މިއަދަކީ މި އަހަރުގެ ޖުމްހޫރީ ދުވަހެވެ.

ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރަނީ ކީއްވެތޯ ފަހަރުގައި ތިޔައިގެ ތެރެއިން މީހެއްގެ ހިތަށް އަރާފާނެއެވެ. ނުވަތަ މިކަމާ މެދު ފިކުރުކުރެވިދާނެއެވެ. ހާއްސަކޮށް މިއީ އަރަފޯދަމުން އަންނަ ޅަސިކުނޑިތަކުގައި މިއަދު އޮވެދާނެ ސުވާލެކެވެ.

ދިވެހި ތާރީޚަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟

މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ގައުމުގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެ މަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ. އެކަމަކު ދެންވެސް ތަޚުތު ހުރީ ފަޅަށެވެ.

އެހެން ނަމަވެސް، މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ރާއްޖޭގެ ރަސްކަން ރުހިގެން ތިބެ ދިވެހީން އެރުވިއެވެ. އެއީ މީލާދީން 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ގައުމުން ބޭރުގައި ކަމަށްވުމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ދުވަސްތައް ދިގުލައިގެންދިޔައެވެ.

ރާއްޖޭގެ ރަސްކަމުގެ ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ކަންބޮޑުވެ ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ސައްލާތަކަކަށް ފަހު ނުކުތް ނަތީޖާއަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ދިވެހީންގެ މިއެދުމަށް އާންބަސް ވިދާޅުވާން ކިތަންމެ ބޭނުންފުޅުވު ނަމަވެސް ރަސްކަލެއްގެ ގޮތުގައި ގައުމުގެ ހިންގުމާ ހަވާލުވެވަޑައިގަތުމަށް މުޙަންމަދު އަމީން ހިތްޕުޅާވެވަޑައިނުގަތެވެ. އަމިއްލަފުޅު އެދުމެއް އޮތަތީއެއް ނޫނެވެ. އެހެނަސް، ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުންނެވެ.

ތިލަކޮށް ދަންނަވާނަމަ ދިވެހި ދަރިންނަށްޓަކައި ސިލޯނުގައްޔާއި، އަދިވެސް ބޭރުގެ އެތަންމިތަނުގައި އެމަނިކުފާނު ކުރައްވަމުން ގެންދެވި ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމްކުރެއްވުމަކީ ޤައުމުގެ ޙުއްބުލްވަޠަންގެ ޙައްޤުގައި ކުރައްވަން ހެޔޮނުވާނެ ކަމެއްކަމުގައި އަމީނަށް ފެނިވަޑައިގަންނަވާތީއެވެ.

ބަހަނާއަކަސް އުޒުރަކަސް ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގެންނެވެން ނެތް ކަމަށް ދެއްކެވި ސަބަބީ މިއެވެ.

އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ތިލަފަތުން ކިރަން ފެށިއްޖެއެވެ. މިގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު އެންމެފަހުން ނިންމެވީ ރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަަމަ ޖުމްހޫރިއްޔާގެ ހަމައެކަނި ރައީސް މުހައްމަދު އަމީން

މިގޮތުގެމަތިން ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް ރަސްކަމުން ޖުމްހޫރިއްޔާއަކަށް ފިރައިލިއެވެ. އެއީ މީލާދީން 1 ޖެނުއަރީ 1953 ގައެވެ.

އެހެން ނަމަވެސް ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ މާގިނަ ދުވަހަކު ދެމިނުއޮތެވެ. ފުރަތަޖަ ޖުމްހޫރިއްޔާ އުވިގެންދިޔައީ ބަރާބަރު ހަތް މަހާއި ދުވަސްކޮޅެއްގެ ފަހުންނެވެ. އަނެއްކާވެސް ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތުން ރަސްކަމަކަށް ފިރައިލީއެވެ.

ތާޖު ތުރުކުރައްވައި ތަޚުތުގައި ވެޑުވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލްއެވެ. ތާރީޚަކީ މީލާދީން 7 މާޗް 1954އެވެ. އެ ރަސްގެފާނުގެ ވެރިކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖެ އަނެއްކާވެސް ޖުމްހޫރިއްޔާއަކަށް ފިރައިލިއެވެ.

މިގޮތުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ފެށުނީ މީލާދީން 11 ނޮވެމްބަރ 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްމަރުޙޫމް އިބްރާހީމް ނާޞިރެވެ. އޭގެ ފަހުން، އެ ތާރީޚާ ގުޅުވައި ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަން ފެށީއެވެ.

ރައީސް ނާސިރަށް ފަހު، ދިގު ތިރީސް އަހަރުގެ ވެރިކަމެއް ކުރެއްވި ރައީސް މައުމޫން އަބްދުލް ޤައްޔޫމަކީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސެވެ. އެއަށްފަހު، ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދެވަނަ ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސް، ޑރ. މުޙައްމަދު ވަހީދު، ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެރިކަން ކުރެއްވިއެވެ.

ނިމިގެން މިދަނީ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމެވެ. މިމަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވުމަށްފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގަންނަވާނީ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ.

ޖުމްހޫރީ ވެރިކަމަކީ ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެވެ. މިފަދަ ވެރިކަމުގެ ނިޒާމެއްގައި، ވެރިކަން ބިނާވެގެންދާނީ، ޢާއްމު ރައްޔިތުންގެ އަޣުލަބިއްޔަތުން، ޢާއްމު ރައްޔިތުންގެ ގިނަ ބަޔަކު އެދޭގޮތަށެވެ. މިގޮތުން ރައްޔިތުން ޢަމަލުކުރަންޖެހޭ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތައް އެކަށައަޅަނީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނެވެ.

އެގޮތުން ޖުމްހޫރީ ވެރިކަމެއްގެ ވެރިންކަމުގައި ރައްޔިތުން ވެގެންދަނީ، ހުރިހާ ނިންމުމެއްގައި ވެސް ސިއްކަޖެހިގެން ދަނީ ރައްޔިތުންގެ އަޣުލަބިއްޔަތުން ކަމަށްވާތީއެވެ. މިނިޒާމުގައި ރައްޔިތުންގެ ކޮންމެ ފަރުދަކަށް ޝަޙްޞީ ޙައްޤުތަކަކާއި، ޒާތީ މިނިވަންކަމެއް ލިބުމުގެ ނަތީޖާއަކީ އެކެއްގެ ޙައްޤަށް އަނެކަކު އަރައިނުގަނެވޭފަދަ ވާޖިބުތަކާއި ޤަވާއިދުތަކެއް އެކަށައެޅިގެން ދިއުމެވެ.

މިއަދު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތަށް މިވަނީ 55 ފުރިފައެވެ.