ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ހަރުކަށި ޔަހޫދީ ޖަމާއަތެއް ކަމަށްވާ ޒަޔަނިސްޓް އިސްރާއީލުން ހިންގަމުން އަންނަ ޖަރީމާގެ ތެރެއިން ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 11,200 އަށް އަރައިފިއެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 11،200 އަށް ވުރެ ގިނަ މީހުން ޝަހީދުވިއިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިސްރާއީލު ޖަމާއަތުގެ މީހުންގެ ރަސްމީ އަދަދަކީ 1،200 އެވެ.
އޮކްޓޫބަަރު ހަތްވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ރެއާއި ދުވާލު އިސްރާއީލުން އަންނަނީ ފަލަސްތީނުގެ އެތަން މިތަނަށް ހަމަލާތައް ދެމުންނެވެ. ޣައްޒާގެ 2.5 މިލިއަން މީހުންގެ އާބާދީ ކަރަންޓާއި ފެނާއި ކާބޯތަކެއްޗާއި ތައުލީމާއި ސިއްޚީ ފަރުވާއިން މަހުރޫމުކޮށް، ކުޑައެއްބޮޑެއް ބެލުމެއްނެތި ބޮމާއި ބަޑިން ހަމަލާދީ، ފާއިތުވާ ކޮންމެ 24 ގަޑިއިރަކު އެތައް ބަޔަކު ޝަހީދުކޮށް ޒަޚަމުކުރަމުންދާއިރު ދުނިޔެ ދައްކަމުންދަނީ ކަނު ލޮލެކެވެ.
އިސްރާއީލުގެ އަނިޔާވެރިކަން ހުދޫދުން ބޭރުވެފައިވާއިރު ޣައްޒާގެ ހުރިހާ ހޮސްޕިޓަލެއްގެ ޚިދުމަތް ހުއްޓިއްޖެކަމަށްވެސް، ހެލްތު މިނިސްޓްރީންވަނީ އިއުލާން ކޮށްފައެވެ.
ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ހުއްޓުނުކަން އިއުލާން މިކުރީ، ހަނގުރާމައިގައި ޒަޚަމްވެގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންނާއި، އަލަށް އުފަންވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންގެންދާ ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް ޑޮކްޓަރުން ބުނަމުން ގެންދަނިކޮށެވެ.
މުޅި ޣައްޒާގައިވެސް ސިއްހީ ޚިދުމަތްދޭ އެންމެބޮޑު ހޮސްޕިޓަލަކީ އަލް ޝިފާ ހޮސްޕިޓަލެވެ. އިސްރާއީލުގެ އިންޒާރުތަކާއެކު އެތައް ބަޔަކުވަނީ ހޮސްޕިޓަލް ދޫކޮށް ގޮސްފައެވެ.
އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ހިންގަމުންގެންދާ އުދުވާނުގައި އަލްޝިފާ ހޮސްޕިޓަލަށް އެތައް ފަހަރަކު ބޮންއަޅައި ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.
ހޮސްޕިޓަލްގައި ތިބި ބަލިމީހުން ގޮނޑިއެއްގައި ނުވަތަ އެނދެއްގައި ނެރޭކަށްވެސް އިސްރާއީލު ސިފައިން ހުއްދައެއް ނުދެއެވެ. އަންގަނީ ދެއަތް މައްޗަށް ނަގައިގެން ބޭރަށް ނުކުތުމަށެވެ. އެކަމަކު، އުދުވާނީ ހަމަލާތަކުގައި ގިނަ މީހުންގެ އަތްފައި ނެތްއިރު، އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ޑޮކްޓަރުން ގެންދަނީ ބުނަމުންނެވެ.
ތެޔޮ ހުސްވެގެން އިމަޖެންސީ ޖަނަރޭޓަރު ނުހިންގި ޝިފާ ހޮސްޕިޓަލްގެ ޚިދުމަތްތައް މެދުކެނޑުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އިސްރާއީލު ސިފައިން ތަކުރާރުކޮށް ގެންދަނީ، ޝިފާ ހޮސްޕިޓަލުގައި ތިބި ބަލިމީހުން އެތަނުން ނުކުތުމަށް އަންގައި އިންޒާރު ކުރަމުންނެވެ.
ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްގުދުސް ހޮސްޕީޓަލުގެ އިންކިއުބޭޓަރުގައި އެތައް ކުދިން ތިބިއިރު، ޑައިލިސިސްހަދާ އެތައް ބަލިމީހުންވެސް އެބަތިއްބެވެ.
އަލްގުދުސް ހޮސްޕިޓަލާއި، ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކަށް މިހާރުވެސް ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާއިރު، ޒަޚަމްވާ މީހުން ނަގަން އެމްބިއުލެންސް ގާތްވިޔަވެސް ނުދެއެވެ.