މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތަފާތުކަން ފާހަގަކޮށް ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރްސީގެ ވެބްސައިޓްގައި "އެޓޯލްސް" ސެގްމެންޓެއް ތައާރަފްކޮށްފިއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފަށާފައިވާ މި ސެގްމަންޓަކީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާތައް ރިފައިން ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
"އެޓޯލްސް" ސެގްމެންޓުން ފަތުރުވެރިންނަށް ރާއްޖޭގައި ފޮރުވިފައިވާ ރީތި ތަންތަން ހޯދުމަށް ޝައުގުވެރިކުރުވާ އެކަންކުރުމަށް ވަސީލަތެއް ލިބިގެންދާނެ ކަމަށާއި މި ސެގްމެންޓުން ރާއްޖޭގެ 26 އަތޮޮޅުން ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ލިބެން ހުންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މި ސެގްމަންޓް އުފެއްދުމުގެ އަމާޒަކީ ރާއްޖެއަކީ ހަމައެކަނި ހަނީމޫން މަންޒިލެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކޮށްލައި ފަތުރުވެރިން ހިޔާރުކުރުމަށް ރާއްޖެއިން ލިބެންހުރި ތަފާތު އެކޮމޮޑޭޝަން އޮޕްޝަންތަކަށް ފަތުރުވެރިން އަހުލުވެރިކުރުވައި "ސަނީ ސައިޑް އޮފް ލައިފް" ބްރޭންޑާމެދު ފަތުރުވެރިންގެ މެދުގައި އޮންނަ ތަސައްވުރު އިތުރަށް ތަރައްގީކުރުން ކަމަށް އެމްއެމްޕީއާރްސީން ހާމަކުރެއެވެ.
މިއީ އަތޮޅުތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރްސީން ދެކެއެވެ.