އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުން ގަދަކަމުން މަގުމައްޗަށް ނެރެމުންދާ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފިއެވެ.

ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓަރ މާއި އަލް-ކައިލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލު ސިފައިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ހޮސްޕިޓަލްތަކުގައި ހިމާޔަތް ހޯދައިގެން ތިބި އާންމުން ހޮސްޕިޓަލްތަކުން ނެރެ އެހެން ތަންތަނަށް ފޮނުވަން ނޫން ކަމަށާއި، އެމީހުން ކުރާކަމަކީ، އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނާއި، ޒަޚަމްވެގެން ފަރުވާ ހޯދަމުންދާ މީހުން ހޮސްޕިޓަލްތަކުން ގަދަކަމުން މަގުމައްޗަށް ނެރެ އެއްލާލުން ކަމަށެވެ.

އިސްރާއީލުގެ މި އަމަލުގެ ސަބަބުން ފަރުވާނުދެވި އެތައް ބަލިމީހުން މަގުތައް މަތީގައި މަރުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ފަލަސްތީނު ސަރުކާރުގެ ޚާރިޖީ ވަޒީރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި ވިދާޅުވެފައިވަނީ، ޣައްޒާގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި ކިޑްނީގެ މައްސަލަޖެހި ޑައިލިސިސް ހަދަމުންދާ އެތައް ކުދީންނާއި، އުމުރުން ދުވަސްވީ އެތައް މީހުން ހިމެނޭ ކަމަށާއި، ފަރުވާނުދެވި އެތައް ބަލިމީހުން މަރުވަމުންދާ ކަމަށެވެ.

ހެލްތު މިނިސްޓަރ މާއި އަލް-ކައިލާ ވިދާޅުވީ، އިސްރާއީލުގެ އުދުވާނުތަކުން އައްރަންތީސީ ހޮސްޕިޓަލާއި، ޓާކިޝް ހޮސްޕިޓަލް ގަދަބާރުން ހުސްކޮށްލުމުގެ ސަބަބުން، އެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންދިޔަ 3،000 ބަލިމީހުން މަރުވާން ދޫކޮށްލާފައިވާ ކަމަށެވެ.

އަލްގުދްސް ހޮސްޕިޓަލްގެ އެތެރެ:

ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، އިސްރާއީލުން އަނެއްކަވެސް ޝިފާ ހޮސްޕިޓަލަށް ހަމަލާދިނުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއް މިހާރު ހުއްޓިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްގުދްރާ ވިދާޅުވީ، ހޮސްޕިޓަލުގައި ކުރިން ފަރުވާދެމުން ގެންދިޔަ މީހުންނަށްވެސް ފަރުވާދިނުން ހުއްޓިފައިވާ ކަމަށެވެ.

އަލްޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެބޮޑު ހޮސްޕިޓަލެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ގެންދަނީ، ޝިފާ ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކަށާއި، ގޯތިތެރެއަށާއި، ގޭޓުތަކަށް ބޮންއަޅަމުންނެވެ. ހޮސްޕިޓަލަށް ވަންނަން މަސައްކަތްކުރާ އެންމެނަށްވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުން ދެވަނަ ފަހަރަށް ބޮންއެޅުމުގެ ސަބަބުން ޝިފާ ހޮސްޕިޓަލްގެ އައިސީޔޫއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު، އަލްގުދްރާ ވިދާޅުވީ، ތުއްތުކުދިން ބައިތިއްބާ ނާސަރީގެ ލައިފް ސަޕޯޓް މެޝިންތަކުގެ މަސައްކަތް ހުއްޓި ބައެއް ކުދިންގެ ފުރާނަ ގޮސްފައިވާ ކަމަށެވެ.

އިތުރު 70 ކުދިންގެ ފުރާނަ ދިއުމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލްޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒަގޫތު ވިދާޅުވީ، ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ސަބަބުން 650 ބަލިމީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. އޭގެތެރޭގައި 36 ކުޑަކުދިންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މުހައްމަދު ޒަގޫތު ވިދާޅުވީ، އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ގެދޮރު ހަލާކުވެ މަގުމަތިވެފއިވާ 1،500 މީހުންވެސް ހޮސްޕިޓަލުން ހިމާޔަތް ހޯދައިގެން އެބަތިބި ކަމަށެވެ.