"އެންމެނަށް މީޑިއާނެޓު" ތީމްގެ ދަށުން ދިވެހިރާއްޖޭގެ އެންމެ ބޮޑު ރީ ބްރޯޑްކާސްޓިންގް ކުންފުނި މީޑިއާނެޓުގެ ވަރަށް ޚާއްސަ އިވެންޓެއް، އަވަށްޓެރި ސްރީލަންކާގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި އިވެންޓަކީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.

މީޑިއާނެޓުން ވަނީ "އެމް އެސް ގްލޯބަލް" ގެ ނަމުގައި ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތާއެކު ރާއްޖެއިން ބޭރުގައިވެސް ދިވެހި ޗެނަލްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. އަދި މީޑިއާނެޓުގެ ވީޑިއޯ ކްލަބްގެ ޚިދުމަތުގައި ހިމެނޭ ދިވެހި ފިލްމާއި ސީރީޒް އަދި ދުނިޔޭގެ މަގްބޫލު ފިލްމުތަކާއި ސީރީޒްތައް ވެސް ބަލާލެވޭނެއެވެ. އެއީ "އެމް އެސް ލައިޓް ގްލޯބަލް" ޚިދުމަތް މެދުވެރިކޮށް ޓީވީން އަދި "އެމް އެސް ޑިޖިޓަލް ގްލޯބަލް" ޚިދުމަތް މެދުވެރިކޮށް ފޯނުންނެވެ.

އެމް އެސް ގްލޯބަލް ޚިދުމަތައް ޚާއްސަކޮށްގެން ބާއްވާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 16 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް، ދިވެހިންގެ ތެރޭގައި މަގްބޫލު ކެފޭއެއް ކަމުގައިވާ ސްރީލަންކާގެ ގުރުވަ ކެފޭގައެވެ.

މި އިވެންޓުގައި އެމް އެސް ގްލޯބަލް ޚިދުމަތާ ގުޅޭ މައުލޫމާތު ދިނުމާއ،ި ރަޖިސްޓްރޭޝަން ފުރިހަމަ ކުރުން ކުރިއަށް ދާނެއެވެ. ހަމައެހެންމެ އިވެންޓް ކުރިއަށްދާއިރު ކެފޭގައި އެމް އެސް ގްލޯބަލް އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މި އިވެންޓްގެ ރޭގަނޑު ދަންފަޅީގައި ލައިވް މިއުޒިކްވެސް ކުރިއަށްދާނެކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ. މި އިވެންޓަކީ ސްރީލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަށް އެއްތަނަކުން ބައްދަލުކޮށްލާ، ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއްކަން މީޑިއާނެޓުން ފާހަގަކުރެއެވެ.

އެމް އެސް ގްލޯބަލް ޚިދުމަތް ބޭނުންކުރުމަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު އިންޓަނެޓް ކަނެކްޝަނެކެވެ. މީޑިއާނެޓު އެޕްލިކޭޝަން އެންޑްރޮއިޑް ޓީވީއަށް އިންސްޓޯލް ކޮށްލައިގެން މި އެޕްލިކޭޝަން ބޭނުންކުރެވޭއިރު ޕްލޭ ސްޓޯރ އަދި އެޕް ސްޓޯރ އިން ފޯނު ޑިވައިސްތަކަށް އިންސްޓޯލް ކުރެވޭނެއެވެ.

އެމް އެސް ލައިޓް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 199 ރުފިޔާއެވެ. އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 74 ރުފިޔާއެވެ. މި ދެ ޚިދުމަތަށް ޚާއްސަ އަހަރީ ޕްލޭންތަކެއްވެސް މީޑިއާނެޓުންވަނީ ތަޢާރަފްކޮށްފައެވެ.