ޣައްޒާއަށް ނިއުކްލިއަރ ބޮމެއް ވައްޓާލަން ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓް މިނިސްޓަރަކު ގޮވާލި މައްސަލަ ވަރަށް ހޫނުވެއްޖެއެވެ.

ޣައްޒައަށް ނިއުކްލިއަރ ބޮމެއް ވައްޓާލަން ގޮވާލީ އިސްރާއީލުގެ ދުރުކަނާތު ފިޔައިގެ ހަރުކަށި ހެރިޓޭޖް މިނިސްޓަރު އެމިހައި އެލިޔަހޫއެވެ.

އިސްރާއީލުގެ ރޭޑިއޯއަކަށް ދިން އިންޓަރވިއުއެއްގައި، ޣައްޒާއަށް އެޓޮމް ބޮމެއް ވައްޓާލުމާ ގުޅޭގޮތުން ރޭޑިއޯއިން ސުވާލުކުރުމުން އެލިޔަހޫ ބުނީ "އެއީ އޮތް ފުރުސަތެއް" ކަމަށެވެ.

ޣައްޒާގައި ދިރިއުޅޭ އާންމުންގެ އާބާދީއަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ "އެމީހުންނަށް އަޔަރލޭންޑަށް ނުވަތަ ސަހަރާތެރެއަށް ދެވިދާނެ. ނުވަތަ ޣައްޒާގައި ދިރިއުޅޭ "މޮންސްޓަރސް" އިން އަމިއްލައަށް ގޮތެއް ހޯދަފާނެ" ކަމަށެވެ.

މިކަމާ ގުޅިގެން ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި، އިސްރާއީލު މިނިސްޓަރުގެ ގޮވާލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ.

އަދި ބުނެފައިވަނީ، މިއީ، އިސްރާއީލުގެ އުދުވާނުތަކުން ފާއިތުވީ 30 ދުވަސްމަތިން ޣައްޒާގައި ހިންގަމުންގެންދާ ނަސްލު ނެތިކޮށްލުމުގެ ހަނގުރާމައިގެ ތަރުޖަމާއެއް ކަމަށެވެ.

ޣައްޒާއަށް ނިއުކްލިއަރ ބޮމަކުން ހަމަލާދޭން ގޮވާލި ޖައްލާދުކަލޭގެ:

ޣައްޒާއަށް ނިއުކްލިއަރ ބޮންއަޅަން ގޮވާލި މައްސަލާގައި ސައުދީ އަރަބިއްޔާއިންވެސް ވަނީ ވަރަށް ހަރުކަށި އިބާރާތުން އެ ގޮވާލުން ކުށްވެރި ކޮށްފައެވެ.

އިސްރާއީލުގެ މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ، މިއީ، ޒަޔަނިސްޓު ދައުލަތާއި، އިސްރާއީލު މީހުން ފަލަސްތީނު އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމް ރަމްޒުކޮށްދޭ ވާހަކަތައް ކަމަށެވެ.

އިސްރާއީލާކީ ސަރަހައްދަށާއި، މުޅި ދުނިޔެއަށްވެސް އޮތް ޓެރަރިޒަމްގެ ބޮޑު ބިރެއްކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ، ނިއުކްލިއަރ ބޮންއަޅަން ގޮވާލި މިނިސްޓަރު، ސަރުކާރުގެ ބައްދަލުވުންތަކުން އެކަހެރިކުރެވި، ވަކި މުއްދަތެއް ނެތްގޮތަށް މިހާރު ސަސްޕެންޑް ކޮށްފައިވާކަން ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނަކުން ހާމަކޮށްފައިވާ ކަމަށެވެ.

ނިއުކްލިއަރ ބޮމުގެ ވާހަކަ ހޫނުވެގެންދިޔައިރު، އިސްރާއީލު ސިފައިން މިހާރުވެސް ގެންދަނީ، ދުނިޔޭގައި ބޭނުންކުރުން މަނާކޮށްފައިވާ ބޮން ބޭނުންކޮށްގެން ޣައްޒާއަށާއި، ލުބުނާނަށްވެސް ހަމަލާދެމުންނެވެ.

ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަކީ ޓެރަރިސްޓުން ކަމަށާއި، ކުޑަކުއްޖެއް، އެހެންމީހެއް ނުބަލައި ޣައްޒާގެ ހުރިހާ އެންމެން މަރައި ހުސްކުރުމަށް އިސްރާއީލުގެ ސިޔާސީ މައިދާނުގައި އުޅޭ އެކި ފެންވަރުގެ މީހުން ނަތަންޔާހޫއަށް ގޮވާލަމުން ގެންދެއެވެ.