މިއަދުވެސް ހަރުކަށި އިސްރާއީލުގެ ފައިޓާ ޖެޓުތަކުން ފަލަސްތީނުގެ އާންމުންގެ ގެތަކަށް ބޮން އަޅައި ސުންނާފަތިކުރުން ހުއްޓާނުލައި ކުރިއަށް އެބަގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިސްރާޢީލުގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ، ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސަމުންދިޔަ ނިކަމެތި ހާލާމެދު ކެތްނުކުރެވިގެން "ހަމާސް"ގެ މުޖާހިދުން މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފެށި ވަރުގަދަ ޑިފެންސިވް އޮޕަރޭޝަނާއެކު އިސްރާއީލުގެ ރުޅިގަނޑު ފަޅައިގެން ގޮސް، ފަލަސްތީނުގެ އެތަން މިތަނަށް އަންނަނީ ހުއްޓުމެއް ނެތި ހަމަލާދީ ހަލާކުކުރަމުންނެވެ.
ވައިގެ މަގުން ބޮމާއި މިސައިިލާ ރޮކެޓުގެ ވާރޭ ވެއްސާ އެތައް ހާސް ފަލަސްތީން ރައްޔިތުންނެއް ޝަހީދުކޮށް ޒަހަމުކޮށް، އެތައް ބައެއްގެ ގެދޮރު ނެތިކޮށްލައި އެމީހުން މަގުމަތިކޮށް، ކަރަންޓާއި އިންޓަނެޓާއި މުވާސަލާތީ ޚިދުމަތާއި ކާބޯތަކެއްޗާއި ބޯފެނާއި ސިއްހީ ފަރުވާއިން ވަނީ މަހުރޫމުކޮށްފައެވެ.
އިންސާނިއްޔަތަށްޓަކައި ހެދިފައިވާ ޤާނޫނުތަކަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި ހޮސްޕިޓަލުތަކާއި ޕެރަމެޑިކްތަކަށާއި ނޫސްވެރިންނާއި ދަރުމަވެރިންގެ އިތުރުން ސިއްޚީ ޚިދުމަތްތެރިންނަށް ހަމަލާދީ ހަނގުރާމައިގެ ޖަރީމާތައް އަންނަނީ ހިންގަމުންނެވެ.
މިހާތަނަށް 10,569 މީހުން ޝަހީދުކޮށްލާފައިވާއިރު 41 އިންސައްތައަށް ވުރެ ގިނައީ ކުޑަކުދިންނެވެ.
މިވަރަކުން ނުފުދުނެވެ. ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. ދުނިޔޭގެ އެތައް މިލިއަން މީހުންނާއި ގައުމުތަކުގެ ވެރިންގެ ގޮވާލުންތަކަށް އިޖާބަދީ ހަމަލާތައް ހުއްޓާލާކަށް ނުވިސްނައެވެ.
އެންމެ ފަހުން ޣައްޒާއަށް ނިއުކްލިއަރ ބޮމެއް ވައްޓާލަން ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓް މިނިސްޓަރަކު ގޮވާލި މައްސަލަވެސް އެވަނީ ވަރަށް ހޫނުވެފައެވެ.
ޣައްޒައަށް ނިއުކްލިއަރ ބޮމެއް ވައްޓާލަން ގޮވާލީ އިސްރާއީލުގެ ދުރުކަނާތު ފިޔައިގެ ހަރުކަށި ހެރިޓޭޖް މިނިސްޓަރު އެމިހައި އެލިޔަހޫއެވެ.
އިސްރާއީލުގެ ރޭޑިއޯއަކަށް ދިން އިންޓަރވިއުއެއްގައި، ޣައްޒާއަށް އެޓޮމް ބޮމެއް ވައްޓާލުމާ ގުޅޭގޮތުން ރޭޑިއޯއިން ސުވާލުކުރުމުން އެލިޔަހޫ ބުނީ "އެއީ އޮތް ފުރުސަތެއް" ކަމަށެވެ.
ޣައްޒާގައި ދިރިއުޅޭ އާންމުންގެ އާބާދީއަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ "އެމީހުންނަށް އަޔަރލޭންޑަށް ނުވަތަ ސަހަރާތެރެއަށް ދެވިދާނެ. ނުވަތަ ޣައްޒާގައި ދިރިއުޅޭ "މޮންސްޓަރސް" އިން އަމިއްލައަށް ގޮތެއް ހޯދަފާނެ" ކަމަށެވެ.
މިކަމާ ގުޅިގެން ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި، އިސްރާއީލު މިނިސްޓަރުގެ ގޮވާލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެއެވެ.
އަދި ބުނެފައިވަނީ، މިއީ، އިސްރާއީލުގެ އުދުވާނުތަކުން ފާއިތުވީ 30 ދުވަސްމަތިން ޣައްޒާގައި ހިންގަމުންގެންދާ ނަސްލު ނެތިކޮށްލުމުގެ ހަނގުރާމައިގެ ތަރުޖަމާއެއް ކަމަށެވެ.
ޣައްޒާއަށް ނިއުކްލިއަރ ބޮންއަޅަން ގޮވާލި މައްސަލާގައި ސައުދީ އަރަބިއްޔާއިންވެސް ވަނީ ވަރަށް ހަރުކަށި އިބާރާތުން އެ ގޮވާލުން ކުށްވެރި ކޮށްފައެވެ.
އިސްރާއީލުގެ މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ، މިއީ، ޒަޔަނިސްޓު ދައުލަތާއި، އިސްރާއީލު މީހުން ފަލަސްތީނު އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމް ރަމްޒުކޮށްދޭ ވާހަކަތައް ކަމަށެވެ.
އިސްރާއީލާކީ ސަރަހައްދަށާއި، މުޅި ދުނިޔެއަށްވެސް އޮތް ޓެރަރިޒަމްގެ ބޮޑު ބިރެއްކަމަށް ހަމާސްއިން ބުނެފައި ވެއެވެ.
އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ، ނިއުކްލިއަރ ބޮންއަޅަން ގޮވާލި މިނިސްޓަރު، ސަރުކާރުގެ ބައްދަލުވުންތަކުން އެކަހެރިކުރެވި، ވަކި މުއްދަތެއް ނެތްގޮތަށް މިހާރު ސަސްޕެންޑް ކޮށްފައިވާކަން ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނަކުން ހާމަކޮށްފައިވާ ކަމަށެވެ.
ނިއުކްލިއަރ ބޮމުގެ ވާހަކަ ހޫނުވެގެންދިޔައިރު، އިސްރާއީލު ސިފައިން މިހާރުވެސް ގެންދަނީ، ދުނިޔޭގައި ބޭނުންކުރުން މަނާކޮށްފައިވާ ބޮން ބޭނުންކޮށްގެން ޣައްޒާއަށާއި، ލުބުނާނަށްވެސް ހަމަލާދެމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ވައިޓް ފޮސްފަރަސް ބޮމުގެ ސަބަބުން ނޭވާލުމުގެ ނިޒާމުގެ މައްސަލަ ޖެހިގެން މަދުވެގެން 10 މީހަކަށް ފަރުވާދެމުން އެބަ ދެއެވެ.
ވައިޓް ފޮސްފަރަސްއަކީ ވަރަށް ވިހަގަދަ މާއްދާއެކެވެ. މި މާއްދާ އެކުލެވޭ ބޮން މީގެ ކުރިންވެސް އިސްރާއީލުން ވަނީ ބޭނުންކޮށްފައެވެ.
އެހެން ނަމަވެސް މީގެ ނުރައްކާތެރިކަން ބޮޑުކަމުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މި މާއްދާ އެކުލެވޭ ބޮމެއް އާންމުން އުޅޭ ސަރަހައްދަކަށް ބޭނުން ކުރުން ވަނީ ހުރިހާ ޤައުމުތަކަށް ވެސް މަނާކޮށްފައެވެ.