- ސަމިޓުގެ ނިންމުމުން މުޅި އުންމަތަށް ލަދުވެތިކަން
- ސިޔާސީ، އިގްތިސާދީ ބާރުގެ ބޭނުންކުރަން 4 ގައުމަކުން ދެކޮޅުހެދި
ޒަޔަނިސްޓު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލަތަކާ ގުޅިގެން ސައުދީ އަރަބިއްޔާގައި ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ސަމިޓުގެ ނަތީޖާ، ހަމާސްއިން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
ބެއިރޫތުގައި ހުންނަވާ ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވީ، ސަމިޓުން ހަރުދަނާ އެއްވެސް ނިންމުމެއް އައިސްފައި ނުވާ ކަމަށެވެ.
ނުވިތާކަށް، ހަރުދަނާ ވިޔަވަޅެއް އަޅަން ނުނިންމުނުއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވަން ވަގުތުން އަޅާނެ ފިޔަވަޅުތަކެއްވެސް އެކަށަ ނޭޅުނުކަމަށް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން އުންމީދުކުރަނީ، އަރަބި އަދި މުސްލިމު ގައުމުތަކުން އެމީހުންގެ އަތްމަތީގައި ހުރި ސިޔާސީ އަދި އިގްތިސާދީ ބާރުތަކުގެ ބޭނުންކޮށް އެމެރިކާއަށް ފިއްތުންތައް ކުރިމަތިކޮށް، ފަލަސްތީނުގެ އާންމު ރއްޔިތުންނާއި ކުޑަކުދިންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނު ވަގުތުން ހުއްޓުވުމަށް ކަމަށެވެ.
ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގައި ބޭއްވި އަރަބި ލީގް - އޯއައިސީ ޖޮއިންޓް ސަމިޓުން ހަމައެކަނި ކުރިކަމަކީ، އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނު ކުށްވެރި ކުރުމެވެ.
އިސްރާއީލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި، އެއީ، ޖައްބާރު، ލާއިންސާނީ ގަތުލުއާންމުތަކެއް ކަމަށްވެސް، ސަމިޓުން ގޮވާލާފައި ވެއެވެ.
ޣައްޒާގެ ހިސާރުދޫކޮށް، އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް އެތެރެކުރުމުގެ ފުރުސަތު ދިނުމަށްވެސް ގޮވާލިއެވެ. އަދި އިސްރާއީލުގެ އުދުވާނު ހުއްޓުވަން ގަރާރެއް ފާސްކުރުމަށް އދގެ ސަލާމަތީ މަޖިލީހަށްވެސް ގޮވާލިއެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި 57 މެމްބަރު ގައުމު ހިމެނޭއިރު، ސަމިޓަށް ވަޑައިގެންނެވީ މަދު ގައުމުތަކެއްގެ ވެރިންނެވެ.
މުހައްލިލުން ވިދާޅުވަނީ، އިސްރާއީލު ހުއްޓުވުމުގެ ނިޒާމެއް، ޣައްޒާއަށް އެހީ ފޮނުވުމުގެ ބާރެއްވެސް އޯއައިސީއަކަށް ނެތްކަމަށެވެ. އެއީ، އަރަބި އިސްލާމީ ގައުމުތަކުގެ މެދުގައި އޮތް ޚިޔާލު ތފާތުވުންތަކުގެ ބޮޑުކަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި، ސިޔާސީ އަދި އިގްތިސާދީގޮތުން އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމަށް އޯއައިސީ ސަމިޓަށް ހުށަހެޅުނު ޕްރޮޕޯސަލް ފެއިލްކޮށްލީ ސައުދީ އަރަބިއްޔާ، އުރުދުން، ޔޫއޭއީ އަދި މިސްރުންނެވެ.
ސަމިޓުގައި ބައިވެރިވި އަނެއް 11 ގައުމުން އެ ޕްރޮޕޯސަލްއަށް ތާއީދުކުރިއެވެ.
ޕްރޮޕޯސަލްގައި ހިމެނެނީ، ތެލުގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، އަރަބި ގައުމުތަކުގައި ހަދާފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުން އިސްރާއީލަށް ހަތިޔާރު ފޮނުވުމަށް ހުރަސްއެޅުމާއި، އަރަބި ބައެއް ގައުމުތަކާއި އިސްރާއީލާ ދެމެދު އޮންނަ ސިޔާސީ، އިގްތިސާދީ، ސަލާމަތީ އަދި އަސްކަރީ ގުޅުން ގަނޑުކުރުން ހިމެނެއެވެ.
ނަމަވެސް، ސަމިޓު ވެގެންދިޔައީ، ކުރިންވެސް ހީކުރެވުނު ގޮތަށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ބޮޑު ނާއުންމީދެއް ގެނުވި، އިސްލާމީ އުންމަތަށް ބޮޑު ލަދުވެތިކަމެއް ގެނުވި ސަމިޓަކަށެވެ.