- ިއިސްރާއީލުގެ ހަމަލާތަކަކީ އަމިއްލަ ދިފާއުގެ ހަމަލާތަކެއްނޫން ކަމަށް މިސްރުން ބުނޭ
އިސްރާއީލުން ހަނގުރާމަ ކުރަމުންދަނީ ފަލަސްތީނުގެ ހުރިހާ ރައްޔިތުންނާ ދެކޮޅަށް ކަމަށް، ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ ވިދާޅުވެއްޖެއެވެ.
ޕެރިހުގައި މިއަދު ފެށި، އެހީގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ބޮޑުވަޒީރު ވިދާޅުވީ، އިސްރާއީލުން ހަނގުރާމަ ކުރަމުންދަނީ ހަމާސްއާ ދެކޮލަށް ނޫން ކަމަށާއި، އިސްރާއީލުން ހަނގުރާމަ ކުރަމުންދަނީ ފަލަސްތީނުގެ ހުރިހާ ރައްޔިތުންނާ ދެކޮޅަށް ކަމަށެވެ.
ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ހުރިހާ ގާނޫނުތަކާ ޚިލާފްވަމުންދާ ކަމަށް ޝްތައްޔާ ވިދާޅުވިއެވެ.
އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ ހިމާޔަތާއި ރައްކާތެރިކަން ފަލަސްތީނު ރައްޔިތުންނަށް މިހިނދުން މިހިނދަށް ބޭނުންވާ ކަމަށްވެސް ފަލަސްތީނުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ޒަޔަނިސްޓް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މިހާރުވެސް ގެންދަނީ ޣައްޒާގެ އެތަން މިތަނަށް ބޮންއަޅައި އާންމުން ޝަހީދުކޮށް އިމާރާތްތައް ސުންނާފަތި ކުރަމުންނެވެ.
އަދި ހުޅަނގު އައްސޭރީގެ ރަށްތަކުގައިވެސް ބަޑިޖަހައި ފަލަސްތީނުގެ އާންމުން ޝަހީދުކޮށް، ބުލްޑޯޒަރު ބޭނުންކޮށްގެން އިމާރާތްތަކާއި މަގުތައް ހަލާކުކުރަމުން އެބަގެންދެއެވެ.
ޓެރަރިސްޓުންގެ އުދުވާނުގައި ޣައްޒާއިން އެކަނި ޝަހީދުވި މީހުންގެ އަދަދު އެގާރަހާހާ ގާތްކޮށްފައިވާއިރު، އިސްރާއީލު ހުއްޓުވަން އދއިންވެސް އަދި ދުނިޔޭގެ އެއްވެސް ގައުމަކުން މަސއްކަތް ކުރާތީއެއް ނުފެނެއެވެ.
ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ، އިސްރާއީލުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާ ތަކުރާރުކޮށް ޚިލާފްވަމުންދާއިރު، ބައިނަލްއަގްވާމީ މުޖުތަމައު ހަނުއޮންނާނީ މިސްރުން މިއަދުވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
ޕެރިހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިސްރުގެ ޚާރިޖީ ވަޒީރު ސާމީ ޝުކްރީ ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދެމުންގެންދާ ހަމަލާތަކެއް ނޫން ކަމަށެވެ. އިސްރާއީލުގެ އަމަލުތައް ހުރީ އަމިއްލަ ދިފާއުގެ ހައްގުގެ މަތީގައި ކަމަށްވެސް ވިދާޅުވިއެވެ.
މިސްރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން ގެންގުޅެނީ ވަކިފަރާތަކަށް ޖެހިފައިވާ ވިސްނުންތަކެއް ކަމަށެވެ.