• ބްލިންކެންގެ ބަސްމަގު މިއަދު ހުރީ އިއްޔެ ބަސްމަގާއި ރާގު ހުރިގޮތަކަށްނޫން

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ބޮންއަޅައި ބޮޑެތި ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާއިރު، އިސްރާއީލަށް ހަތިޔާރުދީ، ހިތްވަރުދެމުންގެންދާ ބަޚީލު އެމެރިކާއިން ބަސްމަގާއި ރާގު ބަދަލުވެއްޖެކަން ދުނިޔެއަށް ހާމަކޮށްދޭން މަސައްކަތް ފަށައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން މިއަދުވަނީ ރާމަﷲއަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާފައެވެ.

ދެބޭފުޅުންގެ ދެމެދުގައި ބޭއްވި ބައްދަލުވުން ގަޑިއެއްހާ އިރަށްވެސް ދެމިގެން ނުދެއެވެ.

އަދި ބައްދަލުވުމަށްފަހު މަހްމޫދު އައްބާސް އަދި އެންތަނީ ބްލިންކެންގެ ފަރާތުންވެސް ބަޔާނެއް ނުދެއްވައެވެ.

ބައްދަލުވުމުގެ ފަހުން، މަހްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަނޫ ރުދައިނާ ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓުވަންޖެހޭ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ބްލިންކެންއަށް ދެންނެވި ކަމަށެވެ.

ހަމަ އެއާއެކު، ޣައްޒާއަށް ވަގުތުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފަރުސަތު ފަހިވެގެން ދާންޖެހޭ ކަމަށް އައްބާސް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ފަލަސްތީނުގައި މިހާރު ވެރިކަންކުރާ ރާމަﷲއަކީވެސް އިސްރާއީލުން އިސްތިއުމާރުކޮށްފައި އޮންނަ ރަށެކެވެ.

ރާމަﷲގައި ފަލަސްތީނު ސަރުކާރު ހިންގަނީ، އިސްރާއީލުން ދީފައި އޮންނަ އިދާރީ ހިންގުމުގެ މަދު ބާރުތަކާ އެކުގައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން، މަހްމޫދު އައްބާސްއާ ބައްދަލުކުރެއްވުމަށް ރާމަﷲ އަށް ވަޑައިގެންނެވިއިރު، ރާމަﷲގެ ރައްޔިތުންވަނީ ބްލިންކެންއާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.

މަގުތަކަށް ނުކުތް އާންމުން ގޮވަމުންދިޔައީ، ޣައްޒާގައި ހިންގަމުންގެންދާ އުދުވާނަކީ އެމެރިކާގެ ބައިވެރިވުން އޮތް އުދުވާނުތަކެއް ކަމަށެވެ. އަދި ގަތުލުއާންމުތައް ހުއްޓުވަންވެސް އާންމުން ގޮވަމުންދިޔައެވެ.

ޣައްޒާގެ އުދުވާނާ ދެކޮޅަށް ރާމަﷲގައި ހިންގާ ކެމްޕެއިންގެ އިސް ބޭފުޅަކު ވިދާޅުވެފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން މިހާރު އަމަލުކުރައްވަނީ އެމެރިކާ ރައްޔިތުންގެ އަޣުލަބިއްޔަތުގެ ވިސްނުމާއި، އަދި އެމެރިކާގެ މަސްލަހަތާ ޚިލާފަށް ކަމަށެވެ.

ރާމަﷲއަށް ވަޑައިގެން ފަލަސްތީނުގެ ރައީސާ ބައްދަލު ކުރެއްވުމަށްފަހު ބްލިންކެންވަނީ ފުރާވަޑައިގެންފައެވެ. އޭނާގެ އަނެއް މަންޒިލަކީ ތުރުކީއެވެ.

ބްލިންކެން އަވަދިނެތި މަސައްކަތް ކުރައްވަމުން ގެންދަވަނީ، މުޅި ދުނިޔެއިން އެމެރިކާއަށް ކުރިމަތިވާ ޕްރެޝަރުން ސަލާމަތްވާނެ ގޮތެއް ހޯއްދެވުމަށެވެ. އެއީ، ޣައްޒާގެ އާންމުން މެރުމުގައި އެމެރިކާގެ ބައިވެރިވުން އޮތްކަމަށް ގިނަބަޔަކު ގަބޫލުކުރާތީއެވެ.

އެމެރިކާގެ އިތުރުން، އިސްރާއީލުން ކުރާ ހަނގުރާމައަށް ތާއީދުކުރާ އެހެން ގައުމުތަކަށްވެސް ދުނިޔެގެ ނަފްރަތު އަމާޒުވަމުން އެބަދެއެވެ.

އުދުވާނު ހުއްޓާލަން އިސްރާއީލަށް ގޮވާލަން ފަސްޖެހުނު ނަމަވެސް، ހަމަލާތައް ދޭއިރު އާންމުންނަށް ބެލުމަށް ބްލިންކެން އިއްޔެ އިސްރާއީލަށް ގޮވާލާފައި ވެއެވެ.

ފަލަސްތީނުގެ ރައީސާ ބައްދަލު ކުރެއްވުމަށްފަހުވެސް ބްލިންކެންވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން ފަސްޖެހިފައެވެ.

އެހެންނަމަވެސް އިންސާނީ އެހީ ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރާއި، ބިންތަކުން ބޭރުކުރެވިގެން ނުވާނެ ކަމަށް ބްލިންކެން ވިދާޅުވި ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

މިއީ، އިއްޔެ އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަވައި އެންތަނީ ބްލިންކެން ދެއްވި ރާގާއި ބަސްމަގު ހުރިގޮތެއް ނޫނެވެ.