މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) – ފަވަރަ ގައި އަލަށް ބައިވެރިވާ ދެ ބޭންކަކާއިއެކު 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކޮށްފިއެވެ.

އަލަށް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގައި ބައިވެރިވެފައިވަނީ ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކް އެވެ.

މި އެގްރީމެންޓަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްޤުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރި އެގްރީމެންޓެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެއެވެ.

އެގޮތުން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި އަލަށް ސޮއިކުރި ބޭންކުތަކާއެކު އެމްއެމްއޭ އިން ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގ ގެ މަސައްކަތް މިހާރު ނިންމާފައިވާއިރު، މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ޕައިލަޓް ޓެސްޓިންގގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަދި ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގ ނިންމާ، މި ބޭންކުތަކުން ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމްއަކީ ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރި ނިޒާމެކެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގައި މީގެކުރިން ތިން ބޭންކަކުން ބައިވެރިވެފައިވާއިރު، އެއީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް، އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.