ޒަޔަނިސްޓު އިސްރާއީލުން ބޮޑުއަގު ދީގެން ޔޫރަޕުން ކުލީސިފައިން ގެންގޮސް ޣައްޒާގައި ގަތުލުއާންމު ހިންގަން ފޮނުވާފައިވާކަން މި ހަފްތާގައި ހާމަވެގެން ގޮސްފައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، ބޭރު އެތައް ގައުމެއްގެ ކުލީސިފައިން، އިސްރާއީލުގެ ޓެރަރިސްޓު ސިފައިންނާއެކު ޣައްޒާގައި ހަނގުރާމަ ކުރަމުން އެބަގެންދެއެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް މުންޑޯއިން މިދިޔަ ހުކުރުދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ސްޕެއިންގެ ކުލީސިފައިންގެ މީހެއް ކަމަށްވާ ޕެޑްރޯ ޑިއާޒް ފްލޯރެސް، ޣައްޒާގައި އިސްރާއީލަށް ހަނގުރާމަކޮށްދެމުން ގެންދާ ކަމަށެވެ.
ޕެޑްރޯ ޑިއާޒް ފްލޯރެސްއަކީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމުން، އޭނާގެ ގްރޫޕް ގޮވައިގެންގޮސް ޔޫކްރެއިނަށް ހަނގުރާމަކޮށްދޭން އުޅުނު ވަރުގަދަ ކުލީސިފައިންގެ މީހެކެވެ.
ރަޝިޔާގެ ހަމަލާތަކުގައި އޭނާ މަރުވެފައިވާ ކަމަށް ރަޝިޔާއިން ބުނެފައިވަނިކޮށް، އިސްރާއީލުން ބޮޑުއަގު ދީގެން އޭނާ ޣައްޒާގައި ހަނގުރާމަކުރަން އުޅޭކަންވަނީ ފަޅާއަރާފައެވެ.
އެލް މުންޑޯ ނޫހުން އޭނާއާ އިންޓަރވިއުވެސް ކޮށްފައި ވެއެވެ.
އެލް މުންޑޯއަށް މައުލޫމާތު ދެމުން ޕެޑްރޯ ޑިއާޒް ފްލޯރެސް ބުނެފައިވަނީ، އޭނާ ހަނގުރާމައަށް އައީ ފައިސާދޭތީ ކަމަށާއި، އިސްރާއީލުން ބޮޑު އަގެއް ދޭ ކަމަށެވެ. އެގޮތުން، ހަފްތައަކަށް 4،187 އެމެރިކަ ޑޮލަރު ދޭ ކަމަށާއި، ހަނގުރާމަކުރަން ރަނގަޅު ހަތިޔާރުވެސް ފޯރުކޮށްދޭ ކަމަށް ބުނެފައި ވެއެވެ.
އެހެން ނަމަވެސް، ޕެޑްރޯ ޑިއާޒް ފްލޯރެސް ބުނެފައިވަނީ، އޭނާ ސީދާ ހަމާސްއާ ދެކޮޅަށް ހަނގުރާމަ ނުކުރާ ކަމަށެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ، އިސްރާއީލު ސިފައިންގެ ގާފިލާތަކާއި، ސިފައިންގެ ފައުޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ކަމަށެވެ.
ޕެޑްރޯ ޑިއާޒް ފްލޯރެސް ބުނެފައިވަނީ، އޭނާއާއެކު ހަތިޔާރުއެޅި ހަނގުރާމަވެރި އެތައް ގްރޫޕެއް ހަރަކާތްތެރިވާ ކަމަށެވެ.
އެލް މުންޑޯގެ އާޓިކަލްގައި، ޕެޑްރޯއާއި އޭނާގެ ބައިވެރިން ޣައްޒާ ބޯޑަރުގައި އިސްރާއީލުން ޖަހާފައިވާ ޗެކްޕޮއިންޓެއްގައި ތިބި މަންޒަރުގެ ފޮޓޯއެއްވެސް ޝާއިއުކޮށްފައި ވެއެވެ.
އިސްރާއީލުން ބޮޑުއަގު ދީގެން ކުލީސިފައިން ގެންގޮސް ޣައްޒާގައި ހަނގުރާމަ ކުރުވަމުންދާ ކަމުގެ ރިޕޯޓްތައް މި އާންމުވީ، ޔޫކްރެއިންގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ކުލީސިފައިންގެ ގްރޫޕްތައް އިސްރާއީލަށް އެހީތެރިވެދީ، އިސްރާއީލު ސިފައިންނާ ބައިވެރިވުމަށް ޝައުގުވެރިވެ އެ ދިމާއަށް ސަމާލުކަން ހުއްޓެމުންދާ ކަމަށް މިދިޔަމަހު ރިޕޯޓްތައް ފެތުރިފައި ވަނިކޮށެވެ.
ޔޫކްރެއިން ދިފާއުކުރަން ހަތިޔާރުދީ، ހިތްވަރުދީ ތާއީދު ދެމުންގެންދިޔަ ހުޅަނގުގެ ސަމާލުކަންވެސް މިހާރު ހުއްޓިފައިވަނީ އިސްރާއީލަށެވެ.
އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގައި ބޮޑެތި ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ފާޅުކަންބޮޑު ގޮތެއްގައި ހިންގަމުން ގެންދާއިރުވެސް ހުޅަނގު އޮތީ އިސްރާއީލާ އެކުގައެވެ.
ޔަހޫދީންނަކީ ފިނޑިބައެއް