަހަޅައިގެން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރި ގައުމުތަކެވެ.

އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ އަރަބި ގައުމުތަކުން ގުޅުން ކަނޑާލަން ހަމާސްއިން ތަކުރާރުކޮށް ގޮވާލުމުންވެސް އަޅައެއް ނުލިއެވެ.

ތުރުކީން އިއްޔެވަނީ، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫއާ އެއްވެސް ކަމެއްގައި މުއާމަލާތް ނުކުރަން ނިންމައި، ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. އެހެން ނަމަވެސް، އިސްރާއީލާ ސިޔާސީ ގުޅުން ކަނޑާލަން ބޭނުންފުޅު ނުވާކަމަށް ތުރުކީގެ ރައީސް ވިދާޅުވެފައި ވެއެވެ.