- ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 4،506 ކުޑަކުދިން
- ހޮސްޕިޓަލްތަކަށް ބޮންއެޅުން ވަނީ އިތުރުކޮށްފައި
- ޣައްޒާގެ އުތުރުން ދެކުނަށް މީޙުން ދާންފެށުމުންވެސް ހަމަލާދެނީ
ޒަޔަނިސްޓް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ދެމުންގެންދާ ނަސްލު ނެތިކޮށްލުމުގެ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އެގާރަހާހުން މައްޗަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ، އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތަކުގައި މިއަދުގެ ނިޔަލަށް 11،078 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 4،506 ކުޑަކުދިންވެސް ހިމެނެއެވެ.
ޣައްޒާގެ އެތައް ހޮސްޕިޓަލަށާއި، އާންމު ޚިދުމަތްދޭ ތަންތަނަށް ރޭގައި ވަރުގަދައަށް ބޮންއެޅުމަށްފަހު އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ ޓޭންކްތައް މިހާރު ޣައްޒާގެ އެތައް ހޮސްޕިޓަލެއް ވަށާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ބޮންއަޅައި ހަލާކުކޮށްލުމުގެ ސަބަބުން ޣައްޒާގެ ޖުމްލަ 21 ހޮސްޕިޓަލެއްގެ ޚިދުމަތް މިހާރު އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.
ޣައްޒާ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްޤުދްރާ ވިދާޅުވީ، ބުރާސްފަތި ދުވަހުން ފެށިގެން މިހާތަނަށް އެކަނިވެސް އިސްރާއީލުން ޝިފާ ހޮސްޕިޓަލަށް 5 ފަހަރަށް ބޮންއަޅާފައިވާ ކަމަށެވެ. މި ހަމަލާތަކުގައި 13 މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
ޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެބޮޑު ހޮސްޕިޓަލެވެ،
އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ ޓޭންކްތައް ވަށާލާފައިވާ ހޮސްޕިޓަލްތަކުގެ ތެރޭގައި އައްރަންތީސީ، އައްނަސަރު، ގަވަރމަންޓް އައި ހޮސްޕިޓަލް އަދި މެންޓަލް ހެލްތު ހޮސްޕިޓަލް ހިމެނެއެވެ.
ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލު ސިފައިން ހޮސްޕިޓަލްތައް "ކިޑްނެޕް ކުރަމުންދަނީ އިސްރާއީލުގެ ރަހީނުން މިނިވަންކުރުމަށް" ކަމަށެވެ.
އަނެއްކޮޅުން، ޣައްޒާގެ އިތުރުން އާންމުން ދެކުނަށް ދިއުމަށް ރައްކާތެރި މަގުތައް ކަމަށް އިސްރާއީލުން ބުނަމުންދާ މަގުތަކުން ދަތުރުކުރި އެތައްހާސް ބަޔަކަށް މިއަދު ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.
އިސްރާއީލު ސިފައިން ހަމަލާދީފައިވަނީ ސަލާހުއްދީން މަގުން ދަތުރުކުރި އާންމުންނަށެވެ. ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިސްރާއީލު ސިފައިން ހުޅުވާ މަގުތަކަކީ ދަންތުރަ ކަމަށާއި، އެމީހުންނަށް އެއްވެސް ވަރަކަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށް ޣައްޒާގެ އާންމުން ގެންދަނީ ބުނަމުންނެވެ.