• ހަމާސްއިން ބުނަނީ ހަމަލާތަކާހެދި ރަހީނުން މިނިވަންކުރުމަށް ހުރަސްއެޅޭ ކަމަށް

އަސީރުން މިނިވަން ނުކުރެވެނީސް ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް މަޑުޖެހުމެއް ނެތްކަމަށް، ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.

ދާދި ދެންމެއަކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި, ހަމަލާތައް ހުއްޓާލުމަށް މުޅި ދުނިޔޭގައި ގޮވާލުންތައް އިތުރުވަމުންދާ ދިއުމަށް އިޝާރާތްކޮށް ނަތަންޔާހޫ ބުނެފައިވަނީ، ފުރަތަމަ ކުރަންޖެހޭ ކަމަކީ ޣައްޒާގައި ރަހީނުކޮށްފައިވާ އަސީރުން މިނިވަންކުރުން ކަމަށެވެ.

އަދި، ރެޑް ކްރޮސް ޖަމާތަށް އަސީރުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށްވެސް ނަތަންޔާހޫ ގޮވާލާފައި ވެއެވެ.

ހަމާސްގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އިސްރާއީލުގެ މީހުން ދޫކޮށްލަން ތައްޔާރަށް އޮތްކަމަށް ހަމާސްއިން މީގެކުރިން އެތައް ފަހަރަކު ބުނެފައި ވެއެވެ.

ހަމާސްގެ އަސްކަރީ ފިޔަ، އަލްގައްސާމް ބްރިގޭޑުން އަންގާރަ ދުވަހުވެސް ބުނެފައިވަނީ، އަސީރުންގެ ތެރެއިން 12 މީހަކު މިނިވަންކުރަން ތައްޔާރު ކަމަށާއި، ނަމަވެސް، އިސްރާއީލު ސިފައިން އެއްގަމާއި، ވައިގެމަގުން ޣައްޒާއަށް ބޮންއެޅުން ހުއްޓާނުލާތީ، އެމީހުން މިނިވަންކުރަން ހުރަސްއެޅެމުންދާ ކަމަށެވެ.

އިސްރާއީލުން ބުނެފައިވަނީ، އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލަށް ހަމަލާދީ 241 މީހުން ހައްޔަރުކޮށްގެން ޣައްޒާއަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންނާއި، އާންމުންނެވެ.

ހަމާސްއިން މިހާތަނަށް 4 އަސީރަކު މިނިވަންކޮށް ދޫކޮށްލާފައި ވާއިރު، ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ އެމެރިކާ 2 މީހުންނާއި، އިސްރާއީލު 2 މީހުންނެވެ.

ހަމާސްއިން ކުރިން ބުނެފައިވަނީ، އިސްރާއީލު ސިފައިން އަލް ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮންއަޅައި ސުންނާފަތިކޮށްލިއިރު، ހަމާސްއިން އަސީރުކޮށްފައިވާ މީހުންގެ ތެރެއިން ސާޅީސް މީހުން މަރުވެފައިވާ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ނަތަންޔާހޫ ބުނީ، އަސީރުން މިނިވަން ނުކުރެވެނީސް ހަމަލާތައް ހުއްޓުމެއް ނެތް ކަމަށާއި، އަދި ޣައްޒާއަށް ތެޔޮ އެތެރެކުރިޔަވެސް ނުދޭނޭ ކަމަށެވެ.

ތެޔޮ ލިބުން ދަތިވެ، ޣައްޒާގެ އެތައް ހޮސްޕިޓަލެއްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިސްރާއީލުގެ ޓެރަރިސްޓު ސިފައިންވަނީ، ބައެއް ހޮސްޕިޓަލްތަކަށް ކަރަންޓް ބޭނުންކުރާ ސޯލާ ޕެނަލްތަކަށްވެސް ބޮންއަޅައި ހަލާކުކޮށްލާފައެވެ.

ޣައްޒާގެ އުތުރު ހުސްކޮށް އެންމެ ދެކުނަށް ދިއުމަށް އިސްރާއީލުން ތަކުރާރުކޮށް އިންޒާރު ކުރަމުންދާއިރު، ނަތަންޔާހޫ ޕްރެސް ކޮންފަރެންސްގައި ބުނީ، އިސްރާއީލު ސިފައިން "ގާޒާ ސީޓީ" މިހާރު ވަށާލާފައިވާ ކަމަށެވެ. ގާޒާ ސީޓީއަކީ ޣައްޒާގެ ވެރިރަށެވެ.

ނަތަންޔާހޫ ބުނީ، ސިފައިން ތިބީ ގާޒާ ސިޓީގެ މެދުތެރޭގައި ކަމަށެވެ.

އެހެން ނަމަވެސް، ޣައްޒާއިން ލިބޭ ކަށަވަރު ރިޕޯޓްތައް ބުނާގޮތުގައި، ހަމާސްއާއި، އިސްލާމިކް ޖިހާދުގެ ހަމަލާތައް ވަރުގަދަކަމުން އިސްރާއީލު ސިފައިންނަށް ކުރި ނޭރި މަޑުޖެހިފައިވާ ކަމަށެވެ.

ފިލާތިބެ ކުއްލި ހަމަލާތައްދީ، އަންގާރަދުވަހު އެކަނިވެސް އިސްރާއީލު ސިފައިންގެ 15 ޓޭންކް ގޮއްވާލި ކަމަށާއި، އެތައް ވެހިކަލެއް ހަލާކުކޮށްލި ކަމަށްވެސް ބުނެއެވެ.

ހޯމަދުވަހު އެކަނިބެސް 24 ޓޭންކް ގޮއްވާލިއެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ހަމާސްއާއި، އެކި ފަރާތްތަކުން އާންމުކޮށްފައި ވެއެވެ.