މިހާރަކަށް އައިސް ރާއްޖޭގައި އުޅަނދުފަހަރުގައި އެކަނި މަހަށް ނުކުތުމާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ވަނީ ގިނަވެފައެވެ. މިކަމަކީ ކަނޑު ދަތުރުފަތުރާ ގުޅޭ ޤާނޫނާއި އަދި އެ ޤާނޫނުގެދަށުން ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން މަނާކޮށްފައިވާ ކަމެކެވެ.

ނަމަވެސް މިކަންކަން ތަކުރާރު ވަމުން ދާއިރު ކަމާބެހޭ މުއައްސަސާތަކުން މިކަމަށް އެއްވެސް އަޅާލުމެއް އަދި މިކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އުޅަނދުފަހަރުގައި އެކަނި މަސްވެރިކަން ކުރުމަށް ނުކުންނަ ފަރާތްތަކާއި އަދި އެހެނިހެން ބޭނުންތަކުގައި އުޅަނދުފަހަރުގައި އެކަނި ދަތުރުފަތުރު ކުރާ މީހުންނަކީ ކޮބައިކަން ވަރަށް ސާފުކޮށް އެރަށްރަށުގެ ކައުންސިލްތަކަށް އަދި އެ ރަށްރަށުގައި ގާއިމްވެފައިވާ ޕޮލިސް ސްޓޭޝަންތަކަށް އެނގޭއިރު މިކަމަކީ ކޮންމެ ގޮތަކަށް ކުރަން ދޫކޮށްލާފައިވާ ކަމެއްގެގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

ޤާނޫނު ތަމްފީޒު ކުރުމަށް ތިއްބަވާ ފަރާތްތަކުން، ހަދާފައިވާ ގަވާއިދުތައް ތަންފީޒު ކުރެވޭނެގޮތަށް ކަންކަން ތަރުތީބު ކުރަން ޖެހެއެވެ. އެގޮތަކީ މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކަށް ނަސޭހަތްދީ އެނަސޭހަތާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުންކަމުގައި ވާނަމަ އެކަންކުރަން މިހާރުމިވަނީ ޖެހިފައެވެ. މިގޮތަށް މިކަންކަން ނުކުރެވޭނަމަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތު އެބައޮތެވެ. މިކަމަކީ އެއްވެސް ރައްޔިތަކު އެދެނޭ ކަމެއް ނޫނެވެ.

14 އޮކްޓޫބަރު 2023 ގައި އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ އދ. ދަނގެތީ ޔޫސުފު އިބްރާހީމް މިއަދާހަމައަށްވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް އެފަރާތުން ބޭނުންކުރި ދޯނި ވަނީ ހޯދިފައެވެ. ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އދ. ދަނގެތިން މި ގޮތަށް އަދި ރާއްޖޭގެ ކިތަންމެ ރަށަކުން މިގޮތަށް އެކަނި މަހަށް ނުކުންނަ މީހުން ތިބިކަމެވެ. އަދި މިކަން ހުއްޓުވަން ނުވަތަ މިކަން ކުރުމުގެ ސަބަބުން ދިމާވާ ހިތާމަވެރިކ ަންކަމާއި، މިކަމަކީ ގަވާއިދާ ހިލާފަށް ކުރެވޭ ނުރަނގަޅު ކަމެއްކަން ބުނެދެވި މީހުން މިކަމަށް ހޭލުންތެރިކުރަން އެއްވެސް ފަރާތަކުން މަސައްކަތް ކުރަމުން ނުދާކަމެވެ. މިފަދަ ކިތަންމެ ހާދިސާއެއް ކުރިންވެސް މި ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.

މިވާހަކަ މިގޮތަށް ދައްކާއިރު ރަށްރަށުން ކުދި ޑިންގީތަކުގައާއި އަދި އެކި ބާވަތުގެ އުޅަނދުފަހަރުގައި ރޭގަނޑު ދަތުރުކުރާއިރު ނުވަތަ ރޭގަނޑު ފަރުމަސްވެރިކަމަށް ނުކުމެ އުޅޭއިރު ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތަށް އެ އުޅަނދުފަހަރުގައި ހުރުން ލާޒިމްކުރާ ނެވިގޭޝަން އަލިތައް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ މަސްވެރިކަން ކުރަން އަޅާފައި ތިބޭއިރު ނެވިގޭޝަން ނެތުމުގެ ސަބަބުން އެތައްފަހަރެއްގެ މަތިން ވަނީ ހިތާމަވެރި ހާދިސާތައް ހިގާފައެވެ.

ރޭގަނޑު ކަނު އަނދިރީގައި މަސްވެރިކަން ކުރުމަށާއި އެހެނިހެން ބޭނުންތަކަށް އުޅަނދުފަހަރު ދުއްވާނަމަ އެ އުޅަނދުފަހަރުގައި ހުރުން ލާޒިމް ކޮށްފައިވާ ނެވިގޭޝަން އަލިތައް ނެތްނަމަ މިފަދަ ހާދިސާތައް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހެދިފައިވާ ގަވާއިދުތަކުގައި އުޅަނދުފަހަރު ރޭގަނޑު އަދި ވިއްސާރަވެ ލޮލަށް ފެންނަ ނިސްބަތް ދަށްވެފައިވާނަމަ އުޅަނދުފަހަރުގެ ނެވިގޭޝަން އަލިތައް ދިއްލުމަކީ މަޖުބޫރު ކަމެކެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވަނީ 3 މީޓަރަށް ވުރެ ކުރު އިންޖީނުލީ އުޅަނދުފަހަރު އެންމެ ބާރު ދުވެލި ގަޑިއަކު 7 މޭލަށް ވުރެ މަޑުވެފައި އިރުއޮސި 6 އިން ހެނދުނު 6 އާއި ދެމެދު ދަތުރުކޮށްފައި ދާނަމަ އުޅަނދުގެ ވަށައިގެން ފެންނަގޮތަށް ހުދު އަލި ފެންނަ ބައްތިއެއް ދިއްލާފައި ހުންނަންވާނެކ ަމަށެވެ. އަދި މި ބައްތި ބަހައްޓަންޖެހޭ ގޮތްވެސް ބަޔާންކޮށްފައި ވެއެވެ. އުޅަނދުގެ މަތި ކަމަށްވުރެ 5 ފޫޓު މަތީގައި މި މިބައްތި ހަރުކުރުމަށްވެސް ގަވާއިދުން ލާޒިމްކޮށްފައި ވެއެވެ.

އަދި ހަމައެހެންމެ ގަވާއިދު ނަންބަރު 2015/R-229 (ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު) ގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވަނީ 3 މީޓަރަށް ވުރެ ދިގު އިންޖީނުލީ އުޅަނދުފަހަރުގެ ދުވެލި ގަޑިއަކު 7 މޭލަށް ވުރެބާރު ނަމަ މާސްޓް ލައިޓް 225 ދަރަޖައަށް ފެންނަ އަލި ހުރުމާއި ސްޓާން ލައިޓް (ފަހަތު ބައްތި) 135 ދަރަޖައިގެ އަލި ފެންނަން ހުރުމާއެކު ޕޯޓް ސައިޑުގައި ރަތްއަލި އަދި ސްޓާބޯޑު ސައިޑުގައި ފެހި އަލި (މި ދެ އަލިވެސް 112.5 ދަރަޖައަށް) ފެންނަ ގޮތަށް ހުރުން ވަނީ ލާޒިމްކޮށްފައެވެ. ރޭގަނޑު އުޅަނދުފަހަރު ކަނޑުގައި ދަތުރުކުރާއިރު މި އަލިތައް ނެތްނަމަ އެއްއުޅަނދު އަނެއް އުޅަނދަށް މުޑިއަރާ ހިތާމަވެރި ހާދިސާތައް ހިގާނެއެވެ. ބައިނަލްއަގުވާމީ ގޮތުން މިކަންކަން ރެގިއުލޭޓު ކުރުމަށް "ކޮންވެންޝަން އޮން ދަ އިންޓަރނޭޝަނަލް ރެގިއުލޭޝަންސް ފޯ ޕްރިވެންޓިންގ ކޮލިއުޝަންސް އެޓް ސީ"، 1972 ވަނަ އަހަރުން ފެށިގެން ދަނީ ދުނިޔޭގެ ގައުމުތަކުން ތަންފީޒު ކުރަމުންނެވެ.

ގަވާއިދުތަކަކީ އެންމެންގެ ލާބަޔާއި މަންފާއަށް އަދި ސަލާމަތާ ރައްކާތެރިކަން ހޯދައި ދިނުމަށް ގާއިމުކުރެވޭ ކަމަކަށް ވާއިރު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރަންޖެހެއެވެ. މި ގޮތަށް އަމަލުތައް ނުބެހެއްޓުމުގެ ސަބަބުން 28 އޮކްޓޫބަރު 2023 ވަނަ ދުވަހު ހއ. އިހަވަންދޫއިން ހިބަރު މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކާއި ލޯންޗެއްޖެހި ހިނގި ހިތާމަވެރި ހާދިސާގައި މީހަކު ވަނީ ނިޔާވެފައެވެ. މިގޮތަށް ބަހައްޓަން ޖެހޭ އަލިތައް އުޅަނދުފަހަރުގައި ނެތި ދުއްވުމުގެ ސަބަބުން ތަފާތު އެކިއެކި ނުރައްކާތެރި ހާދިސާތައް ދަނީ ކަނޑުމަތީގައި ހިގަމުންނެވެ. އެހެންކަމުން މިކަމަށް ޚާއްސަ ސަމާލުކަމެއްދީ، އަދި ރަށްރަށުގެ ކައުންސިލްތަކުންނާއި އެކިއެކި ފަރާތްތަކުން ބާއްވާ މަސްރޭސްތަކާއި އިވެންޓުތަކުގައިވެސް ނެވިގޭޝަން އަލިތަކާއި ސަލާމަތީ ގޮތުން ހުރުން ލާޒިމްކޮށްފައިވާ ކަންކަން ފުރިހަމަ ނުކުރާ ފަރާތްތައް ބައިވެރި ނުވެވޭނެގޮތް ހަދައި ރަށްރަށުގެ ބަނދަރުތައް މޮނިޓާރކޮށް ފުރާ ދުއްވާ އުޅަނދުފަހަރުގައި ފުރިހަމަކޮށްފައި ހުރުން ލާއިމް ކަންކަން ފުރިހަމަކޯށްފައި ހުރިކަން ކަމާބެހޭ މުއައްސަސާތަކުން އިތުރަށް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ އެންމެންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި މުހިންމު ކަމެކެވެ.

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ދުއްވާމީހާއަކީ އެއުޅަނދުގެ އެންމެ އިސްކޮށް ހުރިހާ ކަމަކަށް ޒިންމާވާ ފަރާތްކަން ދެނެހުރެ، ތިމާ ދުއްވާ އުޅަނދުގައި ހުރުން ލާޒިމްވާ ކަންކަން ފުރިހަމަނުވެ ދަތުރަށް ފެށުމަކީ ތިމާއާއި ތިމާ ދަތުރުކުރާ އުޅަނދަށާއި އަދި ތިމާވެއްޓަށް އަދި އެ އުޅަނދުގައި ތިބި ފަސިންޖަރުންނާއި އަދި އުޅަނދުން އުފުލާ މުދަލަށް ހުރި ނުރައްކަލެއްކަން ދަންނަން ޖެހެއެވެ.

ކަނޑުމަތީގައި ހިނގާ ހާދިސާތަކުން އިބުރަތް ލިބިގަނެ ކަނޑު އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓްކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. އާދެ، ރައްކާވެ ތިބިއްޔާ ދަތުރެވެ.