ޣައްޒާގައި ހިންގަމުންގެންދާ އުދުވާނުތަކާ ގުޅިގެން އިސްރާއީލުގައި ތިބި ދެކުނު އެފްރިކާގެ ހުރިހާ ޑިޕްލޮމޭޓުން އަނބުރާ ގެންދަން ދެކުނު އެފްރިކާ ސަރުކަރުން ނިންމުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފިއެވެ.

ދެކުނު އެފްރިކާގެ ރައީސްގެ އޮފީހުގެ މިނިސްޓަރ ޚުމްބޫޒޯ ނަޝަވެހެނި ޕްރެސް ބްރީފިންއެއްގައި ވިދާޅުވީ، އިސްރާއީލުގައި ތިބި ދެކުނު އެފްރިކާގެ ހުރިހާ ޑިޕްލޮމެޓިކް ސްޓާފުން އަނބުރާ ގައުމަށް އައުމަށް އަންގާފައިވާނޭ ކަމަށެވެ.

ޣައްޒާގައި ކުޑަކުދިންނާއި، ކުށެއްނެތް އެތައް އާންމުން މެރުން ނުހުއްޓި ކުރިއަށްދާ ދިއުމަކީ ދެކުނު އެފްރިކާ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރ ޚުމްބޫޒޯ ނަޝަވެހެނި ވިދާޅުވިއެވެ.

ދެކުނު އެފްރިކާ ސަރުކާރުގެ ޚާރިޖީ ވަޒީރު ޑރ. ނަލެޑި ޕަންޑޯރް ވިދާޅުވީ، އިސްރާއީލުން މިހާރު ދެމުންގެންދާ ހަމަލާތަކުގެ ޒާތަށް ބަލާއިރު، މިއީ މުޅި ޣައްޒާގެ ރައްޔިތުންނަށް އަދަބުދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެންވެ، އެކަމަކީ ދެކުނު އެފްރިކާ ކަންބޮޑުވާ ކަމެއްކަން އިސްރާއީލަށް އެންގުމަކީ މުހިއްމު ކަމެއްކަމަށް ދެކޭތީ، ޑިޕްލޮމޭޓުން އަނބުރާ ގެންނަ ނިންމީ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާ ގުޅިގެން މީގެކުރިން، އުރުދުން، ބަހްރެއިން، ތުރުކީގެ އިތުރުން، އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑް، ދެކުނު އެމެރިކާގެ ގައުމުތައް ކަމަށްވާ ހޮންޑިއުރަސް، ކޮލަމްބިއާ، ޗިލީންވެސް ވަނީ އެމްބަސެޑަރުން އަނބުރާ ގެންގޮސްފައެވެ.

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލީވިއާއިންވަނީ އިސްރާއީލާ ސިޔާސީ ގުޅުން ކަނޑާލާފައެވެ.

އިސްރާއީލާ މާ ދުރުގައިއޮތް، މުސްލިމުންގެ އަޣުލަބިއްޔަތު ނޯންނަ ގައުމުތަކުން ޑިޕްލޮމެޓިކް ގޮތުން އިސްރާއީލު ބޮއިކޮޓްކޮށް އެމްބަސެޑަރުން އަނބުރާ ގެންދާއިރު، އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ އިސްލާމީ ގައުމުތައް ކަމަށްވާ މިސްރު، ޔޫއޭއީ، މޮރޮކޯ އަދި ސޫދާނުން އަދިވެސް ތިބީ ހިމޭނުންނެވެ.

މި ގައުމުތަކަކީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރުއެޅުމާއި، މާލީ އެހީތެރިކަމާއި، އަސްކަރީ އެހީތެރިކަމާއި، އެނޫން ބޮޑެތި އެހީތައް ހުށަހަޅައިގެން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރި ގައުމުތަކެވެ.

އިސްރާއީލަށް ޑިޕްލޮމެޓިކްގޮތުން ދަތިކޮށް އެމްބަސެޑަރުން އަނބުރާ ގެންދިއުމަށް ފަލަސްތީނު ސަރުކާރުންނާއި، ހަމާސްއިން ތަކުރާރުކޮށް ގޮވާލަމުން ގެންދާއިރުވެސް، އެއިން އަޑެއް އިވޭކަމަކަށްވެސް އެ ގައުމުތަކުން ނުހަދައެވެ.