ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ ހުރިހާ ހޮސްޕިޓަލެއްގެ ޚިދުމަތް ހުއްޓިއްޖެކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ހުއްޓުނުކަން އިއުލާން މިކުރީ، ހަނގުރާމައިގައި ޒަޚަމްވެގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންނާއި، އަލަށް އުފަންވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންގެންދާ ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް ޑޮކްޓަރުން ބުނަމުން ގެންދަނިކޮށެވެ.

މުޅި ޣައްޒާގައިވެސް ސިއްހީ ޚިދުމަތްދޭ އެންމެބޮޑު ހޮސްޕިޓަލަކީ އަލް ޝިފާ ހޮސްޕިޓަލެވެ.

އަލްޝިފާ ހޮސްޕިޓަލްގައި 650 ބަލިމީހުންނާއި، 500 ސިއްހީ ޚިދުމަތްތެރިންނާއި، ހިމާޔަތް ހޯދައިގެން 2،500 އާންމުން އެބަތިއްބެވެ. މިއީ، މީގެ 5 ވަރަކަށް ދުވަސްކުރިން ހޮސްޕިޓަލުގައި ތިބި ކަމަށް އިއުލާންކުރި އަދަދުތަކަށްވުރެ އެތައްގުނަ މަދު އަދަދު ތަކެވެ.

އިސްރާއީލުގެ އިންޒާރުތަކާއެކު އެތައް ބަޔަކުވަނީ ހޮސްޕިޓަލް ދޫކޮށް ގޮސްފައެވެ.

އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ހިންގަމުންގެންދާ އުދުވާނުގައި އަލްޝިފާ ހޮސްޕިޓަލަށް އެތައް ފަހަރަކު ބޮންއަޅައި ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

ހޮސްޕިޓަލްގައި ތިބި ބަލިމީހުން ގޮނޑިއެއްގައި ނުވަތަ އެނދެއްގައި ނެރޭކަށްވެސް އިސްރާއީލު ސިފައިން ހުއްދައެއް ނުދެއެވެ. އަންގަނީ ދެއަތް މައްޗަށް ނަގައިގެން ބޭރަށް ނުކުތުމަށެވެ.

އެކަމަކު، އުދުވާނީ ހަމަލާތަކުގައި ގިނަ މީހުންގެ އަތްފައި ނެތްއިރު، އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ޑޮކްޓަރުން ގެންދަނީ ބުނަމުންނެވެ.

ޣައްޒާ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްގުދްރާ ވިދާޅުވީ، ވޭތުވެދިޔަ 3 ދުވަސްތެރޭ، ފަރުވާ ނުދެވިގެން ޝިފާ ހޮސްޕިޓަލުން 32 ބަލިމީހުން ނިޔާވެފައިވާ ކަމަށެވެ. ނިޔާވި މީހުންގެ ތެރޭގައި ދުވަސްނުފުރާ ވިހެއި 3 ކުދިންވެސް ހިމެނެއެވެ.

ތެޔޮ ހުސްވެގެން އިމަޖެންސީ ޖަނަރެޓަރު ނުހިނގި ޝިފާ ހޮސްޕިޓަލްގެ ޚިދުމަތްތައް މެދުކެނޑުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އިސްރާއީލު ސިފައިން ތަކުރާރުކޮށް ގެންދަނީ، ޝިފާ ހޮސްޕިޓަލުގައި ތިބި ބަލިމީހުން އެތަނުން ނުކުތުމަށް އަންގައި އިންޒާރު ކުރަމުންނެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްގުދުސް ހޮސްޕީޓަލުގެ އިންކިއުބޭޓަރުގައި އެތައް ކުދިން ތިބިއިރު، ޑައިލިސިސްހަދާ އެތައް ބަލިމީހުންވެސް އެބަތިއްބެވެ.

އަލްގުދުސް ހޮސްޕިޓަލާއި، ހިސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކަށް މިހާރުވެސް ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާއިރު، ޒަޚަމްވާ މީހުން ނަގަން އެމްބިއުލެންސް ގާތްވިޔަވެސް ނުދެއެވެ.