މިދިޔަ އޮކްޓޫބަރު މަހު ޓެކުހުން ދައުލަތަށް 2.01 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 61.3 އިންސައްތަ އިތުރު އަދަދެކެވެ. އަދި، އޮކްޓޫބަރު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 29.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޫބަރު 2022 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު އޮކްޓޫބަރު 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ ސަބަބަކީ ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާ އަށް ފަސްވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން ސެޕްޓެންބަރު 2022 އާއި އަޅައިބަލާއިރު ސެޕްޓެންބަރު 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 16.9 އަށް އިތުރުވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އޮކްޓޫބަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓެކުހުގެ މުހިންމު ސުންގަޑި ހަމަވާ ދުވަހެއް، ރިޔާސީ އިންތިޚާބާ ގުޅިގެން ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން، މި ސުންގަޑި އޮކްޓޫބަރުގެ ފުރަތަމަ ހަފްތާއަށް ފަސްވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 65.74 އިންސައްތަ ނުވަތަ 1.32 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 8.02 އިންސައްތަ ނުވަތަ 161.47 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 152.82މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 92.56 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 77.19 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.72 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޮކްޓޫބަރު 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.