• ޝަހީދުވި މީހުންގެ ތެރޭގައި 4،104 ކުޑަކުދިންނާއި، 2،641 އަންހެނުން ހިމެނޭ

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މުޅި ޣައްޒާއަށް ބޮންއަޅައި ހިންގަމުންގެންދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގައި ޝަހީދުވި މީހުންގެ އަދަދު ދިހަހާހުން މައްޗަށް އަރައިފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޓެރަރިސްޓުންގެ ހަމަލާތަކުގައި ޝަހީދުވި މީހުންނާއި، ޒަޚަމްވި މީހުންގެ އެންމެފަހުންގެ މައުލޫމާތުވަނީ ހިއްސަ ކޮށްފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 10،022 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި 4،104 ކުޑަކުދިންނާއި، 2،641 އަންހެނުން ހިމެނޭ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

އަދި އިސްރާއީލުގެ ޓެރަރިސްޓުންގެ އުދުވާނުތަކުގައި ޒަޚަމްވި މީހުންގެ އަދަދު 25،408 އަށް އަރާފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ޓެރަރިސްޓުން ހޮސްޕިޓަލްތަކަށްވެސް ބޮންއަޅަމުން ގެންދާއިރު، ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސް މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދެއެވެ.

ޣައްޒާގެ އަލް ރަންތީސީ ހޮސްޕިޓަލަށް މިއަދު ދެފަހަރަށް ބޮންއަޅާފައި ވާއިރު، އެ ހޮސްޕިޓަލުގެ ކެންސަރ ސެންޓަރާއި، ސްޕެޝަލައިޒްޑް ޗިލްޑްރަން ސެންޓަރަށްވެސް ބޮންއަޅާފައި ވެއެވެ.

އަލް ރަންތީސީ ހޮސްޕިޓަލުގެ ސޯލާ ޕެނަލްއާއި، ފެން ޓޭންކަށްވެސް ހަމަލާދީ ހަލާކުކޮށްލާފައިވައިރު، ހޮސްޕިޓަލަށް ދިން އުދުވާނީ ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ 70 މީހުން ޒަޚަމްވި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި، ހޮސްޕިޓަލްގެ ސްޓާފުންނާއި، އަދި އިސްރާއީލުގެ އުދުވާނުތަކުން ސަލާމަތް ހޯދަން ހޮސްޕިޓަލަށް ވަދެފައިވާ ރެފިއުޖީންނެވެ.

ފާއިތުވީ ގަޑިއެއްހާ އިރުގެ ތެރޭގައި އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ދިން 18 އުދުވާނީ ހަމަލާތަކުގައި އެކަނިވެސް 252 މީހުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ހޮސްޕިޓަލްތަކާއި، ހޮސްޕިޓަލްތަކުގެ ސޯލާ ޕެނަލް އަދި ފެން ޓޭންކްތަކަށް ބޮންއަޅައި ގޮއްވަމުން ގެންދަނީ، ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުންނާއި، ހިމާޔަތް ހޯދައިގެންތިބި ކުޑަކުދިންނާއި އާންމުންގެ ފުރާނައަށް ނުރައްކާ ކުރުމުގެ ބޭނުމުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 192 މެޑިކަލް ސްޓާފުން ޝަހީދުކޮށްލާފައިވާ ކަމަށާއި، 32 އެމްބިއުލެންސަކަށް ބޮންއަޅައި ހަލާކުކޮށްލާފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ބުނެއެވެ.

ޣައްޒާގައި ސަލާމަތުން ހުރި ބޭކަރީތަކަށްވެސް ބޮންއަޅައި ސުންނާފަތި ކުރަމުންގެންދާއިރު، މިކަމުގެ ސަބަބުންވެސް ކާބޯތަކެތި ހޯދުމަށް އިތުރަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް، ޣައްޒާގެ ސަރުކާރުން ބުނެއެވެ.

ބައިނަލްއަގްވާމީ މުޖުތަމައު ހަމަހިމޭނުން އޮތުމުން، އެއީ ފެހި ސިގްނަލެއް ކަމަށް ބަލައި، ޓެރަރިސްޓު އިސްރާއީލުން ގެންދަނީ ޣައްޒާގެ އުތުރާއި، ޣައްޒާގެ ދެކުނުގެ ހުރިހާ ހިސާބުތަކަށް ބޮންއަޅައި، ރެއާއި ދުވާހު އެތައްސަތޭކަ ބަޔަކު ޝަހީދުކޮށް، ގެތަކާއި، އިމާރާތްތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި މިސްކިތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންނެވެ.